ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދާއި ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާ އުފުލީ ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލައިގައެވެ. އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް ޖެހިފައި އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހެކިންގެ ހެކިބަހުން އެ އެއްބަސްވުމަކީ ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށް އަދި އިސްލާމިކް މިނިސްޓްރީގެ އެކި ލެވެލްގައި ޗެކުކުރުމަށްފަހު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެ ހުރިހާ މަރުހަލާއެއްގައި ނުފެނުނު ކުށެއް އެހެން ބޭފުޅަކަށްވެސް ނުފެނި ހިނގައިދާނެ ކަމަށެވެ.
ހެކިންގެ ހެކިބަހުންނާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކޮށް ޒިޔާދުއާއި ސައީދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ނޮވެމްބަރު 2، 2021 ގައެވެ.
ޒިޔާދު އާއި ސައީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ދަށު ކޯޓުގެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިމައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ ޖެނުއަރީ 6، 2022 ގައެވެ.
މިމައްސަލަ ނިންމާ ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ޒިޔާދު އާއި ސައީދުގެ މައްސަލަ ދިރާސާކުރުމަށްފަހު އިތުރަށް އިސްތިއުނާފް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވާތީ ދައުވާ ފޯމު ބާތިލްކޮށް މައްސަލަ ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ. އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެސްޖޭ އިން ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާވެސް ކުރި އެވެ.