ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒިޔާދުގެ މައްސަލަ މާދަމާ ހައިކޯޓުގައި ފަށަނީ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.

ހައިކޯޓުގައި މި މައްސަލަ ފެށުމަށް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:45 ގަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދާއި ޒިޔާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އުފުލާފައި ވަނީ ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލައިގަ އެވެ.

މި މައްސަލަ ޒިޔާދު އަދި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ދައުލަތުން ވަނީ އެ ނިންމުމާ ހިތްހަމަނުޖެހިގެން ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފަ އެވެ.

ހައިކޯޓުގައި ތާވަލުކޮށްފައިވަނީ ޒިޔާދުގެ ބައި އެކަންޏެވެ. އިބްރާހިމް އަބްދުﷲ ސައީދުގެ ބައި އަދި ތާވަލެއް ނުކުރެ އެވެ.