ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒިޔާދަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

Oct 5, 2021

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ޒިޔާދާއި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

މި ދައުވާ އުފުލާފައިވަނީ ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާތާރެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލާގަ އެވެ. އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތްޕުޅުން ކުރީގެ އަޑުއެހުމެއްގައި ވަނީ ވިދާޅުވެފަ އެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ.

މިމައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ މުހައްމަދު މިސްބާހު ވަނީ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމަށް ނިންމަވާފަ އެވެ.

ޒިޔާދުގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރި ދައުވާ ނިންމުން ލަސްވެގެން ޒިޔާދުގެ ވަކީލް ނޫރުއްސަލާމް މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެ އެވެ.

ޒިޔާދުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްލީ މިސަރުކާރުގަ އެވެ. އެކަމާ ގުޅިގެން އެސްޖޭ އިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.