ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒިޔާދުގެ މައްސަލަ: ހެއްކާ ބެހޭގޮތުން ވާހަކަ ދައްކައި ނިންމައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި ދެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަދައްކާ ނިންމައިފި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރީ އޭނާ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެ އެވެ.

ޒިކުރާ މިސްކިތުގެ މައްސަލާގައި ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާތާރެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮތް ނަމަވެސް އެއްބަސްވުމުގައި ވަނީ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށެވެ. އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ގާތްވެފައިވާއިރު މިއަދުގެ ޝަރީއަތުގައި ހެއްކާ ބެހޭގޮތުން ވާހަކަދައްކަމުން ދައުލަތުގެ ވަކީލް ވަނީ ދިފާއުން ހުށަހަޅާފައިވާ ހެކިތަކާ ބެހޭ ގޮތުން ސުވާލު އުފައްދާފަ އެވެ. އަދި އެއްބަސްވުމުގައިވާ ކުށް ރަގަޅު ކުރުމަށް އިބްރާހީމް އަބްދުﷲ ސައީދު، އެސްޖޭއަށް ފޮނުވި އީމެއިލް އަކީ އުފައްދާފައިވާ އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ކޮމްޕިއުޓަރުން މެއިލްގެ ބެކަޕެއް ލިބިފައިނުވާތީ އެއީ އުފައްދާފައިވާ މެއިލެއްކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން އިސްކާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައި ކޮށްފައިވާ ސޮއިތަކާއި އެ ދެ ބޭފުޅުންގެ ސޮއި ދިމާވާ ކަމަށް ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށެވެ.

ދައުލަތުން އިތުރަށް ވަނީ މި ދެ ބޭފުޅުން ދިފާއީ ހެކިންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޒިޔާދާއި އިބްރާހިމް އަބްދުﷲގެ ފަރާތްޕުޅުން ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވެފައި ވަނީ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް ދައުލަތުން ފާހަގަކުރި ނަމަވެސް އެ ގެއްލުން ލިބިފައި ވަނީ މިހާރުގެ އިސްލާމިކް މިނިސްޓްރީއިން އެއްބަސްވުން ބާތިލުކުރުމުން ކަމަށެވެ. އެއްބަސްވުމާ ހިލާފަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޒިކުރާ މިސްކިތުގެ ބިން ހަވާލުކޮށްފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ޒިޔާދު ހިލާފުވެވަޑައިގެންފައި ވަނީ އެ އެއްބަސްވުމުގެ ކޮން މާއްދާއަކާ ކަމެއް ދައުލަތުން ބުނެދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެ އެއްބަސްވުން ދައުލަތުން ބާތިލުކޮށްފައި ވަނީ ގާނޫނާ ހިލާފަށްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކުން އެނގެން އޮތް ކަމަށް ވެސް ނޫރުއްސަލާމް ވަނީ ފާހަގަކުރައްވާފަ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވުމެވެ. އެއަށްފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ.

ޒިޔާދުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.