ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޒިޔާދު މައްސަލަ އިސްތިއުނާފް ކުރަން އަދި ނުނިންމާ

Nov 9, 2021

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާމެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު އަވަސް އަށް ވިދާޅުވީ އެ މައްސަލައިގައި އަދި މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. މައްސަލަ އިސްތިއުނާފް ކުރުމަށް އެ އޮފީހަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދާއި ޒިޔާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އުފުލާފައިވަނީ ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލާގަ އެވެ.

އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތްޕުޅުން ކޯޓުގައި ވަނީ ވިދާޅުވެފަ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހެކިންގެ ހެކިބަހުން އެ އެއްބަސްވުމަކީ ފިނޭންސް މިނިސްޓްރީއިން އެޕްރޫވްކޮށް އަދި އިސްލާމިކް މިނިސްޓްރީގެ އެކި ލެވެލްގައި ޗެކުކުރުމަށްފަހު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެހެން ބަޔަކަށް ނުފެނުނު ކުށެއް އެންމެ ބޭފުޅަކަށް ނުފެނި ހިނގައިދާނެ ކަމަށެވެ.

ހެކިންގެ ހެކިބަހުންނާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކޮށް ދެ ބޭފުޅުންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް މިމަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ މިސަރުކާރުގަ އެވެ. އެކަމާ ގުޅިގެން އެސްޖޭ އިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.