ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީގެ ޕާސްޕޯޓު މައްސަލަ ރިވިއުކުރަން ހުށަހަޅައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތް މައްސަލަ ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިނުގަތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުއިއިރު އިސްތިއުނާފު ރައްދުވާ ފަރާތް ހިމަނާފައި ނުވާތީ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން ބުނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ 9، 2021 ގައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދަން ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރު ކޮށްލައިފަ އެވެ.

އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ. އޭނާ މިހާރު ހުރީ އިނގިރޭސިވިލާތުގަ އެވެ.