ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުނު އަމުރާ މެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު އަވަސް އަށް ވިދާޅުވީ އެ އަމުރު ކޯޓުން ނެރެދީފައި ނުވާ ކަމަށެވެ.
އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދުމަށް ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ.
އަލީ ވަހީދުގެ މައްސަލާގައި އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު އޮތް އަލީގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ހާޒިރުވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހުންނަވައިގެންނެވެ. ނަމަވެސް ޕީޖީ އޮފީހުން ކުރިން ވަނީ އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ ކޮން ތަނެއްގައި ހުންނަވައިގެން ކަން ނޭނގޭތީވެ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުގައި ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުންނަ މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ބައިވެރިވާ ގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފަ އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
މައްސަލަ އިސްތިއުނާފް ކުރިތާ ހަފްތާއެއް ވީއިރު ހައިކޯޓުން ވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރީ ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.