އަލީ ވަހީދު

އަލީގެ ބޭހަށް މުއްދަތު އިތުރުކޮށްދިން ކަމުގެ ތުހުމަތު

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ބޭސްފަރުވާ ކުރެއްވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިދީފައިވާ މުއްދަތު އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ އެއީ ހަގީގަތެއްތޯ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފި އެވެ.

ހައިލަމް މި ސުވާލު ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވާތީ އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނުމާއި ގުޅިގެންނެވެ. ފުުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރެވެމުންދާ ކަމަށެވެ.

އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ޕޮލިސް ޓް ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށްވެސް އިތުރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ހައިލަމް ވަނީ އަލީ ވަހީދުގެ މައްޗަށް ރެޑް ނޯޓިހެއް ނެރުމަށް އިންޓަޕޯލްގައި އެދުނީ ކޮންކޯޓެއްގެ އަމުރަކުން ބާރު ލިބިގެންގެންތޯ ހައިލަމް ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެކަމަށް އެދިފައިވަނީ ސުޕްރީމް ކޯޓްގެ ހުރުމަށް ކަނޑާލި މައްސަލައިގެ ހުކުމް ތަންފީޒު ކުރަންތޯ ސުވާލު ކުރެއްވިއެވެ.

"ކްރިމިނަލް ކޯޓުން ވަނީ ބޭސްފަރުވާގެ މުއްދަތު އޮގަސްޓް 26 ގެ ނިޔަލަށް އިތުރުކޮށްދީފައިނޫންތޯ،" ފުލުސް ޓެގް ކުރައްވާ ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހައިލަމް މި ސުވާލުތައް އުފެއްދެވިއިރު އަލީ ވަހީދު ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީވެސް ސުވާލު އުފެދޭ ގޮތަކަށެވެ. ބޭސްފަރުވާއަކަށް ކަމަށް ބުނެ އޭނާ ފުރުވާލުމަށް އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި ކުރުމާމެދު ބޮޑެތި ސުވާލުތަކެއް އެބައޮތެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިކަން މީޑިއާތަކުން ހާމަކުރުމުން އެކަމުގައި ސަރުކާރުންވެސް ފުރަތަމަ ދެއްކީ ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ. އެ މައުލޫމާތު ފުރަތަމަ ލިބުނީ މީޑިއާއިން ކަމަށް ސަރުކާރުން ބުންޏެވެ. އަދި ފުރަތަމަ އާންމުވި ކޯޓް އަމުރުގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ހުށައެޅީ ދައުލަތުން ކަމަށް އޮތްކަން ހާމަވުމުން ކްރިމިނަލް ކޯޓުން ވަނީ އެއީ ގޯސްކޮށް ލިޔެވިފައި އޮތް މައުލޫމާތެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި ގާޒީގެ މައްސަލަ ޖޭއެސްސީގައި ކުރިއަށް ނުގޮސް އޮތުމާއި އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދަން އެ ގާޒީ ނިންމެވުން ފަދަ އެތައް ކަމެއް މި މައްސަލާގައި ސުވާލު އުފެދޭ ކަންކަމުގެ ގޮތުގައިވެއެވެ.

ޖުލައި 12، 2020 އިން ފެށިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ހަތް ދައުވާއެއް އުފުލަން ކޯޓަށް ފޮނުވީ ނޮވެންބަރު 18، 2020 ގައެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ. މިއީ މި ފަހުން ސިޔާސީ ބޭފުޅެއްގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރި ފުރަތަމަ ފަހަރެވެ.