އަހުމަދު އުޝާމް

ހަސަނުގެ މައްސަލަ ނުބަލާ ކަމަށް ވިދާޅުވެ އުޝާމް ފާޑުވިދާޅުވެއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކުރިއަށްދާ ޝަރީއަތް ބައްލަވާ ގާޒީ ހަަސަން ސައީދު ތަކުރާރުކޮށް ގާނޫނާއި ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާއިރު އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުބަލާ ކަަމަށް ވިދާޅުވެ އެޓާނީ ޖެނެރަލްގެ ނާއިބުކަން ކުރައްވާފައިވާ މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެތައް ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު ފުރައިގެން ބޭރަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލު ކުރުމާއި ގުޅިގެނެވެ. އެ އަމުުރު ބާތިލުކުރީ ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން ބަލާ ކަމަށް ބުނި ނަމަވެސް ކުރިއަށް ނުގޮސް އޮތީ އެވެ. އެ މައްސަލަ ބެލުމުގައި ޖޭއެސްސީން އެހެން ގާޒީންގެ މައްސަލަތައް ބެލުމުގައި ދައްކާ ހަލުއި ކަމެއް ނެތެވެ.

ހަސަން ސައީދުގެ މައްސަލަ ބަލާކަން ހާމަކޮށް ޖޭއެސްސީން އޭރު ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރަން ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.

އެކަން އެހެން އޮއްވާ އަލީ ވަހީދުގެ މައްސަލަތައް މިހާރު ކްރިމިނަލް ކޯޓްގައި ބަލަމުން ދަނީ ވެސް ހަސަން ސައީދެވެ. އަދި އަލީ ވަހީދު އެދުނު ގޮތަށް އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީ މައްސަލައިގެ ޝަރީއަތް ދަނީ ހިންގަމުންނެވެ. އެކަމާއި ޕީޖީން ދެކޮޅު ހަދައެވެ. ޕީޖީން ބުނީ އަލީ ވަހީދު ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށާއި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް ގާޒީ ހަސަން ސައީދު ވަނީ އޭނާގެ ނިންމެވުން ދިފާއު ކުރައްވާފައެވެ.

އެކަމަށް އިޝާރާތްކޮށް އުޝާމް މިރޭ ވިދާޅުވީ އަލީ ވަހީދު ފުރުވާލީ ވެސް ގާނޫނާއި ހިލާފަށް ކަަމަށެވެ. އަދި މިހާރު ޝަރީއަތް ހިންގަނީ ވެސް ގާނޫނާއި ހިލާފަށް ކަމަށެވެ. އުޝާމް ވަނީ ތަކުރާރުކޮށް ގާނޫނާއި ހިލާފަށް ކަންކަން ކުރަމުންދާއިރު ޖޭއެސްސީއަށް އެ މައްސަލަ ނުބެލެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. ވިދާޅުވީ ޖުޑީޝަރީގައި ސިޔާސީ ނުފޫޒު އޮތްހާ ދުވަހަކު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށެވެ.

ގާނޫނާ ހިލާފަށް ފުރުވާލީ. މިހާރު ގާނޫނާ ހިލާފަށް ޝަރީއަތް ކުރިއަށް ގެންދަނީ. އެއް ގާޒީ އެއް. ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރު ވެސް މި ގާޒީގެ މައްސަލަ ޖޭއެސްސީ އަށްވެސް ބެލޭ ކަމަކަށް ނުވި. ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގައި އޮތްހާ ދުވަހަކު އިންސާފު ގާއިމެއް ނުކުރެވޭ
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހު ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް 10 ދުވަސް ކޯޓުން ދިނެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އިއްޔެ އޮތް އަޑުއެހުމާއި ހަމައަށް އަލީ ވަހީދުގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. އެ މުއްދަތު ފާއިތުވިތާ ތިން މަސް ފަހުން މި މަހުގެ 10 ވަނަ ދުވަހު އަލީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް އޭނާގެ ވަކީލުން ވިދާޅުވެފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އަލީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ލިބިފައި ނުވާ ކަމަށް ގާޒީ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ. އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށް ގާނޫނުގައި ބުނާއިރު އިތުރު ފަސް ދުވަސް ގާޒީ ދެއްވި ކަމަށް ދައުލަތުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި ގާޒީ ނިންމާފައިވާ ނިންމުންތައް އެ އޮފީހާ ހިއްސާ ކުރުމަށް އެދުނު ނަމަވެސް އެކަންކަން ހިއްސާކޮށްފައި ނުވާ ކަމަށެވެ. މީގެތެރޭގައި ބޭރަށް ދާން ހުއްދައަށް އެދުނު މެޑިކަލް ޑޮކިއުމެންޓްތަކާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބާއްވައި ދިނުމަށް އެދި ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތައް ހިމެނެ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ފެތޭ ކަމަކަށް ޕީޖީ އޮފީހުން ނުދެކެ އެވެ.

އެހެންކަމުން އަލީގެ ޝަރީއަތަކީ ވީޑިއޯ ކޮންފަރެންސްކޮށް ހިންގޭނެ ޝަރީއަތެއް ނޫން ކަމަށް ދައުލަތުން ދެކޭތީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް އިސްތިއުނާފްގެ ކަންކަން އެއްކޮށް ނިންމައިލެވޭނީ އެ ނިންމުމާ ބެހޭ ލިޔުންތައް ގާޒީ ހަސަން ސައީދު ހިއްސާކުރެއްވުމުން ކަމަށް ވެސް ދައުލަތުން ފާހަގަކުރެއްވި އެވެ.

ޕީޖީ ޝަމީމު ކުރިން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން އެއްވެސް އިރެއްގައި ދައުވާ ލިބޭ މީހާ އާއި ސީދާ މުއާމަލާތް ނުކުރާ ކަމަށާއި އެކަން ކުރަނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ. އަލީ ވަހީދުއާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ދެމެދު މުއާމަލާތްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮންކަހަލަ މުއާމަލާތެއް ކަން އެނގިފައި ނުވާ ކަމަށެވެ.

ޕީޖީން ވަނީ ކްރިމިނަލް ކޯޓްގެ ނިންމުން ހައިކޯޓަށް ހުށައަޅަން ނިންމާފައެވެ.