ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ. މި މައްސަލަ އެ ކޮމިޝަނަށް ހުށައެޅީ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައ ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާމެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.
އެ އަމުރު ނެރުމުގައި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖައިޒު މަންފާ ހޯދާ ދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީ" އިން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި ހަސަންގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ބޭރަށް ވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހުގެ އިރޮއޮއްސުނު ވަގުތުއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި އަމުރު މީޑިއާއަށް ލީކުވިއެވެ. އެ އަމުރުގައި އޮތީ ޕާސްޕޯޓް ހިފަހަައްޓަން ނެރުނު އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ދޮގު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ އެ އަމުރުގައި އެހެން ލިޔެވިފައިވަނީ އޮޅުމަކުން ކަމަށެވެ.
ކަން ހިނގާ ދިޔަގޮތް ސާފުކޮށްދީ ޕީޖީ އޮފީހުން ވަނީ ދިގު ބަޔާނެއް ނެރެފައެވެ. އަދި ކްރިމިނަލް ކޯޓްގެ އަމުރު މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.