އަލީ ވަހީދު

"އަލީ ވަހީދު ފުރައިގެން ދިޔައީ އަމުރު ނެރުމުގެ ކުރިން"

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމުގެ ކުރިން ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ބޭރަށް ވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހުގެ އިރޮއޮއްސުނު ވަގުތުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި އަމުރު މީޑިއާއަށް ލީކުވިއެވެ. އެ އަމުރުގައި އޮތީ ޕާސްޕޯޓް ހިފަހަައްޓަން ނެރުނު އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ދޮގު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ އެ އަމުރުގައި އެހެން ލިޔެވިފައިވަނީ އޮޅުމަކުން ކަމަށެވެ.

ކަން ހިނގާ ދިޔަގޮތް ސާފުކޮށްދީ ޕީޖީ އޮފީހުން ވަނީ ދިގު ބަޔާނެއް ނެރެފައެވެ. އަދި ކްރިމިނަލް ކޯޓްގެ އަމުރު މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.

ޕީޖީ ހުސައިން ޝަމީމް ދެންމެ ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަޑުއެހުން ބާއްވާ، އަމުރު އިއުލާނުކުރީ 9 ފެބްރުއަރީ 2021 ގައި. އަމުރު ލިބުނީ 11 ފެބްރުއަރީ 2021 ގައި. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ 2021. ފުރައިގެން ދިޔަ ކަމަށްވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން 9 ފެބްރުއަރީ 2021 ގައި. ޖާމިނު ލިޔުމުގައި އޮތީ 9 ފެބްރުއަރީ 2021 ގައި އަމުރު ނެރުނު ކަމަށް
ހުސައިން ޝަމީމް | ޕްރޮސެކިއުޓަރު ޖެނެރަލް

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.

އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ. އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. މި އަމުރު ނެރެފައިވަނީ ގާޒީ ހަސަން ސައީދެވެ.

ނަމަވެސް ޕީޖީ އޮފީހުން އެކަން ދޮގުކޮށްފައިވެއެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުުމުގެ އަމުރަށް އެދުނީ ދައުލަތުންނެވެ. އެހެން އެ އަމުރަށް އެދުނުތާ 17 ދުވަސް ފަހުން އެ އަމުރު ބާތިލުކޮށްދޭން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިފައެއް ނުވެއެވެ. މި މައްސަލާގައި ފަނޑިޔާރުން އަމަލު ކޮށްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދި ފަނޑިޔާރުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ވަނީ ނިންމާފައެވެ. އެ ކަމުގެ މަސައްކަތް ހިނގަމުންދާ ކަމަށް މިއަދުވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދަައުވާތަކެއް ވަނީ އުފުލާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ފުރުވާލި މައްސަލާގައި ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. އެފަދަ ގިނަ މީހުން ބުނަނީ ޖިންސީ މައްސަލަތަކުގައި އޮންނަނީ ބޮޑު މީހާ އަށް ބޮޑު އިންސާފު އަދި ކުޑަ މީހާއަށް ކުޑަ އިންސާފު ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ހިންގަަނީ އާދައިގެ ރައްޔިތުން ދަންމަޅި ޖަންސަން ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ މިނިސްޓަރު އަލީ ވަހީދުމެން ފަދަ ބޭފުޅުންގެ މައްޗަށް އޮތް ހިނގާ އެއްޗެއް ނޫން ކަމަށެވެ.

"މިތަނުގެ އެބުނާ ގާނޫނެއް އޮތީ ރައްޔިތުން ދަންމަޅި ޖެއްސުމަށް. މިއީ އަދީބުމެން އަލީ ވަހީދުމެން ފަދަ ބޮޑެތި ބޭފުޅުންގެ މައްޗަށް އޮތް އެއްޗެއް ނޫން" ދިޔާނާ ވިދާޅުވި އެވެ.