އަލީ ވަހީދު

ހުކުމާއި ގުޅިގެން އަނެއްކާވެސް އަލީގެ ރައްދެއް ޕީޖީ އަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ރައްދުވާ ގޮތަށް އަނެއްކާވެސް އަލީ ވަހީދު ޓްވީޓެއް ކުރައްވައިފި އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައި ދައުވާ ކޮށްފައިވާ އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން މުޅި ދައުލަތް ހަރާބު ވެއްޖެ ކަމަށެވެ. އިއްޔެގެ ހުކުމުން އޭނާ އާއި ދޭތެރޭ ޕީޖީ ވެފައިވާ އިހުމާލު ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ދައުލަތާއި ތަންފީޒީ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން ކަމަކަށް ކަމެއް ކުރީ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަލީގެ ޓްވީޓުގައި ވިދާޅުވީ އެ މައްސަލަ ބަލައި ޝަމީމް ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށެވެ.

"މައްސަލަ ބަލާ އޭނާ ވަކިކުރަންޖެހޭ. އޭނާ އަކީ ވަގު ފައިސާގެ ދިފާއީ ވަކީލު. މަގާމަށް ކުފޫ، އުންސުރު ހަމަނުވޭ،" ޕީޖީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަލީ ކުރެއްވި ޓްވީޓުގައިވެ އެވެ.

ދައުލަތުން ހައިކޯޓަށް ހުށަހެޅީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ ވަކި ހާއްސަ މަގާމުތަކެއްގައި ތިއްބަވާ ބޭފުޅުންނަށް ދޫކުރާ ޕާސްޕޯޓަކަށް ވީހިނދު، އަލީ ވަހީދަކީ މިހާރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ ޕާސްޕޯޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އެހެންކަމުން އެ އަމުރަކީ ނެރެދެވޭނެ އަމުރެއް ނޫން ކަމަށް އިއްޔެ ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި ހުކުމާއި ގުޅިގެން އިއްޔެ ވެސް އަލީ ވަނީ ޝަމީމަށް އަމާޒުކޮށް ޓްވީޓުތަކެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ވެސް ޝަމީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ ޝަމީމަކީ އެމްޑީއެންގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅެއް ކަމާއި ވެންޓިލޭޓަރުގެ ހިޔާނާތް ހިންގެވިކަންވެސް އެނގިވަޑައި ނުގެންނެވި ބޭފުޅެއް ކަމަށާ އެފަދަ ބޭފުޅަކަށް އަލީ ވަހީދުވެސް އޮޅިދާނެ ކަމަށެވެ. އޭގެ ފަހުން ދެން ވިދާޅުވީ އުންސުރު ހަމަކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިންސާފުވެރި އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ.

"އިރާދަފުޅުން ދައްކަވަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ރާއްޖޭގެ ގައުމީ ދިދައަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު އެ އިޝާރާތް ކުރައްވަނީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރުުކުރި ދުވަހު ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވުމަށް ނިންމެވި ވާހަކަތަކަށް ކަަމަށް ބެލެވެ އެވެ.

އަލީ ވަހީދުގެ ވަކީލުންގެ ޓީމުން ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އަދި އެ ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް ބާއްވަން އުޅުނީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.