ހައިކޯޓް

ދައުލަތުން ހުށަހެޅީ ބާތިލުކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން: ހައިކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިނުގަތީ އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓަށް އެ މައްސަލަ ނިންމޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ދައުލަތުން ހައިކޯޓުގައި ހުށަހަޅާފައި ވަނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އިސްވެރިންނަށް ދޫކުރާ ޕާސްޕޯޓަކަށް ވީހިނދު، އަލީ ވަހީދަކީ މިހާރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ ޕާސްޕޯޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ހައިކޯޓުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައި ވަނީ އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރުމުން ކަމަށް ހީވި ނަމަވެސް އެ އަމުރުގައި ވަނީ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ މައުލޫމާތު ކަމަށެވެ. އެ އަމުރު ނެރުމުގެ ކުރިން އޭނާގެ އެ ޕާސްޕޯޓު އިމްގްރޭޝަނުން ބާތިލްކޮށްފައިވާ ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ. އޭނާގެ އަމިއްލަ ޕާސްޕޯޓުގައި ރާއްޖެ ދޫކޮށް ދިޔައިރު އެ ޕާސްޕޯޓު އެއްވެސް އިރެއްގައި ހިފަހައްޓާފައި ނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ 75 ވަނަ މާއްދާގެ ނައްސުތަކަށް ބަލާއިރު ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ރައްދުވާ ފަރާތަކީ ރާއްޖޭގައި ހުރި މީހެއް ކަމަށް އެނގެން އޮތް ކަމަށެވެ. ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމަލުކުރަން ޖެހޭ ގޮތް ގާނޫނުން ފެންނަން ނެތް ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒްގެ މި ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދުކުރައްވާފަ އެވެ. ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައިވާ ގޮތުން އަލީ ވަހީދުގެ ޕާސްޕޯޓްތައް ހިފަހައްޓަން އަމުރު ނެރުމުގެ ޖާގަ އެބަ އޮތެވެ.

ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ބަޔާންކޮށްފައި ވަނީ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންބަރު ޖަހާފައި އޮތް ނަމަވެސް އެ ލިޔުމުގައި އޭނާގެ ޓްރެވެލް ޑޮކިއުމެންޓް ހިފެހެއްޓުމަށް ވެސް އެެދިފައިވާ ކަމަށެވެ. ދައުލަތުގެ މި އެދުމުން މަގްސަދަކީ އަލީ ވަހީދު ގައުމުން ބޭރުގައި ދަތުރުފަތުރު ކުރުން ހުއްޓުވައި ރާއްޖެ ގެނައުން ކަމަށާއި، ދައުލަތުން ހައިކޯޓުގައި އެދިފައި ވަނީ ވެސް ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާ މެދު ނިންމި ގޮތަކީ ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއްކަން ކަނޑައަޅައި ދިނުން ކަމަށެވެ. އެހެންކަމުން އަލީ ވަހީދަށް ރާއްޖެއިން ދޫކޮށްފައިވާ ހުރިހާ ޕާސްޕޯޓަކާއި ޓްރެވެލް ޑޮކިއުމެންޓެއް ހިފެހެއްޓޭނެ ޖާގަ އޮތް ކަމަށް ފަނޑިޔާރު އަލީ ސަމީރުގެ ރައިޔުގައި ބަޔާންކޮށްފައި ވެއެވެ.

ހައި ކޯޓުން މި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ދައުވާ ލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން ބުނެފައި ވަނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ މިދިޔަ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ. ފުރަތަމަ ތުރުކީ ވިލާތަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުން ވަނީ އަލީއަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފަ އެވެ. ނަމަވެސް އެދުވަހު ކޯޓަށް ހާޒިރު ވެފައި ނުވާތީ ކޯޓުގެ ހުރުމަތްކެނޑިކަމުގެ ކުށުގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.