އަލީ ވަހީދު

އަލީގެ ޕާސްޕޯޓް މައްސަލަ ހައިކޯޓުގައި ފަށަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހައިކޯޓުގައި ފަށަން މިއަދު ތާވަލްކޮށްފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިނުގަތީ އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓަށް އެ މައްސަލަ ނިންމޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދިން މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފަށަން ތާވްލްކޮށްފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. ހައި ކޯޓުން މި މައްސަލަ ކުރިއަށް ގެންދަނީ ދައުވާ ލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން ބުނެފައި ވަނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ މިދިޔަ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ. ފުރަތަމަ ތުރުކީ ވިލާތަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުން ވަނީ އަލީއަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފަ އެވެ. ނަމަވެސް އެދުވަހު ކޯޓަށް ހާޒިރު ވެފައި ނުވާތީ ކޯޓުގެ ހުރުމަތްކެނޑިކަމުގެ ކުށުގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.