ހައިކޯޓް

އަލީ ވަހީދު މައްސަލައިގައި އަޑުބަރޭއަށް ފިޔަވަޅު އަޅަން ޖެހޭ: ހައިކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ކޯޓަށް ދީފައިވާ ޔަގީންކަން ތަންފީޒުކުރުމަށް އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ބުނެފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކުރުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ، ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.

އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައިވެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެ އަމުރު ނެރުއްވީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވުމުންނެވެ.

ޖާމިނު އެއްބަސްވުން ބުނާގޮތުން ކޯޓުން ކަނޑައަޅާ ދުވަހެއްގައި އެ މީހަކު އަޑުއެހުމަށް ހާޒިރުކުރުމަކީ ޖާމިނުވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

ހައިކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ.

އެ ހުކުމުގައި ބުނެފައިވަނީ ޖާމިނުވުމަކީ ގާނޫނީ ގޮތުން ސީރިއަސް ނަތީޖާއެއް ހާސިލުކޮށްދޭ ޖާމިނުވުމެއް ކަމަށެވެ. އެހެންކަމުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަން ކަށަވަރުކުރުމަކީ ޖާމިނުވި ފަރާތްކަމުގައިވާ އަޑުބަރޭގެ ޒިންމާއެއް ކަމަށެވެ.

"ނަތީޖާއަކީ ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް އޭނާ މިނިވަންކަމާއެކު އުޅެވުމެވެ،" ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ބަޔާންކޮށްފައިވެ އެވެ.

އެ ރައުޔުގައި ބަޔާންކޮށްފައި ވަނީ މިހާރު ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އެދުމަށްވުރެ ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުވާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒު ކުރުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ އަޑުބަރޭއަށް ފިޔަވަޅު އެޅެން ނެތް ކަމަށް ދަށު ކޯޓުން ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ދައުލަތުން ދަށު ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކޯޓުން އެ މައްސަލައާ ގުޅޭ ލިޔުންތައް ދައުލަތާ ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާ ކަމަށެވެ.

ހައިކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު މައްސަލައިގައި ހުކުމްކޮށްފައި ވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކީ ދައުލަތުން ހައިކޯޓަށް ހުށަހަޅާފައި ވަނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އިސްވެރިންނަށް ދޫކުރާ ޕާސްޕޯޓަކަށް ވީހިނދު، އަލީ ވަހީދަކީ މިހާރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ ޕާސްޕޯޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އަމިއްލަ ޕާސްޕޯޓުގައި ކަމަށާއި އެ ޕާސްޕޯޓު އެންމެ ފަހަރަކު ވެސް ހިފަހައްޓާފައި ނުވާ ކަމަށް ހުކުމުގައި ބުންޏެވެ. މި ސަބަބާހުރެ އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށްވެސް އަޣުލަބިއްޔަތު ލިބުނު ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ބަޔާންކޮށްފައިވެ އެވެ.