ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީގެ މައްސަލާގައި ކޯޓުގެ ނިންމުންތައް އިސްތިއުނާފަށް

ޕީޖީ ހުސައިން ޝަމީމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު: އަލީ ވަހީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައި
0%
0%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އަމަލުކުރަމުންދާ ގޮތާއި މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހިތްހަމަނުޖެހޭތީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ވެސް ނޫނެވެެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ވެސް ނޫނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އަލީ ވަހީދު ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށާއި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށެވެ.

ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވަނީ އެކަމަށް މިހާރު ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަހުސް ނުކުރެވޭނެ ކަމަށެވެ. ޝަރީއަތުން ނިންމާ އެފަދަ ނިންމުންތައް ދެފަރާތާ ލިޔުމުން ހިއްސާކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ދައުލަތާ ހިއްސާ ކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ގާޒީ ހަސަން ސައީދާ ހަވާލާދީ ޕީޖީ އޮފީހުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ނިންމީ އިސް ގާޒީ އަހްމަދު ޝަކީލުގެ ލަފަޔާއެކުގައި ކަމަށް އިއްޔެގެ ޝަރީއަތުގައި ގާޒީ ވިދާޅުވި ކަމަށެވެ. ނަމަވެސް ވަކި ގޮތަކަށް އޮތް ކަމެއްގައި އަދި ވަކި ގޮތަކަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތް ކަމެއްގައި އިސް ގާޒީގެ ލަފަޔަކީ ދެވޭނެ ލަފަޔެއް ކަމަށް ނުފެންނާތީ އެލަފާފުޅު ހިއްސާކޮށްދިނުމަށް އެދުނު ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ލިޔުން އަދިވެސް ހިއްސާކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހު ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް 10 ދުވަސް ކޯޓުން ދިނެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އިއްޔެގެ އަޑުއެހުމާއި ހަމައަށް އަލީ ވަހީދުގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އެމުއްދަތު ފާއިތުވިތާ ތިން މަސް ފަހުން މިމަހުގެ 10 ވަނަ ދުވަހު އަލީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް އޭނާގެ ވަކީލުން ވިދާޅުވެފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އަލީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ލިބިފައި ނުވާ ކަމަށް ގާޒީ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ. އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށް ގާނޫނުގައި ބުނާއިރު އިތުރު ފަސް ދުވަސް ގާޒީ ދެއްވި ކަމަށް ދައުލަތުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި ގާޒީ ނިންމާފައިވާ ނިންމުންތައް އެ އޮފީހާ ހިއްސާކުރުމަށް އެދުނު ނަމަވެސް އެކަންކަން ހިއްސާކޮށްފައި ނުވާ ކަމަށެވެ. މީގެތެރޭގައި ބޭރަށް ދާން ހުއްދައަށް އެދުނު މެޑިކަލް ޑޮކިއުމެންޓްތަކާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބާއްވައިދިނުމަށް އެދި ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތައް ހިމެނެ އެވެ.

ގާޒީ ހަސަން ސައީދު: އަލީ ވަހީދު ފުރަން ޕާސްޕޯޓް ދޫކުރަން އަމުރު ކުރެއްވި އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގޭނެ ކަމަށް ނިންމެވި -- ފޮޓޯ: އަވަސް

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ފެތޭ ކަމަކަށް ޕީޖީ އޮފީހުން ނުދެކެ އެވެ.

އެހެންކަމުން އަލީގެ ޝަރީއަތަކީ ވީޑިއޯ ކޮންފަރެންސްކޮށް ހިންގޭނެ ޝަރީއަތެއް ނޫން ކަމަށް ދައުލަތުން ދެކޭތީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް އިސްތިއުނާފްގެ ކަންކަން އެއްކޮށް ނިންމައިލެވޭނީ އެ ނިންމުމާ ބެހޭ ލިޔުންތައް ގާޒީ ހަސަން ސައީދު ހިއްސާކުރެއްވުމުން ކަމަށް ވެސް ދައުލަތުން ފާހަގަކުރެއްވި އެވެ.

ޕީޖީ ޝަމީމު ކުރިން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން އެއްވެސް އިރެއްގައި ދައުވާ ލިބޭ މީހާ އާއި ސީދާ މުއާމަލާތް ނުކުރާ ކަމަށާއި އެކަން ކުރަނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ. އަލީ ވަހީދުއާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ދެމެދު މުއާމަލާތްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮންކަހަލަ މުއާމަލާތެއް ކަން އެނގިފައި ނުވާ ކަމަށެވެ.

އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރީ ވެސް ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

ޕީޖީ އުޅެނީ އަލީ ސަލާމަތްކޮށް ނުދެވިގެން، ޤަޒީ އުޅެނީ އޭނަގެ މައްޗަށް ހުކުމް އިއްވަން ކޮންމެ ގޮތަކުންވެސް !

ފިލްމީ

ހަސަން ސައީދު ގާޒީ އަކަށް ބައިންދާލާ ތެޔޮ ލާފަ މުސާރަ ކާަން

ކިލްމީ

އޯކޭ! ކުއްވެރިން ބައިތިއްބާ ޓާކީ ގަ އާއިލާ ޢާޢި އެެއްކޮށް ޗުއްޓީ ހޭދަ ކޮށްލަން. އެވަރަ ފޭރިގަނެވިގެންތާ އެހާ އަަރާމުގަ އެއުޅެވެނީ އެހާ ދުވަސް ފިލައިގެން

ކިނުނި

އާނ ހޫން! ތިހުރިހާ ތިހެން ލަވައެއްހެން ކިޔާލަ ކިޔާލަ ތިބެލާ. ކުއްވެރިޔެއް ފުރައިގެނ ދިޔައީ ގާޒީގެ އިހުމާލުން ސާފުކޮށް ދޭހަވޭ، އެކަމަކު އެގާޒީ އަށް ފިޔަވަޅެއް އެޅޭ ވަރެއް ނުވޭ. ދެންވެސް ކޮރަޕްޝަން ކޮމިޓީ އާއި އެއްޗެހި ހަދައިގެނ ތިބެލާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345