އަލީ ވަހީދު

ރާއްޖޭގެ ބާރު ނެތް ތަނެއްގައި ޝަރީއަތެއް ނުބޭއްވޭނެ

Jun 20, 2021
1

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޮންލައިން ޝަރީއަތެއް ބާއްވައިފިނަމަ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި ރާއްޖޭގެ ބާރު ނެތް ތަނެއްގައި އޭނާ ހުންނަވަނިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު، ވީޑިއޯ ކޯލެއް މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. އޭނާ އެ ސިޓީ ފޮނުވީ މިމަހުގެ 10 ވަނަ ދުވަހަކަށް ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކުރުމުންނެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދަން އަލީ ވަހީދުގެ ފަރާތުން ކޯޓަށް ސިޓީއެއް ލިބިފައި ވާތީ އާއި އޭނާގެ ފަރާތުން މެޑިކަލް ޑޮކިއުމެންޓްތަކެއް ހުށަހަޅާފައި ވާތީ އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

ޕީޖީ ޝަމީމް މިއަދު ވިދާޅުވީ މާދަމާ ކްރިމިނަލް ކޯޓުން އެކަމަށް އަނެއްކާވެސް ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ސަބަބަކީ އަލީ މިވަގުތު ހުންނެވީ ރާއްޖޭގެ ބާރު ހިނގާތަނެއްގައި ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިސާލަކަށް އޮންލައިން އަޑުއެހުމެއްގަ ރާއްޖެއިން ބޭރުގަ ހުރެފައި ކޯޓުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ކުރީ. ދެން ކިހިނެއް ހަދާނީ. އަޅުގަނޑު މިބުނަނީ ތަންފީޒުކުރެވޭ ފަދަ ނިޒާމެއް އޮންނަން ޖެހޭނެއޭ." ޝަމީމް ވިދާޅުވި އެވެ.

ޝަރީއަތް ކުރިއަށްގެންދަން ޖެހޭނީ ޝަރީއަތް ކުރުމުގެ ނިޒާމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ޕީޖީ އޮފީހުން އެއްވެސް އިރެއްގައި ދައުވާ ލިބޭ މީހާ އާއި ސީދާ މުއާމަލާތްތައް ނުކުރާ ކަމަށާއި އެކަން ކުރަނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ. އަލީ ވަހީދުއާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ދެމެދު މުއާމަލާތްތަކެއް ހިނގާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާ ނަމަވެސް އެއީ ކޮންކަހަލަ މުއާމަލާތްތަކެއްކަން އެނގިފައި ނުވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވީޑިއޯ ކޯލެއް މެދުވެރިކޮށް އަލީ ވަހީދު ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ހުށަހަޅުއްވާފައި ވީނަމަވެސް އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

ޕީޖީ އޮފީހުން ސާފުކުރަން ބޭނުންވާ މައުލޫމާތު މާދަމާ ބާއްވާ ޝަރީއަތުގައި ސާފުކޮށްދޭނެ ކަމަށް ބެލެވެ އެވެ. އެއީ އޮންލައިން ޝަރީއަތަކަށް އަލީ ވަހީދަށް ފުރުސަތުދޭ ސަބަބާއި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އަށް (އަޑުބަރޭ) ޖާމިނުވުމަށް ހެދި އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ މައްސަލަ އެވެ.