ހައިކޯޓް

އަލީ ވަހީދުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ހައިކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލާފައި ވަނީ އެ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިފައި ކަމަށް އެކޯޓުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު މި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގައި އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބެލުމަށް ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތާ ކޮށްފަ އެވެ.

މި މައްސަލައަކީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށްފައި ވަނީ ރާއްޖޭގެ އިހުތިސޯސުން ބޭރުގައި ދައުވާ ލިބޭ އަލީ ވަހީދު ހުރެގެން ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ދަށު ކޯޓުން އެ ނިންމުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން މިހާރުވެސް އަލީ ވަހީދު ހުރިތަނުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ނުހިންގޭނެ ކަމަށް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި ދައުލަތުން ވަނޫ ބުނެފަ އެވެ. އަދި މި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި މައްސަލަ ނުހިންގޭނެ ކަމަށާއި އެހެން ނަމަވެސް ކޯޓުން އެގޮތަށް ކުރިއަށް ގެންދަން ނިންމައިފރިނަމަ ދައުލަތުގެ ފަރާތުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީ ވާނެ ކަމަށެވެ.

"ކޯޓުގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ހިންގާނަމަ ކޯޓުގެ ނިޒާމު ފަނޑިޔާރަށް ކޮންޓްރޯލް ނުކުރެވިދާނެ. ހެކިންގެ ހެކިބަސް ނަގާއިރު ހެކިންނަށް ހެރޭސް ކުރުމުގެ ބާރު އޮންނާނެ އަދި ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ ފިޔަވަޅެއް ވެސް ނޭޅޭނެ. އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅޭނެ" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.