ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިޔުމުގެ އިޖުރާއަތްތައް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއެކު ކޯޓުތަކުގެ ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ. އެހެންވެ ސުޕްރީމް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގެ ގަވައިދެއް ހެދި އެވެ. އެ ގަވައިދުގެ ދަށުން ޝަރީއަތްތައް މާދަމާ ފަށަން ކުރިމިނަލް ކޯޓުން ވަނީ ތައްޔާރުވެފަ އެވެ.
ނަމަވެސް ގާނޫނަށް ބަދަލު ނުގެނެސް ގާނޫނު އަސާސީގައިވާ ހައްގެއް ހަނިކުރުމުގެ އިހްތިޔާރު ސުޕްރީމް ކޯޓުގެ ގަވައިދުގައި އޮތުމުން ބައެއް ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ގަވައިދުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުމެއް ކުރިއަށް ގެންދެވޭނީ ދައުވާ ލިބޭ މީހާގެ ރުހުން އެކަމުގައި އޮވެއްޖެނަމަ އެކަންޏެވެ. އެކަމަށް އޭނާ ނުރުހިއްޖެނަމަ، އަޑުއެހުން ހުއްޓާލަން ޖެހޭނެ އެވެ. އެއީ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ހިންގުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާތީ އެވެ.
ގާނޫނީ ވަކީލު އަދި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވިދާޅުވި ގޮތުގައި ހައްގެއް ދޫކޮށްލާނެ ގޮތުގެ އިޖުރާތު ގެންނަންވާނީ ގާނޫނުގެ ތެރެއިން ކަމަށާއި ވަކިވަކި ކޯޓުތަކުން އެކޯޓަކުން ފެންނަ އުސޫލުތައް ހައްގުތަކާގުޅޭ ކަންކަމުގައި އަމިއްލައަށް އެކަށައަޅަން ފަށައިފިނަމަ، ލިބޭފައިދާއަށްވުރެން ގެއްލުންބޮޑުވާނެ ކަމަށެވެ.
މިއަދު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަސައްކަތް ފައްޓަވާފައިވާކަން ހާމަ ކުރައްވާފަ އެވެ. ބަންޑާރަ ނައިބު އެކުލަވާލައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށެވެ. އިސްލާހު ހުށަހެޅީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވެސް ޝަރީއަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ އުސޫލުތަކެއް ގާއިމް ކުރުމަށެވެ.
އެގޮތުން ހައްޔަރު ކުރެވޭ މީހުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ބާއްވާ މަޖިލިސްތަކާއި ޝަރީއަތުގެ އާންމު މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ގޮތުގެ އުސޫލުތައް ބިލްގައި ހިމަނާފައިވެ އެވެ. ހައްޔަރުކުރުމަށްފަހު އަމަލު ކުރާ ބައެއް އިޖުރާއަތްތަކާއި ބަންދުގައި ބެހެއްޓުމުގައި އަމަލު ކުރާ ބައެއް އިޖުރާއަތްތަކާއި ވަކީލް ބައްދަލުވުންތަކުގެ އިޖުރާއަތްތައް ވެސް ހާއްސަ ހާލަތްތަކަށް ރިއާޔަތްކޮށް ތައާރަފް ކުރުމަށް ހުށަހަޅާފައިވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިތުރުން ޖިނާއީ ކުށް ކަނޑައަޅާފައިވާ ހާއްސަ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ދައުވާކުރުމުގެ މުއްދަތުތަކާއި އިސްތިއުނާފު ކުރުމުގެ މުއްދަތުތައް ގުނުމުގައި އަމަލު ކުރާ ގޮތް ބަދަލު ކުރުމަށް ވެސް ބިލްގައި ހިމަނާފައިވެ އެވެ.
ކުރިމިނަލް ކޯޓުން މާދަމާ، ޝަރީއަތްތައް ފެށުމަށް ތައްޔާރުވެފައިވާއިރު ބަންދު މަޖިލިސްތައް އޮންލައިންކޮށް މިހާރު ވެސް އެ ކޯޓުގައި ކުރިއަށްދެ އެވެ. އެހެން ކޯޓުތަކުގެ ޝަރީއަތްތައް އޮތީ އެއްކޮށް މަޑުޖެހިފަ އެވެ. ބުރާސްފަތި ހައިކޯޓު ހުޅުވައިގެން މޮނިކޮން އަމުރުތަކެއް ނެރުނެވެ. އެއީ ލޮކްޑައުންއަށްފަހު އެ ކޯޓު ހުޅުވި ފުރަތަމަ ފަހަރެވެ.