ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގާޒީންގެ މުސާރަ ވެސް ކުޑަކުރަން ކޮމިޓީން ނިންމައިފި

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތު ދަށްވާނެތީ މެޖިސްޓްރޭޓް ކޯޓުތަކުގެ އާންމު މެޖިސްޓްރޭޓުން ފިޔަވައި ޝަރުއީ ކޯޓުތަކުގެ ހުރިހާ ގާޒީންގެ މުސާރަ ވެސް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުރުން ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަތައް ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ.

އޭގެ ތެރެއިން 20،000 އަށް ވުރެ މަތީ މުސާރައެއް ލިބޭ ހުރިހާ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ކުރިން ވަނީ ފާސްކޮށްފަ އެވެ. އެއީ 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށެވެ. 3،0001 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،001 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުރުމަށެވެ.

ނަމަވެސް އެ ގޮތަށް އޮތުމުން ޝަރުއީ ކޯޓުތަކުގެ މަތީ ރޭންކްގެ ބައެއް ފަނޑިޔާރުންނާއި ގާޒީންނަށްވުރެ ދަށް ރޭންކްގެ ބައެއް ގާޒީންގެ މުސާރަ މަތިވެ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓާއި ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ގާޒީންގެ މުސާރައާ ގުޅޭ ގޮތުން ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވީ އެ ކޯޓުތަކުގެ ގާޒީންގެ މުސާރައިން ޕަސެންޓޭޖެއް އުނިކުރުމުގެ ބަދަލުގައި މުސާރައިން ވަކި އަދަދުތަކެއް އުނިކުރުމަށެވެ. ޔައުގޫބްގެ ހުށަހެޅުއްވުމާ އެއް ގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7،100 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،300 ރުފިޔާ އުނިކުރާނެ އެވެ. ޑްރަގް ކޯޓުގެ އިސް ގާޒީގެ މުސާރައިން 8،600 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7،800 ރުފިޔާ އުނިކުރަން ފާސްކުރި އެވެ.

ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އުނިކުރާނެ އެވެ. އެ ދެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން އުނިކުރަން ފާސްކުރީ 6،150 ރުފިޔާ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،650 ރުފިޔާ އުނިކުރަން ފާސްކުރި އެވެ.

ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 4،500 ރުފިޔާ އަދި ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 2،150 ރުފިޔާ އުނިކުރަން ކޮމިޓީން ފާސްކުރި އެވެ. ކޮމިޓީން ނިންމާފައި ވަނީ އެހެން މެޖިސްޓްރޭޓުން މުސާރައިން އެއްވެސް އަދަދެއް އުނިނުކުރުމަށެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތުގެ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ގެންދާނެ އެވެ. މަޖިލީހުގެ ތަޅުމުގައި ރިޕޯޓަށް ބަހުސް ވެސް ކުރާނެ އެވެ. ކޮންމެ މެންބަރަކަށް ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އޭގައި ފަހު ގޮތެއް ނިންމާނީ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.