ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

އޮންލައިން ޝަރީއަތުގެ ބިލް ފާސްކޮށްފި

ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލަތަކުގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބަޔާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި އޮންލައިން ޝަރީއަތް ހިންގުމުގެ އިޖުރާއަތްތައް ހިމެނޭ ބިލެކެވެ.

ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މަޖިލީހުގެ ތަޅުމުން ބިލު ފާސްކޮށްފައިވަނީ ކޮމިޓީން ބިލަށް ގެނައި ބަދަލުތަކާ އެކީގަ އެވެ.

ބިލު މިހާރު އޮތް ގޮތުން ހާއްސަ ހާލަތްތަކުގައި އޮންލައިން ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ ވަކި ބާވަތްތަކުގެ އަޑުއެހުންތަކެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި އިބްދިތާއީ އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތަކެވެ. އެ އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި ދައުވާ ލިބޭ މީހާގެ ރުހުން ހޯދަން ވެސް ލާޒިމެވެ.

އެކަމަކު ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކާއި ސިިކުނޑީގެ އުނިކަމެއް ހުންނަ މީހުންގެ މައްސަލަތައް އެއްވެސް ހާލަތެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުވާ ކުރުމުގެ މުއްދަތާއި އިސްތިއުނާފު ކުރުމުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.