ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުއްލި ހާލަތުގައި މާލީ ހިސާބާއި އޮޑިޓްގެ މުއްދަތު ފަސްކުރަން ބިލެއް ހުށަހަޅައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދައުލަތުގެ އަހަރީ މާލީ ހިިސާބުތައް ހުށަހެޅުމާއި އެ ހިސާބުތައް އޮޑިޓް ކުރުމުގެ މުއްދަތު ފަސްކޮށްދެވޭ ގޮތަށް އޮޑިޓް ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

އޮޑިޓް ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ނިމޭތާ 14 ދުވަސް ތެރޭގައި ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ފިނޭންސް މިނިސްޓްރީން އޮޑިޓާ ޖެނެރަލްއަށް ފޮނުވަން ޖެހެ އެވެ. އޮޑިޓަ ޖެނެރަލްއިން އެ ހިސާބުތައް އޮޑިޓްކޮށް، ތިން މަސް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސަށް ފޮނުވަން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ޔައުގޫބް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނު އަސާސީގައިވާ ކުއްލި ނުރައްކަލަތު ހާލަތު ނުވަތަ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ކާރިސާއެއްގެ ހާލަތުގައި އެ މުއްދަތުތައް ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް އިތުރު ކުރުމުގެ ބާރު އޮޑިޓަ ޖެނެރަލްއަށާއި މަޖިލީހަށް ލިބޭ ގޮތަށް ހެދުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައިވާ އެ ބިލުގައި، އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް މަޖިލީހަށް ފޮނުވަން އޮންނަ މުއްދަތާއި އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރަން ޖެހޭ މުއްދަތު ވެސް ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް އިތުރު ކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބޭ ގޮތަށް ހެދުމަށް ހިމަނާފައިވެ އެވެ.

އޮޑިޓް ގާނޫނުގައި ބުނާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ތިން މަސް ދުވަސް ކުރިން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި ކޮންމެ މާލީ އަހަރެއް ނިމޭތާ ދެ މަސް ދުވަސް ތެރޭގައި އޮޑިޓަ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރަން ޖެހެ އެވެ.