ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ބިލެއް

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

އެމްޑީޕީގެ އެ މެންބަރުގެ މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރާއިރު، މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.

ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީސް ހިންގާނެ ގޮތުގެ ބާބެއް

މީގެ އިތުރުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު، އެ ކަމާ ގުޅިގެން ކޮންމެ މަހަކު ހިނގަމުންދާނެ ހަރަދުތައް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ހަރަދުގެ ތަފުސީލު ފޮނުވާއިރު އަންނަ މަހުގެ ހަރަދުގެ އަންދާޒާ ވެސް ފޮނުވަން ޖެހެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތްތައް ވެސް ބިލުގައި ބަޔާން ކުރެ އެވެ. ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި އާންމު ތަޅުމަށް މެންބަރުން އެއްވެ ޖަލްސާ ކުރާ ގޮތަށް ވެސް ޖަލްސާތައް ބޭއްވޭނެ ކަމަށް ބިލުގައި ބުނެފަ އެވެ.

އެ ގޮތުން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވާނަމަ، މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ހުރިހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން މަޖިލީހުގެ ރައީސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ސިއްހީ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ބާބެއް ވެސް ބިލުގައި ހިމަނާފައިވާއިރު، މަޖިލީހުގެ ތަޅުމަށް އެއްވެސް ޖަލްސާ ބޭއްވުމާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުން ބޮޑުވެގެން ދިޔަ އެވެ. އަދި އެ ކަން ކުރުމަށް ޓަކައި އެޗްޕީއޭގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނެ ގާނޫނީ ސުވާލުތަަކެއް ވެސް އުފެދިގެން ދިޔަ އެވެ.

ފަހުން އެޗްޕީއޭގެ ހުއްދައާއި އަޅަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިރުޝާދުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ބާއްވަން ފެށި އެވެ. ތަޅުމުގައި މެންބަރުން ތިއްބަވަނީ ގައިދުރުވުމުގެ ހަމަތަކާއެކު މާސްކް އަޅުއްވައިގެނެވެ.