ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ސިއްހީ ކުއްލި ހާލަތުގެ ގަރާރުގެ ބިލް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ތަޅުމަށް ބިލު ބަލައިގަތުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް އެ ބިލާ ގުޅޭ ގޮތުން ފާހަގަ ކުރެއްވީ އިޖުތިމާއީ ކަންކަމާއި ސިއްހީ ކަންކަމަށްވުރެ ގާނޫނީ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން ބިލު ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން އެމަނިކުފާނު ނިންނެވި އެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރާއިރު، މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.

ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީސް ހިންގާނެ ގޮތުގެ ބާބެއް

މީގެ އިތުރުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު، އެ ކަމާ ގުޅިގެން ކޮންމެ މަހަކު ހިނގަމުންދާނެ ހަރަދުތައް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ހަރަދުގެ ތަފުސީލު ފޮނުވާއިރު އަންނަ މަހުގެ ހަރަދުގެ އަންދާޒާ ވެސް ފޮނުވަން ޖެހެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތްތައް ވެސް ބިލުގައި ބަޔާން ކުރެ އެވެ. ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި އާންމު ތަޅުމަށް މެންބަރުން އެއްވެ ޖަލްސާ ކުރާ ގޮތަށް ވެސް ޖަލްސާތައް ބޭއްވޭނެ ކަމަށް ބިލުގައި ބުނެފަ އެވެ.

އެ ގޮތުން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވާނަމަ، މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ހުރިހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން މަޖިލީހުގެ ރައީސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ސިއްހީ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ.

ސިއްހީ ކުއްލި ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.