ވަކި މުއްދަތަކަށް ދައުވާ ކުރަން ޖެހޭ ކަމަށް ގާނޫނުތަކުގައި ކަނޑެޅިފައިވާ ޖިނާއީ މައްސަލަތަކެއް ވާއިރު، ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ހާލަތުގައި ޕްރެސިކުޓާ ޖެނެރަލްއަށް އިތުރު މުއްދަތު ލިބޭ ގޮތަށް ގޮތަށް ވަގުތީ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނެއް ފާސްކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ރިޕޯޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި ގާނޫނުތަކުގައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ތަހުގީގެއް ކުރެވިގެން ދައުވާ ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންވުމުގެ ސަބަބުން ދައުވާ އުފުލުގެ ފުރުސަތު މުޅިން ގެއްލިގެން ހިނގައިދާނެތީ އެ ގޮތަށް ހުރަސްތައް ކުރިމަތިވާ މައްސަލަތައް ކަމަށް ކަނޑައެޅޭ މައްސަލަތަކެއްގައި މި ހާލަތުގައި އެކަނި އަމަލު ކުރެވޭ ގޮތަށް ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އަށް އިތުރު މުއްދަތު ލިބޭ ގޮތަށް މަޖިލީހުން ހާއްސަ ވަގުތީ ގާނޫނެއް ފާސް ކުރަން ކޮމިޓީގެ ހުށަހެޅުންތަކުގައި ވެ އެވެ.
މީގެ އިތުރުން މި ހާލަތުގައި ޖަލުތައް އިތުރަށް ތޮއްޖެހޭ ގޮތް ވެއްޖެނަމަ އެކަމުގެ ނުރައްކާ އޮވެދާނެތީ ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން މި ދުވަސްވަރު ހައްޔަރު ކުރެވޭ މީހުން ޖަލުގައި ބަންދު ކުރެވެނީ ކޮންމެހެން ބަންދު ކުރަން ޖެހޭ މައްސަލައެއްގައި ކަން ކަށަވަރު ކުރަން ޕީޖީއަށް އަންގަން ވެސް ކޮމިޓީގެ ހުށަހެޅުންތަކުގައިވެ އެވެ. މި ހާލަތުގައި މީހުން ބަންދު ކުރާއިރު އަމަލު ކުރަން ޖެހޭ އުސޫލުތައް ރިވިއު ކުރަން ވެސް ޕީޖީއަށް އަންގަން ހިމަނާފައިވެ އެވެ.
ޕީޖީން ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގައި އަވަހަށް ނިންމަން ޖެހޭ މައްސަލަތައް އެ އޮފީހުން ކަނޑައަޅައި، އެ މައްސަލަތަކަށް އެންމެ ފުރަތަމަ އިސްކަމެއް ދެވިގެން ކުރިއަށް ގެންދަން ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހުކުމެއް ނެތި ހައްޔަރުގައި ތިބޭ މީހުންގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމާއި ކުޑަކުދިންނަށް ގޯނާ ކުރުން ފަދަ ޖިނާއީ ބޮޑެތި މައްސަލަތައް ހިމަނަން ވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ހާލަތުގައި ވެސް ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ހިންގުން މުޅިން ނުހުއްޓި، މައްސަލަތައް ހުށަހެޅުމަށް މިހާރު ވެސް ހަމަޖެހިފައިވާ އުސޫލލުން ފުރުސަތު ހުޅުވިފައި ބެހެއްޓުމަށާއި، ވާޗުއަލްކޮށް ނުވަތަ ގައިދުރުކޮށް ތިބެވޭނެ ގޮތަށް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ޖުޑިޝަރީ ކޮމިޓީގެ ހުށަހެޅުންތަކުގެ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްއަށް ދައުވާ ކުރެވޭ މުއްދަތު އިތުރުވާ ގޮތަށް ހަމައެކަނި މި ހާލަތުގައި އަމަލު ކުރާނެ ވަގުތީ ގާނޫނެއް ފާސްކުރަން ޖުޑިޝަރީ ކޮމިޓީން ހުށަހެޅިއިރު، މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުގައި އަމަލު ކުރާ ކަންކަން ހިމަނައިގެން މަޖިލީހުން ވަނީ ވަގުތީ ގާނޫނެއް ފާސްކޮށްފަ އެވެ.