ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުސައިން ޝަމީމް

ހައްގު ނުގެއްލޭ ގޮތަށް އޮންލައިން ޝަރީއަތް ކުރިއަށް ގެންދެވޭނެ: ޝަމީމް

ދައުވާ ލިބޭ މީހާގެ ހައްގުތައް ނުގެއްލޭ ގޮތަށް އޮންލައިން ޝަރީއަތުގެ އިޖުރާއަތްތައް ހަމަޖައްސައި ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.

ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް އަދި އެ ހާލަތްތަކުގައި ގާނޫނުގައި އޮންނަ ދައުވާ ކުރުމުގެ މުއްދަތު ސަސްޕެންޑްވާ ގޮތަށް ސަރުކާރުގެ ފަރާތުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީގައި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޮމިޓީގެ ބައެއް މެންބަރުން ވަނީ އޮންލައިން ޝަރީއަތެއްގައި ދައުވާ ލިބޭ މީހާއަށް އެ މީހާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ގެއްލިގެން ގޮސްދާނެތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ހައްގު ލިބޭ ކަމަށް ވަނީ އެ މީހާއަށް ސީދާ ކޯޓަށް ހާޒިރުވެވުމުން ކަމަށް ފާހަގަ ކުރެއްވި އެވެ.

ކޮމިޓީގެ މެންބަރުންގެ އެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިހާރު ގެންނަ އިސްލާހާ އެކީގައި ވެސް ދައުވާ ލިބޭ މީހާގެ ހައްގެއް ގެއްލިގެން ނުދާނެ ގޮތް ހެދިދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުވާ ލިބޭ މީހާއަށް ކޯޓަށް ހާޒިރުވުމުގެ ފުރުސަތު ލިބޭ ގޮތަށް ވެފައި ޕްރޮސެކިއުޓަރުން ކޯޓަށް ހާޒިރު ނުވެ ވެބް ކޮންފެރެންސް މެދުވެރިކޮށް ހާޒިރުވާ ގޮތަށް ހެދިދާނެ އެވެ. އޭރުން ދައުވާ ލިބޭ މީހާގެ އެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މެންބަރުންގެ ކަންބޮޑުވުން އޮތް ދައުވާ ލިބޭ މީހާ އެއް ގޮތަކަށް ވެސް ކޯޓަށް ހާޒިރު ނުކޮށް ޝަރީއަތް ކޮށްދާނެތީ. އޭގެ ވިސްނުމެއް ނޫން މި އޮތީއެއް. ވިސްނުމަކީ ދައުވާ ލިބޭ މީހާ ހުންނާނީ ރަށުގައޭ. އޭނައަށް ކޯޓަށް ހާޒިރުވެވޭނެއޭ. އޭނާ ހުންނާނީ ފަނޑިޔާރެއްގެ ކުރިމަތީގައޭ." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ވަރަށް ކުދިކުދި އަޑުއެހުންތަކަށް ރަށްރަށަށް ޕްރޮސެކިއުޓަރުން ފޮނުވަން ޖެހޭތީ ވެސް ވަރަށް ހަރަދު ބޮޑުވާ ކަމަށެވެ. އޭގެ ބަދަލުގައި މާލޭގައި ހުންނަ ޕީޖީގެ އޮފީހުގައި ޕްރޮސެކިއުޓަރު ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނަމަ ގިނަ ހަރަދުތަކެއް ސަލާމަތް ވެސް ކުރެވޭނެ ކަމަށެވެ.

"ކުދިކުދި މައްސަލަތައް. ކުދިކުދި އަޑުއެހުންތައް ވެސް އެބަ އުޅޭ. މިސާލަކަށް އިބްތިދާއީ އަޑުއެހުމެއް ނުވަތަ ހަމައެކަނި ހުކުމް އިއްވަން ބާއްވާ އަޑުއެހުމެއް، އެއަށް ވެސް އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްފައި ޕްރޮސެކިއުޓަރު ފޮނުވާ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ." ޝަމީމް ވިދާޅުވި އެވެ.

ޕްރޮސެކިއުޓަރުން ކުރާ ދަތުރުތަކެގެ ހަރަދުތަކުގެ ތަފުސީލު ވެސް ޝަމީމް ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގޮތަށް ކުރާ ކޮންމެ ދަތުރަކަށް އެވެރެޖްކޮށް 13،000 ރުފިޔާ ހަރަދުވެ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެކަން ގެންދިއުމަށް ޓަކައި ވެސް އެ އަދަދު 5،000 ރުފިޔާއަށް ތިރި ކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅިވި އެވެ.