ހަބަރު

އިސްތިއުފާ ދިނަސް ބިޝާމް މައާފަށް އެދެން ޖެހޭ: މަލީޙް

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އިސްތިއުފާ ދެއްވި ނަމަވެސް މާފަށް އެދެންޖެހޭނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޕީޖީގެ މަގާމުން ބިޝާމް މިއަދު އިސްތިއުފާ ދެއްވާފައިވާއިރު މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް މަގާމެއް ދިފާއު ކުރުމަށް ދޮގުހަދާ އެެހެން މީހުންގެ އަބުރު ކަތިނުލާން ޖެހެނީ އެފަދަ ކަންކަމުން ލިބޭނެ ރަނގަޅު ނަތީޖާއެއް ނޯންނާނެތީ ކަމަށެވެ.

މަލީހު ވިދާޅުވީ މަގާމުގެ ނުފޫޒުގައި ތާށިވެ މަޖިލީހުގެ ކޮމިޓީގައި އިންނަވާ ހެއްދެވި ބޮޑު ދޮގަށް އެމަނިކުފާނުގެ އަރިހުން މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ޕީޖީ ބިޝާމް ހާޒިރު ކުރުމުން މި ބޮޑު ހިޔާނާތުގައި އޭނާ ބައިވެރިވި ކަމަށް މަޖިލީހުގައި ވިދާޅުވުމުންނެވެ. މި ކަމާގުޅިގެން މަލީހް ވަނީ ބިޗާމަށް އަބުރުގެ ދައުވާ ކުރާނެ ކަމަށްވެސް ވިދާޅޫވެފަ އެވެ.

އަބުރުގެ ދައުވާއަށް ބިޝާމް ތައްޔާރުވުމަށ ްއެދި މލީހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި މީގެ ކުރިން ތުހުމަތު ވެސް ކުރެެވިފައި ނުވާ މީސްމީހުންގެ ނަންތައް އެކަމުގައި ޝާމިލު ކުރަމުން ގެންދަނީ ހިޔާނާތުގެ މިސްރާބު އޮޅުވާލަންތޯ ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ފަހުން މަލީހް ވަނީ "އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އޮތް ކަން ހަނދާން ކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ ޕީޖީ މަގާމަކީ ވަރަށް ޒިންމާދާރު މަގާމެއް ކަމަށްވެސް ހަނދާން ކޮށްދެއްވާފަ އެވެ.