މުހައްމަދު މަލީހު ޖަމާލް

މަލީހަށް ފިޔަވަޅު ނާޅަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް ވިދާޅުވެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ދައްކަވާފައި ވަނީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ނަމަވެސް އޭނާއަށް ފިޔަވަޅެއް ނާޅަން މަޖިލީހުގެ ތަޅުމުން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ ތަޅުމުން އެފަދައިން ނިންމީ މަލީހުގެ ތުހުމަތުތައް އިމްތިޔާޒް ކޮމެޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓަށް މިއަދު ނެގި ވޯޓުގެ ތެރެއިން ނެވެ. ކޮމެޓީގެ ރިޕޯޓް ފާސް ކުރަން 48 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.

މަލީހް ދެއްކެވި ވާހަކަތައް ހޫނެވެ އިމްތިޔާޒް ކޮމެޓީއަށް މައްސަލަ ފޮނުވީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދައި ބަލައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ނެވެ. ނަމަވެސް ކޮމެޓީން ނިންމީ މަލީހްގެ މައްސަލަ ފައިލް ކުރުމަ ށެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު މަލީހް ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ މައްސަލަ އާއި ގުޅިގެން ކޮމިޓީން ވަނީ މަލީހް އެ ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށް ވިދާޅުވެ ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އަދި އިމްތިޔާޒު ގާނޫނާއި މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާތައް ފާހަގަކުރެއްވުމަށްފަހު މަލީހް ވަނީ ކޮމިޓީން މަސައްކަތް ކުރަނީ އުސޫލާ ހިލާފަށް ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވުމަށް ދެކޮޅު ހައްދަވާފަ އެވެ.

ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލީހުގެ މެންބަރެއް ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

މައްސަލަ ނިންމާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މަލީހް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޖަވާބުދާރީވެފައި ނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

މިރިޕޯޓްގައި ވަނީ އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ފާހަގަކޮށް މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ބުނެފަ އެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިގެން ޝަރީއަތް މެދުވެރިކޮށް ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ޖޭޕީގެ ސްލޮޓެއްގައި ހުއްޓާ ވަޒީރު ކަމުން ވަކިކުރަން މަޖިލީހުން ފާސްކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން މަލީހް ވަނީ ޖޭޕީން ވަކިވެވަޑައިގެންފަ އެވެ.