ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ދެ މުސާރަ ނަގާ މައްސަލައެއް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ދެއަހަރައި ބައިގެ މުއްދަތަށް ރައީސްކަން ކުރައްވާފައިވާއިރު ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ފައިސާ ނެންގެވުމަކީ ގައުމަށް ޣައްދާރުވުން ކަމަށެވެ.

މަލީހު އިޝާރާތްކުރާއްވާފައިވާ ދެ މުސާރައަކީ މަޖިލީހުގެ ރައީސްކަން ކުރައްވާތީ ލިބިވަޑައިގަންނަވާ މުސާރައާއި ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކެވެ.

މަލީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ އެއްލައްކަ ރުފިޔާއަށްވީއިރު ރައީސް ނަޝީދަށް މިހާރު ވެސް އޭގެ ޑަބަލް ލިބިވަޑައިގަންނަވާ ކަމަށެވެ.

" 'ދެ މުސާރަ ތަކުުރު' ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. އާރްޓީއައި [ރައިޓް ޓް އިންފޮމޭޝަން] ގެ ދަށުން މަޖިލީހަށް ހުށަހަޅާނަން. މަޖިލީސް މެންބަރު / ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތް، ކޮންމެވެސް އެކައްޗެއް ރައްޔިތުުންގެ ހައްގުގައި ދޫކޮށްލަން ކެރޭނެބާ؟" މަލީހު ވިދާޅުވި އެވެ.

ފެންނަން ހުރި މަދު މައުލޫމާތު ތަކުން މިހާރުވެސް ރައްޔިތުންގެ އަތުން 265419.70 ރުފިޔާ ރައީސް ނަޝީދު ނަންގަވާ ކަމަށާއި، މީގެ ތަފްސީލްގެ ބްރޭކް ޑައުން ހޯދާ އަދި ހާމަނުކޮށް ހުރިކަން ފަޅާއަރުވައިލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި އަދަދަކީ މަހަކު 17 މީހުން ފަގީރު ކަމުން މިންޖުވާނެ އަދަދެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000 ރުފިޔާ، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނުގައި ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000 ރުފިޔާއާ ހަމައަށް ދައުލަތުން އިނާޔަތް ދޭން ޖެހެ އެވެ.