މުހައްމަދު މަލީހު ޖަމާލް

މަލީހު ކޮމިޓީއަށް ހާޒިރުވެ ޖަވާބެއް ނުދެއްވި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރު ކުރުމުން ގާނޫނީ މައްސަލަތަކެއް ފާހަގަ ކުރެއްވުމަށްފަހު ކޮމިޓީއަށް ޖަވާބުދާރީވުމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެކޮޅު ހައްދަވައިފި އެވެ.

މަލީހް މިއަދު ކޮމިޓީއަށް ހާޒިރު ކުރީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މި މަހުގެ އެއްވަނަ ދުވަހު ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ތެރެއިން މަޖިލީހުގެ ތަޅުމުގައި މެންބަރުންނަށް އަމާޒުވާ ގޮތަށް ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

އެގޮތުން ވަޒީރެއްގެ ހައިސިއްޔަތުން މި މަހުގެ އެއްވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މަލީހް ވަނީ މަޖިލީހުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވެވީ ވެސް އެކަމާ ގުޅިގެން ކަމަށް މަލީހް އެ ދުވަހު ވިދާޅުވި އެވެ.

މަލީހްގެ އެ ތުހުމަތާ ގުޅިގެން މިއަދު ހެނދުނު 11:00 ޖެހިއިރު އޮތް އިމްތިޔާޒު ކޮމިޓީއަށް މަލީހް ވަޑައިގަތުމުން ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ މަލީހް ކޮމިޓީއަށް ހާޒިރު ކުރި ސަބަބު ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން މަލީހް ހާޒިރުކުރީ މަޖިލީހުން ވަޒީރުންނަށް ބިރު ދައްކާ ކަމަށް މަލީހް ވިދާޅުވުމާ ގުޅިގެން އެ މައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ 7 ވަނަ ނަންބަރުގެ ދަށުން ކަމަށް ޔާސިރު ވިދާޅުވި އެވެ.

އެ ނަންބަރުގައި ބުނެފައިވަނީ މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްދުގައި ކަމެއް އޮޅުވާލުމުގެ ވާހަކަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމުން މަލީހް ފުރަތަމަ ވެސް އެއްސެވީ ސުވާލެކެވެ. އެގޮތުން އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދާ އުސޫލާއި ގަވައިދު ކޮބައިތޯ އެއްސެވި އެވެ. އަދި އެފަދަ ގަވައިދެއް އަދި އުސޫލެއް އޮތް ނަމަ ހިއްސާ ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު ޔާސިރު ވިދާޅުވީ ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ހާޒިރު ކުރަން ބޭނުންވާ ކޮންމެ ބޭފުޅަކު ހާޒިރު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ވަޒީރުކަމުން ވަކިވެވަޑައިގެންފައިވާ ބައެއް ބޭފުޅުން އެ އުސޫލުން މީގެ ކުރިންވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ކޮމިޓީގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވުމަށް ޔާސިރު އެދި ވަޑައިގަތެވެ.

ކޮމިޓީގެ މުގައްރިރަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ އޭނާވެސް އަދި މަޖިލީހުގެ މެންބަރުން ވެސް އަމަލު ކުރައްވަނީ އެއް ގާނޫނުއަސާސީއަކަށް ކަމަށާއި އެހެން ކަމުން ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް މަޖިލީހުގެ މެންބަރަކަށް ވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ.

ކޮމިޓީގައި ތަކުރާރުކޮށް މަލީހް ވިދާޅުވީ އޭނާ ކޮމިޓީއަށް ހާޒިރުކުރީ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގެ 20 ވަނަ މާއްދާއާ ގާނޫނުއަސާސީގެ ނުވަވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް ކުރާ ކަމަކަށް ޖަވާބުދާރީވުމަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ވެސް ގާނޫނާ ހިލާފުވެވަޑައިނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މަލީހް ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮންޖައްސަވާ، ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ގާނޫނުއަސާސީ އާއި ގާނޫނުތައް ވިދާޅުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ހަރުގެ ހިންގާހެން މަޖިލިސް ނުހިންގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުން ފެށުމަށް ފަހު މެންބަރުންނަށް ސުވާލު ކުރެއްވުމަށް ފުރުސަތު ހުޅުވާލުމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ގާނޫނީ މައްސަލައެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ނާޒިމް ވިދާޅުވީ އިމްތިޔާޒު ގާނޫނުގެ ދަށުން މަލީހް ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ މަލީހް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވީ މަޖިލީހުން އަންގައިގެން މަޖިލީހަށް ހާޒިރު ކުރުމުން ވަޒީރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާ އިމްތިޔާޒު ގާނޫނުން ވެސް މަލީހަށް ލިބިވަޑައިގެންފައި އޮތް ގާނޫނީ ފުރުސަތެއްގެ ތެރެއިން ދެއްކެވި ވާހަކަފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެ ހައިސިއްޔަތުގައި ހުންނަވައިގެން މަލީހް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން މަޖިލީހަށް ހާޒިރުކޮށް އެކަން ބަލައި ފިޔަވަޅު އަޅަން މަސައްކަތް ކުރާތީ އެއީ މަޖިލީހުން ވެސް މަލީހަށް އަދި ވަޒީރުންގެ މަގާމުގައި ތިއްބެވި އެހެން ބޭފުޅުންނަށް ބިރު ދެއްކެވުން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ މަޖިލީހުގެ ރައީސް މިކަމުގައި އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ ޒާތީ މައްސަލައެއް،" ކުރިން ވަޒީރު ކަން ވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވިދާޅުވީ މަލީހް ވަޒީރު ކަމުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭނާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ މައްސަލައަށް މަލީހް ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަން ވެސް އަދި ޖަވާބުދާރީވާން ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"މިއީ އެމްޑީޕީގެ ކޮމިޓީއެއް ނޫން. މިއީ މަޖިލީހުގެ ކޮމިޓީއެއް. ޕާޓީ ވިސްނުމުގައި މިތަނުގެ ކަރާމާތް ގެއްލުވާލައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެއްވެސް ބޭފުޅަކު ދައްކަވާ އެއްވެސް ވާހަކަފުޅަކަށް ފިޔަވަޅު ނޭޅޭނެ ކަން އިމްތިޔާޒު ގާނޫނުގައި ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން ގާނޫނުގައި އިމްތިޔާޒު ލިބިގެންވަނީ ހަމައެކަނި މެންބަރުންނަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މެންބަރު ނާޒިމާއި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކަވަން ވާނީ ތެދު ހަގީގަތުގެ މައްޗަށް ކަމަށެވެ. އެކަމަކު މަލީހް ވަނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ތުހުމަތުވާ ގޮތަށް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަވާފައި ކަމަށްވެސް އެ ދެ މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނު ވެސް ވިދާޅުވީ މަލީހް ދެއްކެވީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަމާޒުވާ ވާހަކަފުޅަކަށްވާތީ މަޖިލީހުން އެކަން ބަލަންޖެހޭނެ ކަމަށެވެ. މަޖިލީހުން ކުރަނީ އެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމުގައި މަލީހް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށާއި ގާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ހައްގެއް މަލީހަށް ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ނަމަވެސް މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަލީހްގެ ފަރާތްޕުޅުން ފެނިގެން މިދަނީ ގާނޫނު ވިދާޅުވެ ދެއްވާ ތަން،" މަލީހް ޖަވާބު ދެއްވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ހާރޫން ވިދާޅުވި އެވެ.

އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ ކޮމިޓީއަށް ޖަވާބުދާރިވާން ޖެހިވަޑައިނުގަންނަވާނެ ކަމަށް މަލީހް ވިދާޅުވެފައިވާތީ އެއީވެސް ކޮމިޓީއަށް ދެއްވާފައިވާ ޖަވާބެއް ކަމަށެވެ. އެހެންކަމުން މަލީހް ހާޒިރުކުރި ކޮމިޓީގެ ބައްދަލުވުން ނިންމާލުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ކޮމިޓީގެ މުގައްރިރު ވަނީ ކޮމިޓީގައި އިތުރު މެންބަރަކު ވާހަކަފުޅު ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ކޮމިޓީ ނިންމަވާލައްވާފަ އެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަން އުޅުއްވަނިކޮށް މަލީހް ވަނީ ފަހުބަސް ވިދާޅުވުމަށް އޭނާ އަށް ފުރުސަތު ނުދެއްވަނީތޯ އައްސަވާފަ އެވެ. އެކަމަކު ކޮމިޓީގެ މުގައްރިރު، މަލީހުގެ އެ ވާހަކަފުޅަށް ރިއާޔަތްކުރެއްވުމެއް ނެތި ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމަވާލައްވާފަ އެވެ. އެކަމާ ގުޅިގެން މަލީހް ވަނީ "ތާކުންތާކު ނުޖެހޭ ކަންކަން ނުކުރެއްވުމަށް" އެދިވަޑައިގެން ނުރުހުން ފާޅުކުރައްވާފަ އެވެ.

މަލީހްގެ މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމިޓީގައި އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު މަލީހްއަށް ދައުވާ ކުރަން ޖެހޭ ކަމެއްވާނަމަ ދައުވާ ކުރާނެ ކަމަށެވެ.