މުހައްމަދު މަލީހު ޖަމާލް

މަލީހް ވަކިކުރަން ނިންމި ނިންމުން ތަންފީޒު ކުރަން ގޮވާލައިފި

ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެ މަގާމުން ވަކި ކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނިންމި ނިންމުން އަވަހާ ތަންފީޒް ކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގޮވާލައްވައިފި އެވެ.

ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް ޓެލެކޮމް އޮތޯރިޓީއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މީކާއީލް ވަނީ އަނެއްކާ ވެސް މަލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުންނަށާއި ދަރިވަރުންނަށާއި މަޖިލީހުގެ މެމްބަރުންނަށް ވެސް އިންޓަނެޓްގެ މުހިންމުކަން އިތުރަށް އެނގިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް އެނގިގެން ދިޔައީ ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާގާބިލުކަން ކަމަށެވެ.

މީކާއީލް ވިދާޅުވީ ކޮވިޑްގެ ބަލި މަޑުކަމުގައި މަލީހުގެ ފަރާތުން ފެނިގެން ދިޔައީ ފަލަމަޑީގެ ބާވަތްތައް ހެއްދުމާއި ވަޅު ދިޔަ ހިއްކުން ފަދަ ކަންކަން ކަމަށާއި އެއީ މިނިސްޓަރެއްގެ ފަރާތްޕުޅުން ފެނުނު ޖެއްްސުން ކުރުމުގެ އަމަލެއް ކަމަށެވެ.

ރާއްޖެއާއި އެހެނިހެން ގައުމުތަކަކުގެ އިންޓަނެޓް އަގުތައް އަޅާކިޔައި ދިރާސާ އެއްކުރަން ކޮމިއުނިކޭޝަން މިނިސްޓްރީގެ ބޭފުޅުންތަކެއް އުޅުއްވުމުން މިނިސްޓްރީން ހުއްޓުވި ކަމަށް ވެސް މީކާއީލް މިއަދު ތުހުމަތު ކުރެއްވި އެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ނުވާތީ މީކާއިލް ވަނީ ހިތްފުޅާ ނުވާކަން ހާމަ ކުރައްވައިފަ އެވެ.

ދެ މަހެއްހާ ދުވަސް ވެއްޖެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް އިތުބާރު ނެތް މިނިސްޓަރެއް ކެބިނެޓްގައި އިންނަވާތާ. އަޅުގަނޑަށް ހީވަނީ މިއީ ލަދު ވާހަކައެއް ހެން. މިކަން ކަމަށް ހައްލެއް ގެނައުމުގެ ބޭނުމުގައި އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ ކިބައިން އެދެން މި ނިންމުން އަޅުގަނޑުމެންނަށް ތަންފީޒު ކޮށްދެއްވަން. 65 މެމްބަރުން މަޖިލީހަށް ހޮވުމުގެ ހަގީގީ ބޭނުމުގެ މަގްސަދު ހާސިލު ކޮށްދެއްވަން،
މީކާއީލް ނަސީމް | މަޖިލިސް މެންބަރު

"ދެ މަހެއްހާ ދުވަސް ވެއްޖެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް އިތުބާރު ނެތް މިނިސްޓަރެއް ކެބިނެޓްގައި އިންނަވާތާ. އަޅުގަނޑަށް ހީވަނީ މިއީ ލަދު ވާހަކައެއް ހެން. މިކަން ކަމަށް ހައްލެއް ގެނައުމުގެ ބޭނުމުގައި އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ ކިބައިން އެދެން މި ނިންމުން އަޅުގަނޑުމެންނަށް ތަންފީޒު ކޮށްދެއްވަން. 65 މެމްބަރުން މަޖިލީހަށް ހޮވުމުގެ ހަގީގީ ބޭނުމުގެ މަގްސަދު ހާސިލު ކޮށްދެއްވަން،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓްކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމަކީ ވެސް އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑިކިޔުން މަލީހުއަށް އަމާޒުވާ ސަބަބެކެވެ. އަދި އިންޓަނެޓްގެ އަގާއި އޭގެ ފެންވަރު ކޮންޓްރޯލް ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް މަލީހް ނުކުރައްވާކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ.