ހަބަރު

"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލްއިން އެސްއޯއެފަށް ޖަމާކޮށްދިން: ކޮމިޝަން

ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލީޒް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއަރުސީއަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ ހަ ޗެކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށް، ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކޮމިޝަނުން ހޯދާފައިވާ ލިޔެކިޔުންތަކުން އެ ކުންފުންޏަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ ހަ ޗެކެއް ބީއެމްއެލްއިން އެންޑޯޒްކޮށް، އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަން އެނގޭ ކަމަށެވެ.

"އެ ބޭފުޅުން އެބަ އޮތް އަޅުގަނޑަށް ސިޓީއަކުން ލިޔެފައި، ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ހޯދާފައިވާ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެމްއެމްޕީއާރުސީއަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިއެބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށް ބީއެމްއެލް އިން އެސްއޯއެފްގެ ނަމުގައި އެ ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެއޭ" ނަޝީދަށް ލިބިވަޑައިގެންނެވި ސިޓީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް އެ ބޭންކުން ޖަމާކޮށްދީފައިވާ ކަމުގެ ތުހުމަތު އަމާޒުވުމާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން ބީއެމްއެލްގެ މައްސަލަ ވަކިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ކުރަމުންދާތީ ތަހުގީގަށް ފާހަގަވާ ކަންކަން މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ނަމަވެސް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަވަޑައިގެން މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޗެކްތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޗެކް އެންޑޯޒް ކުރުމުގައި ބީއެމްއެލް އިން އަމަލު ކުރީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މި ކަމާ ގުޅިގެން ޝަރީފް މަޖިލީހުގެ ކޮމިޓީއަށް ތެދު ނޫން މައުލޫމާތު ދެއްވައި އޮޅުވާލައްވާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.