ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ އަމާޒަކީ އިތުބާރު ހިފޭ ތަނަކަށް ބޭންކު ހެދުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ ތަނަކަށް ހަދައި ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބީއެމްއެލްގެ އާ ބޯޑަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ ބީއެމްއެލްގެ ކްރޮސްޕެންޑެންޓް ބޭންކްތަކާއި ބީއެމްއެލާ މުއާމަލާތް ކުރާ އެހެން މާލީ އިދާރާތަކުން ބީއެމްއެލާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ކަމާ ގުޅޭ ގޮތުން މަޖިލީހުން މަޝްވަރާ ކުރާ ކަމަށެވެ.

ބީއެމްއެލްއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއް ކުރެވެމުންދާ ކަން ފާހަގަކުރައްވާ ވިދާޅުވީ މަޖިލިސް މެންބަރުންގެ އަމަޒާކީ ބީއެމްއެލްގެ މައްޗަށް މުޅި ދުނިޔޭގެ މާލީ އިދާރާތަކާއި ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުބާރު ބޮޑުކޮށް ދިނުން ކަމަށެވެ.

"ބޭންކް ސާފު ކުރަން ޖެހޭ، ކުރެވިފައިވަނީ ކޮން ކަމެއްތޯ، ނުކުރެވި ވަނީ ކޮން ކަމެއްތޯ، ވަކި ކަމެއް ކުރީ ކާކުތޯ، ކީއްވެގެންތޯ، މި ކަންކަން އެނގެން އެބަ ޖެހޭ، އަޅުގަނޑަށް ޔަގީން މި ސުވާލުތަކުގެ ޖަވާބު ދާނީ ލިބެމުން، ބީއެމްއެލްގެ މައްޗަށް އޮތް އިތުބާރު ވެސް ދާނީ ބޮޑުވަމުން،" ނަޝީދު ވިދާޅުވި އެވެ.

ބީއެމްއެލްއަކީ އިތުބާރު އޮތް ތަނަކަށް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އަމާޒެއް ކަމަށް ނަޝީދު ވިދާޅުވިއިރު، ބީއެމްއެލްގެ އިސް ބޭފުޅުން ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ މުހައްމަަދު ޝަރީފު ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ފޮނުވީ ވެސް މަޖިލީހުންނެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.

މާލިއްޔަތު ކޮމިޓީގައި ޝަރީފު އޭރު ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޗެކްތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޗެކް އެންޑޯޒް ކުރުމުގައި ބީއެމްއެލް އިން އަމަލު ކުރީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް އެ ބޭންކުން ޖަމާކޮށްދީފައިވާ ކަމުގެ ތުހުމަތު އަމާޒުވި އެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ރިޔާސީ ކޮމިޝަނުން ވަނީ ބީއެމްއެލް އިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް އެސްއޯއެފް ކުންފުންޏަށް ޖަމާކޮށްދިން ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ.