ހަބަރު

ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެނގޭނެ، ދައުވާކުރުން ލަސްވާންޖެހޭ ސަބަބެއް ނެތް: ނަޝީދު

Dec 5, 2019
4

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތެރެއިން ފައިސާ ލިބުނު މީހުންގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދެވިފައިވާ ކަމަށާއި ތަހުގީގުކުރާކަމަށް ބުނެ ދައުވާކުރުން ލަސްވާ ސަބަބު ނުވިސްނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ހިޔާނާތާ ގުޅުވައި މެންބަރަކު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނަޝީދު ވިދާޅުވީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ތެރެއިން ފައިސާ ލިބުނުކަމަށް ބުނާ މަޖިލީހުގެ މެންބަރުންގެ މައުލޫމާތު ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ހިޔާނާތުގެ ފައިސާ ލިބުނީ ކޮން މެންބަރުންނަށްކަމެއް ނޭނގޭހާ ހިނދަކު، ހިޔާނާތުގެ ހިޔަނި މަޖިލީހުގައި މިހާރު ތިއްބެވި 87 މެންބަރުންނަށްވެސް އެޅިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކުރިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އެ ދުވަސްވަރު ގެންގުޅުއްވި މޯބައިލް ފޯނުތަކާއި ލެޕްޓޮޕްތަކުގެ ފޮރެންސިކް ތަހުލީލެއް ބޭރުގެ ފޮރެންސިކް އެކައުންޓަންޓެއް މެދުވެރިކޮށް އެމްޑީޕީން ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ރިޕޯޓް ބަންޑާރަ ނައިބާ ހިއްސާކުރެވިފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން އެ ރިޕޯޓު އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވިކަމަށްވެސް ނަޝީދު މިއަދު ހާމަކުރެއްވި އެވެ.

"އެ ތަހުލީލުގައި 73،000 އަށް ވުރެ ގިނަ ޓެކްސްޓް ވަނީ ހޯދިފައި. އަދީބަށް އެ ޓެކްސްޓުތައް ފޮނުވީ ކޮން ބައެއްތޯ، ކޮން މެންބަރުންތަކެއްކަން ވަރަށް ސާފުކޮށް އެނގެން ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި އިތުރަށް ތަހުގީގުކުރަންޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އޭގައި ހިމެނޭ މީހުންގެ ފޯނު ނަންބަރުތަކާއި، އެޑްރެހާއި އަދި އައިޑީ ކާޑު ނަންބަރުތައް ވެސް ހުންނާނެ ކަމަށެވެ.

"އެހެންވީމާ، ފުލުސް އޮފީހާއި، ޕީޖީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުގައި އަޅުގަނޑު އެދެން އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ދައުވާކުރުން އަވަސް ކޮށްދިނުމަށް،" ނަޝީދު ގޮވާލެއްވި އެވެ.

ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބުނެފައިވަނީ އެ ހިޔާނާތުގެ ފައިސާތައް ދައުރުކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި މިހާރު ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.