ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ކަމަށެވެ.
ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި މިހާރު ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.
އެ ގޮތުން އިންތިހާބަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކަށާއި، ޕްރައިމަރީތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ކެމްޕެއިންތަކަށް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އައްޔަނުކުރުމާއި، ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލުގެނައުމާއި، މަގާމުތަކަށް މީހުން އައްޔަނުކުރުން ފަދަ މަޖިލީހުގައި ނެގުނު މުހިންމު ވޯޓުތަކުގައި ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
އޭގެ އިތުރުން، ޕާޓީ ބަދަލުކުރި ބައެއް މެންބަރުންނަށް ވެސް އެ ފައިސާ ފޯރުކޮށްފައިވާކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމާއި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް އެހީގެ ގޮތުގައި، މި ދަންނަވަނީ ވިޔަފާރިއަށް ޑިޔުޓީ ދައްކަން، ބަލިވެގެން ނޫނީ ބޭރަށްދާން ފަދަ އަމިއްލަ ބޭނުންތަކަށްވެސް އެ ފައިސާއިން ވަނީ ދީފައި،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، ސްޕޮންސާޝިޕްގެ ނަމުގައި ފުލުހުން އަދި ސިފައިންނަށް ހިޔާނާތުގެ ފައިސާ ދީފައިވާއިރު، ސަރުކާރުން ބޭއްވި ބައެއް އިވެންޓުތަކަށްވެސް ހަރަދުކޮށްފައިވާ ކަމަށެވެ.
ފައިސާ ބެހި މީހުންގެ ފަރާތުން އިތުރު މައުލޫމާތު
ރިޔާޒް ވިދާޅުވި ގޮތުގައި މީގެ ކުރިން ފުލުހުންގެ އިތުރުން އޭސީސީން ކުރި ތަހުގީގަށް ލިބިފައިނެތް ގިނަ ހެކިތަކެއް މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން، ހިޔާނާތުގެ ފައިސާ މައިގަނޑު ގޮތެއްގައި ދައުރުކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯއެފްގެ އިސް ފަރާތްތަކުގެ އިތުރުން، ފައިސާތައް އެކި ފަރާތްތަކަށް ހަވާލުކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުންގެ ފޯނުތަކާއި ލެޕްޓޮޕްތައް ފުލުހުންނަށް މިދިޔަ އޭޕްރީލް މަހު ލިބިފައިވާ ކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.
"ތަހުގީގަށް ކުރިން ލިބިފައިނެތް ފުރުސަތުތަކެއް އަޅުގަނޑުމެންނަށް ލިބުނު. އެސްއޯއެފްގެ ތެރޭގައި އުޅުނު މީހުންގެ އީމެއިލްތަކާއި ފޯނުތަކާއި ލެޕްޓޮޕްތަކާއި، މެސެޖުތައް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. މިހާ ކޮމްޕްލެކްސް ފައިނޭންޝަލް ކްރައިމެއްގެ މުޅި މަންޒަރު ސާފުވާ އިތުރު ހެއްކާއި މެޓީރިއަލް ވަނީ ލިބިފައި،" ރިޔާޒް ތަފްސީލުކޮށް ދެއްވި އެވެ.
އެ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މިހާތަނަށް ފެންނަންހުރި މައުލޫމާތުތަކަށް ބަލާއިރު، މި ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް ނުފޫޒު ފޯރުވަން ކަމަށެވެ.
"އެކަމުގައި މަޖިލިސް، ސަރުކާރު، މިނިވަން މުއައްސަސާތައް، ދައުލަތުގެ ހުރިހާ ބްރާންޗެއް ހިމެނޭ. އަޅުގަނޑު ދެރަވެސްވޭ މިހެން ބުނަން އެކަމަކު އެކަމުގައި މީޑިއާ ވެސް ހިމެނޭ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ. އަނެއްހެން ދަންނަވަންޏާ މުޅި މުޖުތަމައު އެކީގައި ޝާމިލްވެގެން ހިނގާފަ އޮތް ކަމެއް މިއީ،" އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވި ގޮތުގައި މިހާރު ތަހުގީގުން އެންމެ އިސްކަމެއް ދީފައިވަނީ ހިޔާނާތުގެ ތެރެއިން ނަގުދު ފައިސާ ލިބުނު ފަރާތްތައް ދެނެގަތުމަށް ކަމަށެވެ. އެގޮތުން، ނަގުދު ފައިސާގެ މުއާމަލާތްތައް ސާބިތުކުރަން ދަތިތަކެއް ހުރި އިރު، ފައިސާގެ މުއާމަލާތްތަކުގެ ތާރީހުތަކާއި އެ ދުވަސް ވަރު ގައުމުގައި ކަން ހިނގާ ދިޔަގޮތަށް ބަލާކަމަށް އައްސަދު ވިދާޅުވި އެވެ.
ހިޔާނާތުގެ ހިޔަނި އެޅޭ ބަޔަކު އަދިވެސް މަގާމުތަކުގައި؟
ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން މިހާރުވެސް މަޖިލީހުގެ އިތުރުން ސަރުކާރާއި ފަންޑިޔާރުންގެ ތެރޭގައި ތިއްބެވިއިރު، އެ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ލަސްވާ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްސަދު ވިދާޅުވީ ތަހުގީގު ތެރެއިން ފެންމަތިވާ ކޮންމެ ނަމެއްގެ ވަށައިގެންވާ ގިނަ ކަންތައްތަކަކަށް ބަލަންޖެހޭ ކަމަށެވެ.
އަދި ހިޔާނާތުގެ ފައިސާކަން ނޭނގިވެސް އެކަމުގައި ޝާމިލުވުމުގެ ފުރުސަތުއޮތް އިރު، ކުރެވޭ ތުހުމަތެއް ކޯޓަކުން ސާބިތުވާ މިންވަރަށް ހެކި ހޯދަންޖެހޭކަމަށްވެސް އައްސަދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރު ބައެއް ބޭފުޅުން ކަންބޮޑުވެގެން އުޅޭ މަންޒަރު. އަޅުގަނޑުމެން ދަންނަވާނީ ކޯފާ ނުވާށޭ. އަޅުގަނޑުމެން ބޭފުޅެއްގެ މައުލޫމާތު ހޯދަން އުޅުމަކީ ކުށްވެރިވީއަކީ ނޫނޭ. ނަމެއް ފެންމަތިވެއްޖެއްޔާ އަޅުގަނޑުމެން ބަލާނެ. އޭގެ މާނައަކީ އެ ބޭފުޅަކީ ކުށްވެރިއެއްނޫން. ކޯފާނުވެ އަމިއްލައަށް އައިސް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވުމުގެ ފުރުސަތު އެބައޮތް،" އައްސަދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ކުރިއަށްދާ ތަހުގީގަކަށްވާތީ ތުހުމަތުކުރެވޭ އެއްވެސް ބޭފުޅެއްގެ ނަން އަދި ހާމަނުކުރާނެ ކަމަށެވެ.
ހަމީދު އެހެން ވިދާޅުވި ނަމަވެސް، ހިޔާނާތުގެ ފައިސާ ފޯރާފައިވާ ބައެއް ބޭފުޅުންގެ ނަންތައް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފަ އެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕީޖީ ބިޝާމް ވިދާޅުވީ 19ވަނަ ރައްޔިރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވުމުން އެ ދުވަހުގެ ކޮމެޓީގެ ބައްދަލްވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ނެވެ.
ނަމަވެސް، އެ ދުވަހު ބިޝާމް ހާމަކުރެއްވި ނަންތައް މަޖިލީހުގެ މި ހަފްތާގެ ދެ ޖަލްސާއެއްގައި ވަނީ ހާމަކޮށްފަ އެވެ.
އަދި މިހާރު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުކޮށް ވަކިކުރަން އުޅޭ ކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.