ރާއްޖޭގައި ހިޔާނާތުގެ އެންމެ ބޮޑެތި ކުށް ސާބިތުވެ ޖަލަށްލި ދެ މީހުން މިހާރު ގޭގައި ތިއްބެވީ އިއްތިފާގަކުންތޯ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅު ކަމުންތޯ ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒް ސުވާލެއް އުފައްދަވައިފި އެވެ.
މަޖިލިސް މެންބަރު ކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވެވި ކުރީގެ ޕީޖީ މުއިއްޒު މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ދުރާލައި އެއްބަސްވެގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށެވެ.
"ސަޅި! އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެ މީހުން ޖަލުގައި ނުބައިތިއްބާ ގޭގައި މި ތިބެވެނީ ހަމަ އިއްތިފާގުންތޯ؟ ނޫނީ ރައީސްގެ ހެޔޮފުޅު ކަމުންތޯ؟"އަހްމަދް މުއިއްޒު | ކުރީގެ ޕީޖީ
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ކަންކަމުގައި އަބަދުވެސް ފާޑު ވިދާޅުވަމުން އަންނަ މުއިއްޒު ޓްވިޓާ މެދުވެރިކޮށް މިއަދު އުފެއްދެވި ސުވާލު ގުޅުވާފައި ވަނީ އިއްޔެ ޒިޔަތަށް އިއްވާފައިވާ ހުކުމާއި އޭގެ ކުރީން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވި ހުކުމާއި އޭގެ ފަހުން ފެންނަން އޮތް ހަގީގަތްތަކުގެ މައްޗަށް ބަލައިގެނެވެ. ޒިޔަތާއި އަދީބުވެސް ތިއްބެވީ ގޭގަ އެވެ.
"ސަޅި. އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެ މީހުން ޖަލުގައި ނުބައިތިއްބާ ގޭގައި މި ތިބެވެނީ ހަމަ އިއްތިފާގުންތޯ؟ ނޫނީ ރައީސްގެ ހެޔޮފުޅު ކަމުންތޯ؟" ޓްވިޓާގައި މުއިއްޒު ވިދާޅުވެފައި ވެއެވެ.