ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީ ތަހުގީގުގެ ބައްދަލުވުންތައް އޮންލައިިންކޮށް ކުރިއަށް ގެންދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި އެކި އިދާރާތައް ގުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ކޮރަޕްޝަންގެ އެ މައްސަލަތައް ތަހުގީގު ކުރުމަށް އެމަނިކުފާނު އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރާ އެކި އިދާރާތައް ހިމެނޭ ޖޮއިންޓް އިންވެސްޓިގޭޝަން ސުޕަވައިޒަރީ ގްރޫޕުން މިއަދު އެ މައްސަލައިގެ ތަހުގީގާ ގުޅޭ ބައްދަލުވުމެއް އޮންލައިންކޮށް ބޭއްވި ކަމަށެވެ. އިތުރު ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް އެ ތަހުގީގާ ގުޅޭ ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހުން ހާޒިރު ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ.

މި ހިޔާނާތުގެ މައްސަލާގައި މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރު މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުވާ އުފުލައި ޖަލު ހުކުމްތައް ވެސް ކުރި އެވެ. ނަމަވެސް ފަހުން އެ ހުރިހާ ހުކުމެއް މަތީ ކޯޓުތަކުން ބާތިލުކޮށްފައިވާއިރު ފަހުން އަލުން ވަނީ އެ ބޭފުޅުންގެ މައްޗަށް ދައުވާތަކެއް އުފުލައިފަ އެވެ.

މި ހިޔާނާތުގައި ކުރީގެ ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމްގެ އިސްތިއުނާފު ޝަރީއަތްތައް ހައި ކޯޓުގައި ވެސް ފެށި އެވެ. މިހާލަތުގައި އެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ވަނީ މެދުކެނޑިފަ އެވެ.