ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

އެސެޓް ރިކަވަރީ ؛ ކޮވިޑާ ހެދި ކުރިޔަކަށް ނުދޭ

ހިޔާނާތްތައް ބަލާ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރު ކުރަން ޖެހޭ އެތައް ބަޔަކު ކޮވިޑް-19 އާއި ގުޅިގެން ހާޒިރު ނުކުރެވިގެން ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮމިޝަންގެ ތަހުގީގަށް ހާޒިރުވާން އެތައް ބަޔަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ހާޒިރުވާން އަންގާ ބައެއް ފަރާތަކުން ކޮވިޑްގެ އުޒުރުތައް ދައްކާ ކަމަށެވެ.

"ބައެއް ފަރާތްތަކުން ބުނަނީ ތިމަންނަ މިއީ [ކޮވިޑް] ހައިރިސްކް މީހެކޭ. މިވަގުތު ހާޒިރު ވާން ދައްޗޭ. އަނެއް ބަޔަކު މިބުނަނީ ކޮވިޑާ ގުޅިގެން ކަރަންޓީނުގައޭ މިތިބެނީ. އެހެންވެ ހަމަ އެއްގޮތަކަށް ވެސް ބައެއް މައްސަލަތައް ކުރިއަށް ނުގޮސްގެން މިއުޅެނީ،"

އައްސަދު ވިދާޅުވީ ކޮމިޝަނުން ބަލާ ބައެއް މައްސަލަތައް ކުރިއަށް ގެންދަން ދަތިވާން ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ. އެކަމަކު މައްސަލަތައް ނިންމަން އެ ކޮމިޝަނުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

އެ ކޮމިޝަނުން ބަލާ މުހިއްމު ތިން މައްސަލަ އެއް މިހާރު އޮތީ ނިންމާލުމުގެ މަރުހަލާގަ އެވެ. އެ މައްސަލަތަކުގެ ތަފްސީލެއް ނުދެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅުވުމަށްފަހު ބައެއް ފަރާތްތައް ހާޒިރުވުމަށް އުޒުރުވެރިވި ނަމަވެސް ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ދޭން ބައެއް ފަރާތްތައް އަމިއްލައަށް ހުށަހަޅާފައިވާ ކަމަށް ވެސް އައްސަދު ވިިދާޅުވި އެވެ. އަދި އެ ފަރާތްތަކާ ސުވާލު ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުނާއި ކުންފުނިތައް ހިމަނާ، މަޖިލީހަށް ފޮނުވި ލިސްޓަށް މިހާރު ބައެއް ބަދަލުތައް އައިސްފައި ވެއެވެ. އެގޮތުން 12 ކުންފުންޏެއް މިހާރު ވާނީ ލިސްޓުން އުނިކޮށްފަ އެވެ. އެކަމަކު ލިސްޓްގައި ހިމެނޭ ވަކިވަކި ފަރުދުންގެ އަދަދު ލިސްޓުން މަދު ނުވާނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް އެންމެ ފަހުން ފޮނުވި ލިސްޓު މަޖިލީހުން އާންމުކޮށްފައިވާއިރު 281 ފަރާތެއް ލިސްޓުގައި ހިމެނެ އެވެ. އޭގެތެރެއިން 119 މީހުންނަކީ އެކި ދުވަސްވަރު ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުނެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނެކެވެ. މި ކޮމިޝަންގެ އެންމެ ބޮޑު މަސައްކަތަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމެވެ. އެކަމަ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ހަލުވި ކަމެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ އެކޮމިޝަނަށް އެތައް ބަޔަކު ފާޑު ކިޔަމުންދެ އެވެ.