ހަބަރު

ބީއެމްއެލް މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވަން އަމުރެއް ނުދިން

Jul 29, 2019

ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރު ކޮށްދިނުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެން ދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުގައި އެފަދަ އަމުރަކަށް ބީއެމްއެލްއިން އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް އެ ބޭންކުން ހުށަހަޅާފައިވާ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގަ އެވެ. ބޭންކުން އެދިފައިވަނީ މައްސަލާގައި ގޮތެއް ކަނޑައަޅައި ނުނިމެނީސް މައުލޫމާތު ނުދީގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނޭޅުމުގެ އަމަރެއް ނެރެދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ.

އެ މައްސަލާގެ ތެރެއަށް މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ވަދެފަ އެވެ. ތަހުގީގަށް މައުލޫމާތު ނުދީގެން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އޭސީސީއާއެކު ކޮމިޝަނުންނާއި ފުލުހުން ބީއެމްއެލްއަށް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ބީއެމްއެލްއިން އެ މައުލޫމާތު ނުދީ މަޑުކުރަނީ އެ ކޯޓުން ގަބޫލު ކުރާ ގޮތުގައި ކޯޓު އަމުރެއް ނެތި މިހާރު މައުލޫމާތު ނުދެވޭނެތީ އެވެ.

މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އައީ ތަހުގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ. އެކަން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށްފަހު އެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކުރީ އިސްތިސްނާ ހާލަތެއް ކަމުގައިވިޔަސް އެ އިސްތިސްނާއެއްގެ ބޭނުންކުރަންވާނީ ގާނޫނެއް ނުވަތަ ގަވައިދެއްގައި ކަނޑައަޅާފައިވާ އާއްމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމުގައި ކަމަށެވެ. އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާ ކަމަށް ބޭންކުން ބުނެ އެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި ބީއެމްއެލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.

ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލީޒް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއަރުސީއަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ ހަ ޗެކެއް ބީއެމްއެލް އިން އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށް، ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގައިފަ އެވެ.

އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް އެ ބޭންކުން ޖަމާކޮށްދީފައިވާ ކަމުގެ ތުހުމަތު އަމާޒުވުމާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން ބީއެމްއެލްގެ މައްސަލަ ވަކިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ކުރަމުންދާތީ ތަހުގީގަށް ފާހަގަވާ ކަންކަން މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ނަމަވެސް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަވަޑައިގެން މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޗެކްތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޗެކް އެންޑޯޒް ކުރުމުގައި ބީއެމްއެލް އިން އަމަލު ކުރީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މި ކަމާ ގުޅިގެން ޝަރީފް މަޖިލީހުގެ ކޮމިޓީއަށް ތެދު ނޫން މައުލޫމާތު ދެއްވައި އޮޅުވާލައްވާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.