ހަބަރު

"އެސްއޯއެފަށް ޑޮލަރު ވިއްކަން ހުއްދަ ދިންއިރު ހިޔާނާތް ހިންގާކަން އެނގޭ"

ނީޒާ އިމާދު: އެކަމަނާ މިހާރު ހުންނެވީ އެސިސްޓެންޓް ގަވަރުނަރުކަމުގެ މަގާމުގައި. -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
14.3%
28.6%
57.1%

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯފް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ވިއްކުމުގެ ހުއްދަ މަރުކަޒީ ބޭންކުން ދޫކޮށްފައިވަނީ މަނީ ލޯންޑަރިންގަށް ޝައްކުކުރެވޭ މުއާމަލާތްތަކެއް ކުރަމުންދާކަމުގެ މައުލޫމާތު އެނގިތިބެކަމަށް ގަވަރުނަރު އަހުމަދު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން 1.3 ބިލިއަން ރުފިޔާ އެމްބެޒުލްކުރީ ފަނަރަ ވަރަކަށް މީހަކު އިސްވެ ތިބެ ހިންގި ޑޮލަރު ނެޓްވޯކެއް މެދުވެރިކޮށްގެން ކަމަށް އެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީއިން ހިންގި ތަހުގީގު ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އޭސީސީއިން މިދިޔަ ފެބްރުއަރީ މަހު އާންމު ކުރި ތަހުގީގު ރިޕޯޓްގައި ބުނީ، އެމްއެމްޕީއާރުސީއަށް ލިބުނު އެތައް މިލިއަން ޑޮލަރެއް އެސްއޯއެފްގެ ނަމުގައި ބީއެމްއެެލްގައި އޮންނަ ޑޮލަރު އެކައުންޓަކަށް ޖަމާކޮށް އެއަށް ފަހު ޑޮލަރު ވިޔަފާރި ކުރުމަށް 20 އާންމު ފަރާތަކަށް ވަނީ އެ ޑޮލަރުތައް ޓްރާންސްފާ ކޮށްފަ އެވެ.

ނަމަވެސް، އެ ޑޮލަރު ވިއްކުމުގެ ގިނަ މުއާމަލާތްތައް އެސްއޯއެފުން ހިންގާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ހުއްދަ ދިނުމުގެ ކުރިންނެވެ. ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެވެ. ނަމަވެސް، ޑޮލަރު ވިއްކުމުގެ ހުއްދަ އެ ކުންފުންޏަށް އެމްއެމްއޭ އިން ދޫކޮށްފައިވަނީ 13 ޖެނުއަރީ 2015 ގަ އެވެ. އެއީ މަނީ ލޯންޑަރިންގަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ކުރަމުންދާކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްއެމްއޭއަށް ރިޕޯޓުކުރި ފަހުންނެވެ.

އެސްއޯއެފް އިން އާދަޔާ ހިލާފު ބޮޑެތި އަދަދުތަކުން ކުރަމުންދިޔަ މުއާމަލާތްތައް ފާހަގަ ކުރެވިގެން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ބީއެމްއެލް އިން ފޮނުވާފައިވަނީ 27 ނޮވެމްބަރު 2014 ގައި އެވެ.

އިއްޔެ މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު އަހުމަދު ނަސީރާއެކު އެމްއެމްއޭގެ ބައެއް އިސްވެރިން. -- ފޮޓޯ: މަޖިލީސް

އެފްއައިޔޫގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ފޮނުވާފައިވާ ސިޓީއެއްގައި ކުރި ތުހުމަތުތަކާ ގުޅިގެން، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމުން ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެނގިފައިއޮތީ އެފްއައިޔޫއަށް އެކަނި ނޫން ކަމަށެވެ.

އެގޮތުން، އޭރުގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު ސޮއި ކުރައްވާ، އެސްއޯއެފްގެ އިތުރުން އެމްއެމްޕީއާރުސީއަށް ޑޮލަރު ވިއްކުމުގެ ހުއްދަ ދިން އިރުވެސް، ޝައްކުކުރެވޭ މުއާމަލާތްތައް ހިންގަމުންދާކަން އެނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، [އެސްއޯއެފަށް] މަނީ އެކްސްޗޭންޖް ލައިސެންސް ދިން އިރުވެސް ރިޕޯޓުތަކުގަ އެބަ ބުނޭ ސަސްޕިޝަސް ޓްރާންސްއެކްޝަންތަކެއްގެ ވާހަކަ،" ނަސީރު ހާމަކުރެއްވި އެވެ.

އޭރު ހިނގާފައިހުރި ކަންތައްތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެފްއައިޔޫގެ އިތުރުން އެމްއެމްއޭގެ އެހެން ފަރާތްތަކަށް ވެސް އެނގިފައިވާކަމަށް ގަވަރުނަރު އިއްޔެ ވިދާޅުވި އެވެ.

އެސްއޯއެފްގެ އެކައުންޓުތައް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އެފްއައިޔޫގެ އޭރުގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށް، ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. އަދި އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށް ވެސް އެ ބޭންކުން އިތުރަށް ބުނެފައިވެ އެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ނީޒާ ލަފާ ދެއްވީ އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށާއި، މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ އޭރުގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ޗުއްޓީއިން އެނބުރިވަޑައިގެން ހަމަ އެގޮތަށް ވިދާޅުވި ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ތުހުމަތު މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނީޒާ ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެފަދަ ކަމަކާ ގުޅޭގޮތުން އެފްއައިޔޫއަށް އެއްވެސް ލަފައެއް ދެއްވާފައިނުވާނެ ކަމަށް ނީޒާ ވަނީ ވިދާޅުވެފަ އެވެ. ނީޒާގެ އިތުރުން އާތިފް ޝަކޫރު ވެސް ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާނެ ފުރުސަތަކަށް މާލިއްޔަތު ކޮމިޓީގައި އެދިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފު އަންގައިގެން ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެ ނިންމުން ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބިގެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއައިޔޫ އިން ތައްޔާރުކުރި އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އޭޕްރީލް 6، 2015 ގައި ރިޕޯޓުގައިވާ ކަންކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވަން އެ ޔުނިޓުން ނިންމި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮލެޖު ބޯއި.

ނީޒާ އިމާދު ދޯ އެސްއޯއެފް އަށް ޑޮލަރު ވިއްކަން ހުއްދަދިން ސިޓީގައި ސޮއިކުރީ. ނީޒާ އިމާދަށް އެނގޭ ދޯ އެސްއޯއެފްއާއި ގުޅޭ މަނީ ލޯންޑްރިންގް މައްސަލައެއް ހިނގާކަން. ނީޒާ އިމާދަށް އެނގޭ ދޯ މަނީ ލޯންޑްރިންގ މައްސަލަ އަކަށް ޝައްކުވެގެން ބޭންކް އޮފް މޯލްޑިވްސް އިން އެކައުންޓްތަކެއް ހިފެހެއްޓިކަން. ނީޒާ އިމާދަށް އެނގޭ ދޯ ބޭންކުން މިކަން ފަހުން ދޫކޮށްލިކަން. ބޭންކުން އެބަ ބުނޭ ދޫކޮށްލީ ނީޒާ އިމާދު ބުނެގެނޭ. މިއަދު ވަކިގޮތަކަށް ހަދަން ތިމަންނަ ނުބުނަމޭ ބުންޏަސް، ހަގީގަތަކީ ނީޒާ އިމާދު ދޯ އެސްއޯއެފަށް ޑޮލަރު ވިޔަފާރިކުރަން ހުއްދަދިނީ އޭރުއޮތީ އެމްއެމްއޭ އަށް އެސްއޯ އެފްގެ މަނީ ލޯންޑްރިންގ މައްސަލަ އެނގިފައިކަން ވެސް ސާބިތުވޭ ދޯ.. އެހެންވީމަ އެސްއޯއެފަށް ޑޮލަރު ވިއްކަން ހުއްދަ ދިން ވެރިޔާ އަކީ އެސްއޯއެފްގެ އެ މަނީ ލޯންޑަރިންގ މައްސަލަ ނުހުއްޓުވަން ލަފައެއް ފޯނުން ނަމަވެސް ދިނުން ވަރަށް ގާތް މީހެއް ދޯ؟ ނީޒާ ޔާމީނާއި އެކު ޑީލް ހެދި. ގަވަރުނަރުކަން ދޭން ނިންމީ އެހެންވީމަ. މިއަދު ތިޔަ އުޅެނީ ރެކެން.

ލަތީފާ

ތިޔަ ނީޒާތީ ހަމަ ހުރިގޮތައް ބޮޑު ވަގެއް.

ޢަލި

މި ނީޒާ ވަކިކުރޭ މިހާރުން މިހާރު

ސައްދާމް

ތީ މުޅިންވެސް ޒާތީފައިދާއަށް ދައްކާވާހަކަ. ތިޔަކަހަލަގެ ވާހަކަތައް އަބަދުވެސް އިވޭ ކޮންމެ ސަރުކާރެއްވެސް ދާއިރަށް. އަމިއްލަ އެދުމުން ފޯވެފައިވާ ވަސްދުވަނީ

ހުޅުޖެހިމީހާ

އޭ! މަށޭ އެބަކިޔާތަ؟

ޝާއިރާ

ނީޒާ މިއަދު އެހެރީ ސަރުކާރުގެ އިސް ވަޒީފާއެއްގައި. އަދި ސިޔާސީ މަގުސަދެއްގައި ޔާމިންގެ ސަރުކާރު ބަލިކަށިކޮށްލުމަށް މިކަންތައްތަކަށް މަގު ފަހި ކުރުވި ނަޝީދު އެހެރީ ގައުމު ހިންގަން ހަވާލުވެ. މިކަންތައްތައް ހިނގަމުންދިޔަކަން އެނގިހުރެ އިދިކޮޅުގެ ޒިންމާ އަދާނުކޮށް އޭނާ ހުރި. ޔާމީނާއި އަދީބުގެ އިތުރުން އެމްޑީޕީގެ އިސްވެރިންނަށްވެސް ފިޔަވަޅު އަޅަންޖެހޭ. ގައުމު ހަމަޔަކަށް އެޅޭނީ އޭރަށް.

ފާތުމަ

ތިޔަކަމާ އަޑުއުފުލީމައެއްނު އޮނަހިރިއަދަދުތަކުން ހުކުމްކުރީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345