ހަބަރު

ތުހުމަތުތަކަށް ޖަވާބުދާރީވާނެ ފުރުސަތަކަށް އާތިފު އެދެފި

Jul 17, 2019
2

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތައް މެދުވެރިކޮށް ހިންގި މުއާމަލާތްތައް އެންގުމުން އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅި ކަމުގެ ތުހުމަތު އަމާޒުވެފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރު ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.

އަދި އެސްއޯއެފް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އާތިފްގެ އިތުރުން އޭރުގެ ޑެޕިޔުޓީ ގަވަރުނަރު ނީޒާ އިމާދުގެ ދެއްވި ލަފާގެ މަތީންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ވަނީ ބުނެފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން، އާތިފް ވަނީ ޖަވާބުދާރީވާނެ ފުރުސަތަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި އާތިފް އެދިވަޑައިގެންފައިވަނީ އެފްއައިޔޫގެ ހެޑުގެ ގޮތުގައި ހުންނެވި ހަތް މަސް ދުވަހުގެ ތެރޭގައި މަސްއޫލިއްޔަތު އަދާކުރި ގޮތާއިބެހޭ ގޮތުން އޭސީސީގެ އިތުރުން ބީއެމްއެލް އިން ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އޭރު ވެރިކަމުގައި ތިބި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވީ އެކަން ނުހުއްޓުވޭނެކަން އެނގިވަޑައިގެންނެވުމުންކަމަށް އާތިފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ބީއެމްއެލްގެ އިސް ބޭފުޅުން ހާޒިރުކޮށްފައިވާއިރު، އެމްއެމްޕީއާރުސީ މައްސަލާގައި އެ ބޭންކުން ފޮނުވި ރިޕޯޓަށް އެފްއައިޔޫ އިން ފިޔަވަޅު އެޅިނަމަ އެކަން ހުއްޓުވުނީސްކަމަށް އެ ބޭންކުގެ ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.