ހަބަރު

ޗެކުތަކުގެ މައްސަލާގައި ޝަރީފު މަޖިލީހަށް އޮޅުވާލިކަމަށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހަށް އޮޅުވާލެއްވި ކަމަށް ނިންމައި، އޭނާގެ މައްސަލަ އަނބުރާ ނުނަގަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބީއެމްއެލް ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު ނަޝީދަށް ވަނީ ދަންނަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކޮށް ދައުވާ ކުރަން ކަމާބެހޭ މުއައްސަސާއަށް ފޮނުވަން މަޖިލީހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ދޮގު ހެދިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ފަހުން ޝަރީފް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

"އެ ސިޓީގައި ބީއެމްއެލްގެ އޮފިޝަލް ވިދާޅުވަނީ އެބޭފުޅާ ކޮމިޓީއަށް ވަޑައިގެންނެވި އިރުގައި ލިބިފައިހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޮމިޓީގައި ވާހަކަ ދެއްކެވީ. އެހެން ނަމަވެސް އެ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައި ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޗެކުތައް އެ ބޭފުޅާއަށާއި އެބޭފުޅާގެ ބޭންކަށް ލިބިފައިވާ ކަމަށް. އެހެންކަމުން އެ ޗެކުތަކާއި ގުޅޭގޮތުން އެބޭފުޅުން މުތާލިއާ ކޮށްފައި އެބޭފުޅުން އެކަމާއި ގުޅޭ ސައްހަ މައުލޫމާތު މާލިއްޔަތު ކޮމިޓީއަށް އެބޭފުޅުން ފޮނުއްވާނެ ކަމަށް،" ނަޝީދު ސާފުކޮށްދެއްވި އެވެ.

ނަޝީދު ވިދާޅުވީ ޝަރީފު އެގޮތަށް ވިދާޅުވުމުން މާލިއްޔަތު ކޮމިޓީގައި މުގައްރިރާ ވާހަކަ ދެއްކެވުމަށްފަހު ފުލުހުންނަށް ފޮނުވާފައިވާ މައްސަލަ އަލުން އަނބުރާ ގެންނަން ވިސްނަވާނެ ކަމަށެވެ.

ނަމަވެސް، މެންދުރުގެ ވަގުތަށް މަޖިލީސް މެދުކަނޑާލުމުގެ ކުރިން ޝަރީފް ދެއްކެވި ވާހަކަތަކާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ޗެކުތަކެއް އެންޑޯޒްކޮށްގެން ކަމަށްވާއިރު، ނަޝީދު ވިދާޅުވި ގޮތުގައި، އެ ޗެކުތަކުގެ ތެރޭގައި ކްރޮސްކޮށްފައި ހުރި ޗެކުތަކެއްވޭތޯ އެދުވަހުގެ ކޮމިޓީގެ ބައްދަލުވުމުގައި ދެ މެންބަރަކު ސާފުކޮށް ޝަރީފްގެ އަރިހުން އައްސަވާފައިވާ ކަމަށެވެ.

"ބީއެމްއެލް އިން އެންޑޯސްކޮށްފައިވާ ޗެކުތައް ޖަމާކޮށްފައިވަނީ ޕްރޯސެސްތަކާއި އުސޫލުތަކާއި އެއްގޮތަށް. އަދި އެއީ ވަކި ބަޔަކާ ގުޅިގެން ވަކި ގޮތަކަށް ކޮށްފައިވާ ކަމެއް ނޫން،" އެދުވަހު ޝަރީފް ދެއްވި ޖަވާބު ބައްދަލުވުމުގެ ޔައުމިއްޔާއާ ހަވާލާދީ ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެސްއޯއެފްގެ އެކައުންޓުތަކަށް ބީއެމްއެލްއިން ޖަމާކޮށްދީފައިވާ ޗެކުތަކުގެ ފޮޓޯ މަޖިލީހަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި ވަރަށް ސާފުކޮށް ކްރޮސްކޮށްފައި، ނޫނީ "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ޗެކުތައް ހިމެނޭކަމަށް ނަޝީދު ހާމަކުރެއްވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، 1995 ވަނަ އަހަރުގެ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނުގައި ވަރަށް ސާފުކޮށް ކްރޮސްކޮށްފައިވާ ޗެކެއް އެންޑޯސް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ "ނޮޓް ނެގޯޝިއަބަލް" ޗެކެއް ބޭންކަކުން ޖަމާކޮށްދިނުމަކީ ގާނޫނީ ކުށެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އިއްޔެ އަޅުގަނޑު ދެންނެވިން މި މައްސަލާގައި އިތުރު ވިސްނުމަކަށް ދާން. އެކަމަކު މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި ދާން އޮތް ވިސްނުމަކީ އެ ބޭފުޅާގެ [ޝަރީފް] ގެ މައްސަލަ ބަލައި، ތަހުގީގު ކުރުން،" ޝަރީފް ކޮމިޓީއަށް ދެއްވި މައުލޫމާތުގައި މަޖިލީހަށް އޮޅުވާލައްވާފައިވާކަމަށް ނިންމަވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޗެކުތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާ ކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށް ޝަރީފް ވަނީ އެ ދުވަހު މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންގެ ސުވާލުތައް އަމާޒު ކޮށްފައި ވަނީ އެމްއެމްޕީއާރުސީން ބޭންކަށް ދީފައިވާ ބޯޑު ރިޒޮލިއުޝަނާ ހިލާފަށް އެންޑޯޒްކޮށްފައިވާ ޗެކުތައް އެހެން އެކައުންޓުތަކަށް ޖަމާކޮށް ދެމުންދިޔަ މައްސަލާގަ އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި ޗެކު އެންޑޯޒްކޮށްފައިވާ މައްސަލާގައި ބީއެމްއެލްއިން އަމަލު ކޮށްފައި ވަނީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް ޝަރީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ޖަމާކުރުމަށް އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް އެ ބޭންކުން ޖަމާކޮށްދީފައިވާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތަކަކީ އެ ޗެކްގައި އޮންނަ ނަން ފިޔަވައި އެހެން އެކައުންޓަކަށް ޖަމާ ނުކުރެވޭނެ ޗެކްތަކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުގައިވާ ގޮތުން ބީއެމްއެލް އާއި އެހެން ބޭންކެއްގެ "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް ފޮނުވާފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިނގައިދިޔަ ދުވަސްވަރުގެ އެ ޗެކްތައް ބޭންކުން ޖަމާކޮށްދީފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ.