އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޗެކުތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާ ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިހުމާލުން ނޫން ކަމަށް ދެއްކި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޮޑު ބަހުސަކަށް ވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަން އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ 12.8 މިލިއަން ޑޮލަރެވެ. އެ ފައިސާތައް މައިގަނޑު ގޮތެއްގައި ބޭރު ކޮށްފައި ވަނީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުތައް މެދުވެރިކޮށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންގެ ސުވާލުތައް އަމާޒު ކޮށްފައި ވަނީ އެމްއެމްޕީއާރުސީން ބޭންކަށް ދީފައިވާ ބޯޑު ރިޒޮލިއުޝަނާ ހިލާފަށް އެންޑޯޒްކޮށްފައިވާ ޗެކުތައް އެހެން އެކައުންޓުތަކަށް ޖަމާކޮށް ދެމުންދިޔަ މައްސަލާގަ އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި ޗެކު އެންޑޯޒްކޮށްފައިވާ މައްސަލާގައި ބީއެމްއެލްއިން އަމަލު ކޮށްފައި ވަނީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
"އެމްއެމްޕީއާރުސީ ގެ ނަމުގައި ލިބިފައިވާ ޗެކެއް އެންޑޯސް ކުރެވިގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރެވޭއިރު ކޮންމެހެން އެމްއެމްޕީއާރުސީ ގެ އެކައުންޓެއް ބޭންކުގައި އޮންނާކަށް ނުޖެހޭ. އަދި އެމްއެމްޕީއާރުސީ ގެ ބޯޑް ރިޒޮލޫޝަންއެއް ވެސް ބޭންކަށް ބޭނުމެއްނުވޭ،" ޝަރީފް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
ގަވައިދުގެ ނާޖާއިޒު ފައިދާ ނަގާފައި
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި ކުންފުންނިތަކުގެ ބޯޑް ރިޒޮލޫޝަންއެއް ބޭންކަށް ބޭނުންވަނީ އެކައުންޓެއް ހުޅުވާއިރު ސީދާ އެކައުންޓުތަކުން މުއާމަލާތްކުރުމަށް ބޯޑުން ކަނޑައަޅާގޮތް ބޭންކަށް އެނގެން ބޭނުންވާތީކަމަށާއި، އެ ކުންފުންޏެއްގެ އެއްވެސް އެކައުންޓަކުން ފައިސާ ނެގޭއިރު ބޯޑް ރިޒޮލޫޝަންގައި އެ އެކައުންޓަކަށް ހުއްދަދެވިފައިވާ ސޮޔަށް ބޭންކުން ބަލާނެ ކަމަށެވެ.
ނަމަވެސް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކާ އެއްވެސްގޮތަކަށް ނުގުޅި ޖަމާކުރެވޭ އެންޑޯސް ކޮށްފައިވާ ޗެކްތައް ޖަމާކުރެވޭއިރު، އެ އެކައުންޓްތައް ހުޅުވާ ހިންގުމަށް ކަނޑައަޅާފައިވާ ސޮއިތަކަކަށް، ބޭންކުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ބަލަންނުޖެހޭކަންވެސް ޝަރީފް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ޗެކް ޖަމާ ކުރުމުގައި ބަލަން ޖެހެނީ ޗެކް ދޫކުރި ފަރާތާއި ޖަމާކުރާ ފަރާތުގެ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ އެވެ.
"އެ އެކައުންޓަކާ މި ޗެކަކާ އެއްވެސް ގުޅުމެއް ނޯވޭ ބޭންކިން އުސޫލްގައި. މިސާލަކަށް މިއިން ޗެކެއް ބޭންކް އޮފް ސިލޯނަށް އަދި އެހެން ވެސް ބޭންކަަކަށް ޖަމާ ކުރެވިދާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ ހިޔާނާތަކީ ތަންކޮޅެއް ބަލިކަށިކޮށް އޮތް އުސޫލެއްގެ ނާޖާއިޒު ފައިދާ ނަގައިގެން ބަޔަކު ކުރި ކަމެކެވެ. ނަމަވެސް، އެކަން ކޮށްފައިވަނީ ބޭންކުން މަގުފަހިކޮށްދީގެން ނޫނެވެ.
"ތަކުރާރުކޮށް މި ދަންނަވަނީ ބޯޑު ރިޒޮލިއުޝަނެއް ވެސް އޮންނާކަށް ވެސް ނުޖެހޭ ޖަމާކުރަން. ޗެކް އެންޑޯސްކުރުމުގެ ޕްރޮސެސްގައި އޮންނަ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް. މިހާރު ކަންތައްތައް ދިމާވި ގޮތުން ރިސްކް އޮތް ކަމަކަށް ވާތީ މިއޮތީ ހުއްޓާލާފައި،" ބޮޑު ހިޔާނާތް ފަޅާއެރުމުން 2016 ވަނަ އަހަރު އެމްއެމްއޭގެ އެންގުމުގެ މަތިން މިހާރު ޗެކް އެންޑޯޒް ނުކުރެވޭކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.
ނަމަވެސް، ޝަރީފް ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ މެންބަރުން ވަނީ ނުރުހުންފާޅު ކުރައްވައިފަ އެވެ. އަދި ބައެއްގެ ހައްގަކާ ގުޅިގެން އެ ބަޔަކު އަންގާފައިވާ އެންގުމަކާއި ހިލާފަށް އެހެން މީހަކަށް އެ ހައްގު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ބީއެމްއެލްގެ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ބީއެމްއެލްއަށް މެންބަރުންގެ ގިނަ ތުހުމަތުތަކެއް
ބީއެމްއެލް އިން ދައްކާ ވާހަކަތައް ގަބޫލުކުރައްވަން ދަތިކަމަށް ފާހަގަ ކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ވިދާޅުވީ އެންޑޯސްކުރި ޗެކެއްގައި ސޮއިކުރި ފަރާތް ބަލަން ނުޖެހޭ ކަމަށް ބީއެމްއެލް އިން ބުނާ ވާހަކައާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
"އެގޮތަށް އަންނަ ޗެކްތައް ނުބަލަމޭ ދެންމެ [ޝަރީފް] ވިދާޅުވުމުން ދެން ވަރަށް ދެރަ. ބޭންކް އޮފް މޯލްޑިވްސްއާ ދޭތެރޭގައި އަޅުގަނޑުމެން އޮންނަ އިތުބާރު ވެސް ކުޑަވޭ. ވިޔަފާރިކުރުމާއި އެހެން ކަންކަމަށް ބޭންކްގައި ރައްޔިތުން ފައިސާ ބަހައްޓަނީ ތަންކޮޅެއް ސޭފްވާނެ ކަމަށް ބަލައިގެން،" ހުސެއިން ވަހީދު ވިދާޅުވި އެވެ.
އެސްއޯއެފަށް އެކަށީގެން ނުވާ މިންވަރުގެ ފައިސާގެ މުއާމަލާތްތައް ހިންގަމުން ދިޔައިރު، އެ ފައިސާ ލިބުނު ގޮތެއް ސާފު ކޮށް ނުދެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވާއިރު، އެ ކުންފުނިން އިތުރު މުއާމަލާތްތައް ކުރަން ބޭންކުން ފުރުސަތު ދިނީ ކީއްވެގެންތޯ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ މަނީ ލޯންޑަރިންގް ގާނޫނުގެ ދަށުން ޝައްކު ކުރެވޭ މުއާމަލާތްތަކުގެ ހަގީގީ މަންފާ ލިބޭ ފަރާތްތައް ދެނެގަތުމުގައި، އެފަދަ އެކައުންޓުތައް މެދުވެރިކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ބާރު ލިބޭ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރީ، އެފްއައިޔޫ އިން ވަކި ގޮތެއް ނާންގާތީ އާއި އަދިވެސް ތަހުގީގު ކުރެވެމުންދާ މައްސަލައެއް ކަމަށް ބަލައިގެން ކަމަށެވެ.
އެސްއޯއެފްއާ ގުޅޭގޮތުން އިތުރު އެސްޓީއާރެއް ވެސް ހުށަހަޅާފައި ނުވަނީ ހަމަ އެ ސަބަބަށްޓަކައި ކަމަށް ވެސް ޔާމީން އިތުރަށް ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ 1.3 ބިލިއަން ރުފިޔާ ގެއްލުވާލީ ބޭންކްގެ ތެރެއިން ކަމަށް ގަބޫލުކުރަންތޯ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ސުވާލު ކުރެއްވުމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭންކުން ހިންގާ ގިނަ މުއާމަލާތްތައް ދަނީ ބީއެމްއެލް މެދުވެރިކޮށްކަމަށެވެ. ނަމަވެސް، އެމްއެމްޕީއާރުސީ މައްސަލާގައި ވަކި ގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށާއި، އެހެންކަމުން އެކަމުގައި ބޭންކްގެ އިހުމާލެއް އޮތް ކަމަކަށް ޝަރީފް ގަބޫލެއް ނުކުރައްވަ އެވެ.