ހަބަރު

ބީއެމްއެލްގެ ޝަރީފަށް ފުރުސަތެއްދީ މައްސަލަ ނަގަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ތެދު ބަހުން ވާހަކަފުޅު ދައްކަވާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ، އޭނާއަށް ތުހުމަތުކޮށް ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާމެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބީއެމްއެލް ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައިވާނެ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތުކުރެވޭ މި މައްސަލަ ތަހުގީގު ކޮށްދެއްވައި އެ މައްސަލައިގައި ދައުވާ ކުރަން ކަމާބެހޭ މުއައްސަސާއަށް ސިޓީއެއް ފޮނުވަން ނިންމާފައި ވަނީ، ސިޓީއެއް މިއަދުގެ ވަގުތެއްގައި ފޮނުވޭނެ،" އަމީންއާންމު ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ދޮގު ހެދިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ފަހުން ޝަރީފް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

"އެ ސިޓީގައި ބީއެމްއެލްގެ އޮފިޝަލް ވިދާޅުވަނީ އެބޭފުޅާ ކޮމިޓީއަށް ވަޑައިގެންނެވި އިރުގައި ލިބިފައިހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޮމިޓީގައި ވާހަކަ ދެއްކެވީ. އެހެން ނަމަވެސް އެ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައި ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޗެކުތައް އެ ބޭފުޅާއަށާއި އެބޭފުޅާގެ ބޭންކަށް ލިބިފައިވާ ކަމަށް. އެހެންކަމުން އެ ޗެކުތަކާއި ގުޅޭގޮތުން އެބޭފުޅުން މުތާލިއާ ކޮށްފައި އެބޭފުޅުން އެކަމާއި ގުޅޭ ސައްހަ މައުލޫމާތު މާލިއްޔަތު ކޮމިޓީއަށް އެބޭފުޅުން ފޮނުއްވާނެ ކަމަށް،" ނަޝީދު ސާފުކޮށްދެއްވި އެވެ.

ނަޝީދު ވިދާޅުވީ ޝަރީފު އެގޮތަށް ވިދާޅުވުމުން މާލިއްޔަތު ކޮމިޓީގައި މުގައްރިރާ ވާހަކަ ދެއްކެވުމަށްފަހު ފުލުހުންނަށް ފޮނުވާފައިވާ މައްސަލަ އަލުން އަނބުރާ ގެންނަން ވިސްނަވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޗެކުތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާ ކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށް ޝަރީފް ވަނީ އެ ދުވަހު މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންގެ ސުވާލުތައް އަމާޒު ކޮށްފައި ވަނީ އެމްއެމްޕީއާރުސީން ބޭންކަށް ދީފައިވާ ބޯޑު ރިޒޮލިއުޝަނާ ހިލާފަށް އެންޑޯޒްކޮށްފައިވާ ޗެކުތައް އެހެން އެކައުންޓުތަކަށް ޖަމާކޮށް ދެމުންދިޔަ މައްސަލާގަ އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި ޗެކު އެންޑޯޒްކޮށްފައިވާ މައްސަލާގައި ބީއެމްއެލްއިން އަމަލު ކޮށްފައި ވަނީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް ޝަރީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ޖަމާކުރުމަށް އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް އެ ބޭންކުން ޖަމާކޮށްދީފައިވާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތަކަކީ އެ ޗެކްގައި އޮންނަ ނަން ފިޔަވައި އެހެން އެކައުންޓަކަށް ޖަމާ ނުކުރެވޭނެ ޗެކްތަކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުގައިވާ ގޮތުން ބީއެމްއެލް އާއި އެހެން ބޭންކެއްގެ "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް ފޮނުވާފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިނގައިދިޔަ ދުވަސްވަރުގެ އެ ޗެކްތައް ބޭންކުން ޖަމާކޮށްދީފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ.