ބޭންކް އޮފް މޯލްޑިވްސް

ޝަރީފް މަޖިލީހަށް ދެއްވީ ތެދު މައުލޫމާތު: ބީއެމްއެލް

Jul 23, 2019
2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދީފައި ވަނީ ބޭންކުގެ ރިކޯޑުތަކާއި އެއްގޮތަށް ތެދު މައުލޫމާތު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ނޫސް ބަޔާނެއް މެދުވެރިކޮށް ބީއެމްއެލް މިރޭ އިން އެހެން ބުނިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަޖިލީހުގައި ދޮގު ހައްދަވާފައި ކަމަށާއި އެހެންވެ ފުލުހުންނަށް ހުށަހަޅައި އަނބުރާ ގެންނަން ނިންމާފައި އޮތް މައްސަލަ ނުނަގަން ނިންމާފައިވާ ކަމަށެވެ.

"... ނޮވެމްބަރު 2016 ގައި ޗެކް އިމޭޖިން އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމައަށް މި ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައް ވެސް އަދި ޗެކްތަކުގެ އިމޭޖް އަކީވެސް މި ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫނެވެ،" ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބަޔާނުގައޮ ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާގުޅޭ ގޮތުން ބޭންކުގެ އެތެރޭގައި އޮޑިޓެއް ކުރިއަށް ގެންދިޔައީ ބޭންކުހައި ހުރި ރިކޯޑުތަކަށް ބަލައިގެން ކަމަށާއި، ބީއެމްއެލްގެ ފަރާތުން މަޖިލީހަށް މައުލޫމާތު ދިނީ ބޭންކު އެތެރޭގެ އޮޑިޓަށް ބަލައިގެން ކަމަށެވެ.

"... ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުންނެވެ. އަދި މި ޗެކްތަކުގެ ރެކޯޑްތައް ހުންނާނީ ވެސް އެ ބޭންކެއްގަ އެވެ. އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދަން މި ބޭންކުން ވަނީ އެހެން ބޭންކުތަކުގައި އެދިފައެވެ،" ބަޔާނުގައި ވެއެވެ.

މަޖިލީހަށް މައުލޫމާތު ދީފައި ވަނިކޮށް އެސްއޯއެފް އެކައުންޓަށް އެންޑޯސް ކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް އެކަން ބަލަން ފަށާފައިވާ ކަމަށައި ޖުލައި 21 ގައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި އެ ވާހަކަ ބަޔާންކޮށްފައި ވާނެ ކަމަށެވެ. ރަނގަޅަށް ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ތަފްސީލު ފޯރުކޮށްދޭނެ ކަމަށް އެ ސިޓީގައި ދަންނަވާފައިވާނެ ވާނެ ކަމަށް ވެސް ބުންޏެވެ.

އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި ތަހުގީގީ އިދާރާތަކަށް މިހާރުވެސް މި ބޭންކުން ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާނެ ކަށާއި އެ މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފާ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު ވެސް ހުންނާނެ ކަމަށް ބަޔާނުގައި ވެއެވެ. އޭގެ އިތުރުން މަޖިލީހުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ބޭންކުން ސަމާލުކަން ދޭނެ ކަމަށް ބުނެފައިވާ އެ ބަޔާނާއެކު ބީއެމްއެލް އިން ޖުލައު 21 ގައި މަޖިލީހަށް ފޮނުވި ސިޓީގެ ކޮޕީއެއްވެސް އެޓޭޗުކޮށްފައި ވެއެވެ.