އެއް ދުވަސް: ބިޒީކޮށް، ސަމާސާކޮށް!

މިނިސްޓަރު އަބްދުﷲ ޝާހިދު ދުވަހުގެ ޝެޑިއުލް އޮންނަ ގޮތް ވިދާޅުވެ ދެއްވާ ވީޑިއޯ އިންޓަވިއު | އަވަސް ވީޑިޔޯ: އަބްދުﷲ ޝަފީޢު (އަބޯ)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައީއްސުރެ ހިތަށް އަރައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފުރިހަމަ އެއް ދުވަހުގެ ޝެޑިއުލް ރާވާފައި އޮންނާނީ ކިހިނެއް ހެއްޔެވެ؟ މުޅީން މި ފެންނަނީ ދެފައި އެއްތާ ނުޖަހާ އުޅުއްވާތީއެވެ. މުޅި ކެބިނެޓަށް ބެލިއަސް އެންމެ ހަރަކާތްތެރިކޮށް ފެންނަނީ ޝާހިދެވެ. ކުރީން ވެސް ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ސަރުކާރުގެ މަތީފެންވަރުގެ މަގާމުތައް ފުރުއްވެވި ޝާހިދަކީ ހާރިޖީ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. އެންމެ މަތީ ފެންވަރުގެ ޑިޕްލޮމޭޓެކެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގައުމުން މި ގައުމަށް ދަތުރުފުޅުތައް ޝާހިދު ކުރައްވާތީ މީހުން ސަމާސާއެއް ވެސް ކުރެއެވެ؛ އެ މީހުން ބުނާ ގޮތުން ޝާހިދު އުޅުއްވަނީ "ވޯލްޑް ޓްއާ" އެއްގައެވެ. މާލެ ވަޑައިގެންފައި ފުރުއްވަނީއެވެ. އޭނާާ އުޅުއްވަނީ "ވައިގެތެރޭ" ގައި މުޅީން އަވަދި ނެތިއެވެ. ރާއްޖޭގައި މަޑުކޮށްލައްވާ ނަމަވެސް އެތައް ބައްދަލުވުމަކާއި އެތައް އެތައް ކޯލެއްގައި އަވަދިނެތި އުޅުއްވައެވެ. މި ބިޒީ މިނިސްޓަރުގެ އެއް ދުވަހުގެ ޝެޑިއުލް އަޅުގަނޑުގެ ނޯޓް ފޮތުގައި ލިޔެލަން މިއޮތީ ލިބިފައެވެ.

މިނިސްޓަރު ޝާހިދު ރަސްމީކޮށް އޮފީހަށް ވަޑައިގެންނެވުމުގެ ކުރިން ދުވަސް ފައްޓަވަނީ މިހެނެވެ؛ އާ ދުވަހަކަށް އިރު އެރުމާއެކު ވަޑައިގަންނަވަނީ ކަސްރަތު ކުރައްވާށެވެ. ޖިމުން ގެއަށް ވަޑައިގަތުމާއެކު ބައްދަލުވަނީ މުޅި ދުވަހަގެ އެންމެ އުފާވެރި އަދި އެންމެ ރީތި ވަގުތުކޮޅާއެވެ. މާލޭގައި ހުންނެވީ ވިއްޔާ ހަމަ އެއްމަ ދުވަހެއް ވައްޓާ ނުލައި އެ ވަގުތުކޮޅު ޝާހިދު ހޯއްދަވައެވެ. އޭނާގެ އެ ހާއްސަ ވަގުތުކޮޅަކީ މަންމަ އާއި ބައްޕައަށް ހާއްސަ ކުރައްވާ އަދި އެކުގައި ހެނދުނުގެ ނާސްތާ ބައްލަވާ ވަގުތެވެ. އެ ހާއްސަ އަދި އުފާވެރި ވަގުތުކޮޅަށް ފަހު އާދަވެ އޭނާގެ ހަޔާތުގައި ތައްގަނޑަކަށް ފެތިފައި އޮންނަ ބިޒީ ޝެޑިއުލް ފެށެނީ އޮފީހާ ދިމާއަށް މިސްރާބު ޖައްސަވާ ހިސާބުންނެެވެ. އެހާ ހިސާބުން ސިކުނޑީ މުޅީން އުޅެނީ އަވަދިނެތް މަސައްކަތުގައެވެ. ކަމަކަށްފަހު ކަމެކެވެ.

އަހަނަށް މިނިސްޓަރު ޝާހިދާ ބައްދަލު ވެވޭ ގޮތްވި އިރު ނަސީބު މުޅީން ރަނގަޅެއް ނުވިއެވެ. ހައިބަތު ބޮޑު، ގޮތް ވެސް ބޮޑު ފޮރިން މިނިސްޓްރީގެ ބަދަލުގައި ބައްދަލުވާން ދާން ޖެހުނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ފޮރިން މިނިސްޓްރީގެ ވަގުތީ އޮފީހަށެވެ. ބަރާބަރު ގަޑިއަށް މިނިސްޓަރު އޮފީހަށް ވަޑައިގަންނަވައިފިއެވެ. އޮފީހަށް ވަދެވަޑައިގެން ފުރަތަމަ މިސްރާބު ޖެއްސެވީ އުސް އުސް ދިގު ދިގު، ފުޅާ ފުޅާ، މީޓިން ރޫމަކާ ދިމާއަށްވެ. މިނިސްޓަރުގެ ހަރަކާތްތަކާއި ހިންގެވުން ވަރަށް ބާރެވެ. ކުޑަކުޑަ އަޅުގަނޑުގެ ނިކަމެތި ހަށިގަނޑަކަށް އެފަދަ ހިނގުމެއް ކުޅަދާނައެއް ނޫނެވެ. އެ އުމުރުގައި ވެސް މިނިސްޓަރު މާ ބާރަށް ހިންގަވަ އެވެ.

ސެޕްޓެމްބަރު، 12 (މާލެ) - މިއަދު އޮފީހަށް ވަޑައިގެން މިނިސްޓަރު އެންމެ ފުރަތަމަ ބޭއްވެވީ މީޓިންއެކެވެ. އެކަމަކު އެއީ ހަމަ އާދަވެ އޮންނަ މީޓިން އެކެވެ. އެތާނގައި މިނިސްޓްރީގެ ސީނިއާ ހުރިހާ ބޭފުޅުންނާ ބައްދަލު ކުރައްވައި ހުރިހާ ކަމެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހޯއްދަވައި މީޓީންގައި އިންނަވައިގެން ބައެއް މުހިންމު ޑިސިޝަންތައް، "ޑަން ޑަން" ނިންމާލެއްވިއެވެ. ސަމާސާއިން "ހެއްވަމުން" ވަރުގަދަ ސުވާލުތަކުން "ރޮއްވަމުން" ކުރިޔަށް ގެންދިޔަ އެ މީޓީން ކުރިޔަށް ގެންދެވީ ބައިގަޑިއިރަށެވެ. ނިމުނީ ނިމުނީއެވެ. އިތުރަށް އެންމެ ސިކުންތެއް ވެސް މަޑެއް ނުކުރައްވައެވެ.

އެއްކަލަ ބޮޑު މީޓިން ރޫމް ދޫކުރައްވާ ނުކުމެވަޑައިގެން ދެން ވަޑައިގެންނެވީ އޮފީހުގެ ބައެއް ޑިޕާޓްމެންޓްތަކުގެ އޮފީސް ބައިތަކަށެވެ. އެއިން ކޮންމެ ޑިޕާޓްމަންޓަކަށް ވަޑައިގެން އެކި ފަންތީގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ އެ މީހުންގެ ބައެއް ކަންކަމުގެ އަޕްޓޭޑްތައް އަމިއްލަފުޅަށް އޮޅުންފިއްލުއްވައި ނޯޓް ކުރެއްވިއެވެ. އެ ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދެވީ "އަބްދުﷲ ޝާހިދުގެ ސަމާސާ"ގައެވެ. ސަމާއެއް ކޮށް ނުލައްވާ އެންމެ ބޭފުޅެއް ގާތުން ވެސް ވަޑައެއް ނުގަންނަވައެވެ.

"ކޮބާ ނާޒިމް، މިއީ މިހިނގާ ގޮތަކީ!" އަޅުގަނޑަށް ވެސް ދެ ފަހަަރަކު ގޮވާލައްވައިފިއެވެ.

މިހާރު ޝާހިދު އެ ވަޑައިގަންނަވަނީ އެމަނިކުފާނަށް ހާއްސަ ކޮޓަރިކޮޅުގައިވާ ކެބިންއަށެވެ. އެތާނގައި އިންނަވައި ސޮއި ކުރައްވަން ޖެހޭ ބައެއް ލިޔުންތަކުގައި ރާސް ރާސް އެހެރަ ސޮއި ކުރައްވަނީއެވެ. ދެން ނިންމަވަން ޖެހޭ މުހިންމު ބައެއް ނިންމުންތައް ނިންމަވާލެއްވުމަށް ވަގުތުކޮޅެއް ހޭދަ ކުރެއްވިއެވެ. އެ ވަގުތުކޮޅުގެ މޫޑު ރަނގަޅު ހެނެއް ހީއެއް ނުވެއެވެ. އެކަމަކު ކޯފާ ގަދަވެގެނެއް ވެސް ނޫޅުވައެވެ.

ގަޑީން 11:00 ޖެހުމާއެކު މިނިސްޓަރު އޮފީސް ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ. އެ ވަޑައިގަންނަވަނީ ރައީސް އޮފީހަށެވެ. ރައީސާއެކު ކުރިޔަށްދާ އެ ދެ ބޭފުޅުންގެ ހާއްސަ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުން ވެގެން ދިޔައީ ދިގުލައި ދިޔަ ބައްދަލުވުމަކަށެވެ. ރައީސް އޮފީހުން ޝާހިދު ސީދާ ވަޑައިގެންނެވީ އަނެއްކާވެސް އޮފީހަށެވެ. މިހާރު މެންދުރުން އަނބުރާ 1:15 ވީއެވެ. އަދި ހަމަ ގައިމުވެސް އެއްވެސް ބްރޭކެއް ނުނަގަންވައެވެ. ހަމައެއްވެސް އެއްޗެއް ފަރީއްކުޅުއްވެވި ތަނެއް ވެސް ނުއެއް ދެކެމެވެ.

ޝާހިދު ހިންގަވާ ވަގުތު އަޅުއްވާ ފިޔަވަޅެއް ގުނޭތޯ އަޅުގަނޑު ޓްރައިއެއް ކުރީމެވެ. ހަރާން އެކަމެއް ނުވިއެވެ. އަދިދެން އެފެންވަރުގައި ފައި ހަމަކޮށްލެވޭ ވަރު ނުވަނީއެވެ. މެންދުރުގެ ފަރިީއްކުޅުއްވުމަށް ވެސް ޝާހިދު ބްރޭކެއް ނުނަންގަވައެވެ. އެކަމަކު އަހަރެން ވަރަށް ހައިވެގެން ބްރޭކް ނަގަން ޖެހިއްޖެއެވެ. މިނިސްޓަރު ފުއްދާލެއްވީ ވަރަށް އާދައިގެ ސޭންޑްވިޗަކުންނެވެ.

"މިއަދު ޝެޑިއުލް އޮތް ގޮތުން ސޭންޑްވިޗެއް ކާލިޔަސް ކޮންމެ ހަފުތާއަކު ވެސް ދެ ދުވަހު ގެއަށް ކާން ދެވޭތޯ އަޅުގަނޑު ބަލަން،" ޝާހިދު ވިދާޅުވިއެވެ. އެކަން އެގޮތަށް ރާއްވަވާފައި އޮންނަނީ ވެސް މަންމަ އާއި ބައްޕައާއެކު އެ ވަގުތުކޮޅެއް ހޭދަ ކޮށްލަވަން ވަރަށް ބޮޑަށް ބޭނުންފުޅުވާތީއެވެ. -- އަދި ނޭނގޭ އެހެން ކަމެކެވެ. މަންމަ އާއި ބައްޕާއާއެކު ޝާހިދު ހޭދަ ކުރައްވާ ކުޑަކުޑަ ވަގުތުކޮޅަކަށް ވިޔަސް އެފަަދަ ކޮންމެ ވަގުތުކޮޅެއްގައި ވެސް ޝާހިދު "ޝާހިދަކަށް" ނުވެވި އުޅެނިކޮށް ވ. އަތޮޅުގު މޫދަށް ގެނބި އަވަހާރަވި އެއްބަނޑު އެއްބަފާ ދެ ކޮއްކޮ، ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާގެ ހަނދާން އާ ކުރައްވައެވެ.

މިއަދު ރައީސް އޮފީހުން ވަޑައިގެންނެވި ފަހުން ކެބިންގައި ހަމަ އެންމެ ފަސް މިނެޓަށް ޝާހިދު މަޑުކޮށްލެއްވިއެވެ. އަނެއްކާވެސް އެހެން އެ ވަޑައިގަންނަވަނީ އެހެން ދިމާއަކަށެވެ. ބަންގްލަދޭހާއި އަދި ސްރީލަންކާއަށް ހުޅުމާލެއިން ބިމެއް ހަވާލު ކުރުމުގެ ތާރީހީ ރަސްމިއްޔާތަށެވެ. މިނިސްޓްރީގައި އޮތް އެ ރަސްމިއްޔާތަށް ދެ ގައުމުގެ ސަފީރުން ވެސް ވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުންނާއެކު ބޭއްވި އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ބާރަށް ހިންގަވާފައި ވަޑައިގެން އަނެއްކާވެސް ހުޅުވާލެއްވީ މީޓިން ރޫމްގެ ދޮރެވެ. އޭރު ޑިޕާޓްމެންޓްތަކުގެ ވެރިން ތިއްބެވީ އެތާނަގައެވެ.

އެ ބައްދަލުވުން ނިންމާލައްވައި 2:15 ގައެވެ. ހަމަ ނިމުމާއެކު އެ ވަޑައިގަންނަވަނީ އަނެއްކާވެސް ރައީސް އޮފީހަށެވެ. އެހެން ގައުމެއްގެ ސަފީރެއްގެ ފަތްކޮޅު ރައީސަށް އެރުވުމުގެ ރަސްމިއްޔާތަށެވެ. އެނބުރި އޮފީހަށް ވަޑައިގެންނެވީ ބަރާބަރު 3:00 ޖެހި އިރުއެވެ. މިނިސްޓަރުގެ ފަހަތުން އަޅުގަނޑަށް ޖެހިފައި އޮތީ ދުވާށެވެ. ހަލުއި ހިނގުމެއްގައި ޝާހިދު ފަހަތުން ހިނގޭތޯ އުޅުނީ އަޅުގަނޑު އެކަންޏަކު ނޫނެވެ. އެންމެން ވެސް އެ ހާލެއްގައެެވެ. މި މިނިސްޓްރީގެ މުވައްޒަފުންނާއި "މިހާރު ދެން ކޮމިނިއުކޭޝަން ޑައިރެކްޓަރަ"ކަށް ވެވަޑައިގެން ހުންނެވި ނޫސްވެރި ރަހުމަތްތެރިޔާ މިއުވާން މުހައްމަދު އެހެނެވެ. މުޅިތާނގައި ހިންގަވާއިރު ދެފައިކޮޅަށް ވަރެއްވިޔަސް ޝާހިދުގެ ސެކްރެޓްރީއަށް ދޭން އޮތީ "އައްސަރި ބަހަކާ ސާބަހެ" ކެވެ.

އަދި މިއުޅެނީ ހަމަޖެހިލައިގެން މިނިސްޓަރާ ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ނުލިބިއެވެ. މިނިސްޓަރު ވެސް އަޅުގަނޑަށް ގޮވާލައި ބަލައިލައިލުން ފިޔަވައި ދެމެދަށް ބޮޑު ކަމެއް ނުހިނގައެވެ.

"ސޮރީ އިނގޭ... މިނިސްޓަރަށް ހަމަ ހުސް އެންމެ ސިކުންތެއް ވެސް ނެތިގެން އެދަނީ އިނގޭ،!" އެއްކަލަ މިއުވާނު ބުނެލިއެވެ.

މިހާރު ކަމެއް އެބަ ފާހަގަވެއެވެ. މުހިންމު އަދި ބޮޑެތި ކަންކަމާއި އެތައް ޕްރެޝަރެއް ހިއްޕަވައިގެން އުޅުއްވާއިރު މިނިސްޓަރުގެ މޫނުމަތިން ހާސް ކަމެއް ނުދައްކަވައެވެ. އޭގެ ބަދަލަށް ދެއްވައިގެން ހުންނަވަނީ ހިނިތުންވުމެކެވެ. އަދި އެހެން ކަމެކެވެ. ކޮންމެ ބައްދަލުވުމަކަށް ވެސް ވަދެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފައްޓަވަނީ އެންމެން ހެއްވާލާނެ ސަމާސާއަކުންނެވެ. ހަމަ ކޮންމެ ފަހަރަކު ބީރައްޓެހި އަބުއި މާހައުލު ރަށްޓެރި ކޮށްލައްވަނީ ވަރަށް މޮޅަށެވެ.

ބޭރުގެ ސަފީރުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ވެސް އަދި މިނިސްޓްރީގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލު ކުރެއްވުންތަކުގައި ވެސް ހުރިހާ ކަމެއް ނިންމެވީ މިނިސްޓަރުގެ ސަމާސާ މިޒާޖާއި ސަމާސާ އަދަބު ބޭނުން ކުރައްވައިގެނެވެ. އެފަދަ ކޮންމެ ސަމާސާއަކުން ފަޅައިގެން ނުދާ އެކަކު ނުހުރެއެވެ. ހަމަ އެންމެން ގަޔާވާ ގޮތްވެއެވެ. ޝާހިދުގެ މަޝްހޫރު "ހިބަރު ވަދު" ގައި މީހުން ޖައްސަނީ އަޖައިބެއްހާ މޮޅަށެވެ.

ރައީސް އޮފީހުގެ ދެވަނަ ބުރާ ހަމައިން ޝެޑިއުލް ނިމުނީއެއް ނޫނެވެ. އަދި ކުރިޔަށް އޮތީއެވެ. ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމެންޓްގެ ބޭފުޅުންނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ މިނިސްޓްރީތަކުގެ ބައެއް ބޭފުޅުންނާއެކު ބައްދަލު ކުރެއްވިއެވެ. ހައިލެވެލް މީޓިންއެކެވެ. އަބޫދާބީ ފަންޑާއި އިންޑިއާ އެއިޑާ ގުޅޭ ހާއްސަ ބައްދަލުވުމެކެވެ. އެ ފަންޑުން ލިބިފައިވާ އެހީތައް ބޭނުން ކުރާނެ ގޮތުގެ މަޝްވަރާތައް ކުރެވުނު ދިގު އެހާމެ މުހިންމު ބައްދަލުވުމެކެވެ. ގިނަ މަޝްވަރާތައް ކުރެވުނު އެ ބައްދަލުވުން ފެށީ 3:15 އިގައެވެ. ނިންމާލައި މިނިސްޓަރު، މީޓިން ރޫމުން ނުކުންނެވިއިރު ހަވީރު 5:00 ޖެހީއެވެ. އޭރު މިނިސްޓަރުގެ ކެބިންގައި އަނެއް މީޓިން ފަށަން އެއޮތީ ތައްޔާރުވެފަ އެވެ. ހަލުއި ހިންގެވުމުގައި ކެބިންއާ ދިމާލަށް އެ ވަޑައިގަންނަވަނީއެވެ. އަނެއްކާވެސް ބޮޑު ބައްދަލުވުމެއް ނިންމަވާލައްވައި ނުކުމެވަޑައިގެންނެވިއިރު ހުންނެވީ އަނެއް ބައްދަލުވުމަށް ތައްޔާރަށެވެ.

މިހާރު މިހުންނެވީ "މަޝްހޫރު އިންޑިއާގެ ސަފީރު" މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވެ. އޭނާއާ ބައްދަލު ކުރެއްވީ އިކޮނޮމިކް މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއެކު ޝާހިދުގެ ކެބިންގައެވެ. އެ ބައްދަލުވުން ވެސް އެއް ގަޑިއިރަށް ދެމިގެންދިޔައެވެ. އެކަމަކު ދެން ޝާހިދުގެ މިއަދުގެ އޮފީހުގެ ޝެޑިއުލް މިހާ ހިސާބަށް މި ނިމުނީއެވެ. ދެން އޮތީ ޝެޑިއުލުން އަޅުގަނޑަށް ހުސްކޮށްލައިދިން ވަގުތުކޮޅެވެ. ވަރުބަލިވެފައި އިނދެ ފުރަތަމަ ވެސް އަހާލެވުނީ މިނިސްޓަރު ވަރުބައްޔެއް ނުވޭތޯއެވެ؟ އެއަށް މިނިސްޓަރު ޖަވާބު ދެއްވީ ހިނިތުންވުމަކުންނެވެ!

ބޮޑު ބޮޑު ބޭފުޅަކާ ކުޑަކުޑަ ނޫސްވެރިޔަކާ ބައްދަލުވުމުން އައި މިނެޓެއްހާއިރުގެ ހިމޭންކަމުގެ ފޫދިއުމުން ދެން ވާހަކަ ފެއްޓެވީ މިނިސްޓަރެވެ. އޭނާ ވިދާޅުވި ގޮތުގައި ބުރަވިޔަސް ކިތަންމެ ވަރުބަލިވިޔަސް، އޭގެ އިހުސާސެއް ނުކުރެއްވެއެވެ. އެ ބުރަ އާއި ވަރުބަލިކަން އިހުސާސް ނުކުރެއްވެނީ އުފުލާ ބުރައިގެ ނަތީޖާ "މާ ޗާލު" ވީމައެވެ.

"އަޅުގަނޑުގެ ހައްޓަށް ބުރައަކަށްވިޔަސް ދިވެހިން 'ފޮނިވެލަން' ފުރުސަތުތައް ހޯދައިދެވޭތީ އުފާވޭ!" ޝާހިދު ވިދާޅުވިއެވެ.

ކެބިނެޓަށް ވަޑައިގެން ހުއްޓުމެއް ނެތި މިނިސްޓަރު ޝާހިދު ކުރައްވަން ފެއްޓެވި މަސައްކަތްތަކުގެ ސަބަބުން، އިހަށް ރާއްޖެ ބާކީވެފައި އޮތް އޮތުން ކެނޑި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިންނާމެދު ދެކޭ ގޮތް ބަދަލުވަމުން ރީތިވަމުން ސާފުވަމުން އައުމަކީ ޝާހިދު ވިދާޅުވާ ގޮތުން ވިއްޔާ އޭނާގެ ވަރުބަލިކަން ފިލުވައިދޭ ފަރުވާއެވެ. އަދި މިހާރު ވަރަށް ގިނަ ކަންކަމުގައި ދިވެހިރާއްޖެ ނަމޫނާއެއް ގޮތުގައި ބަލާނެ ގައުމުތައް އޮތުމުން ޝާހިދުގެ ވަރުބަލިކަން މުޅީން ފިލައިދެއެވެ. ޝާހިދުގެ އަވަދި ނެތް ދަތުރުތަކުން ދަތުރުފަތުރު ކުރުމުގައި ދިވެހިންނަށް ފަސޭހަތައް ލިބެނީއެވެ. ޝާހިދަށް ކިތަންމެ ބުރައަސް ދިވެހި ރައްޔިތުންނަށް ފަސޭހައިއްޔާ ޝާހިދުގެ ހިތަށް ފަސޭހައެވެ. އޯކޭ ނޫން ހެއްޔެވެ؟

"ހިތްހަމަޖެހުން ލިބޭ... ޔޫއެންގެ ހިއުމަން ރައިޓްސް ހައިކޮމިޝަނުގައި ރާއްޖެ ނެންގެވި މިސާލަކަށް، ދިވެހިންނަށް ލިބޭ ފަހުރެއް، ފޮނިވެލަން ލިބޭ ފުރުސަތެއް، ދުނިޔެ ބަލައިގަންނަ ދިވެހިންނަށް ރީތި ނަމެއް ލިބޭފަދަ މަސައްކަތްތަކެއް މިހާރު ވެސް މިވަނީ ކުރެވިފައި،" ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރުގެ ގޮނޑީގައި ޝާހިދު އިންނެވި ނަމަވެސް އެންމެ ފުރަތަމަ އޭނާ އެ އޮފީހަށް ވަދެވަޑައިގެންނެވީ އެ ގޮތުގައެއް ނޫނެވެ. ސްކޫލް ނިންމެވި ގޮތަށް ޝާހިދު ވަދެވަޑައިގެންނެވީ ވެސް އެ އޮފީހަށެވެ. އޮފީހުގެ "ޕިއޯނު" ކަމާއި ސިޓީ ޗާޕް ކުރުމާއި ފޮށިތަންމަތި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. ހާރިޖީ ހަރުގަނޑުގެ އެންމެ ތިރިން މައްޗަށް ވަޑައިގެންނެވިއިރު މިހާރު އެއީ ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. ފޮރިން މިނިސްޓްރީ އަތުރާލާފައިވާ ގޮތާއި މެނޭޖްކުރާ ގޮތް މިނިސްޓަރު ޝާހިދު ހިތުދަހެވެ. ފޮރިން މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް މެމޮރީއަކީ ނޫނީ މުޅި މިނިސްޓްރީގެ ވަތުއޮޑިއަކީ ޝާހިދެވެ. ހުުރިހާ ޒަމާނެއްގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ޝުއޫރުތަކާއި އިހުސާސާއި ގޮތް ފޮތް ޝާހިދަށް ރީއްޗަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

ޝާހިދުގެ އެންމެ ބޮޑު އުއްމީދެއް ގުޅިފައިވެސް ވަނީ މުވައްޒަފުންނާއެވެ. އެއީ އޭނާގެ މިނިސްޓަރު ކަމުގެ ދައުރުގައި ރާއްޖެއަށް ފޮރިން ސާވިސްގެ ގާނޫނެއް ގެނެސް ދިނުމެވެ. ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ކަށަވަރުކަން ހޯދައިދެއްވުމެވެ. އެ ގާނޫނު ގެނެވިއްޖެނަމަ އެއީ މި މިނިސްޓަރުގެ އެންމެ ބޮޑު ވަރުބަލިކަން ފިލައިގެން ދާނެއެވެ.

ޝާހިދުގެ ފޭސްބުކް ފްރެންޑެއްގެ ގޮތުގައި އަޅުގަނޑު އިނދެއެވެ. އެހެންވެ އޭނާގެ ޕޯސްޓްތަކާއި ސްޓޭޓަސްތައް ފެނެއެވެ. ވަރަށް ތަފާތު ބޭފުޅެކެވެ. ފާހަގަވާ އެއް ކަމެއް އޮވެއެވެ. ކޮންމެ ދުވަހަކު ވެސް މިނިސްޓަރުގެ ފޭސްބުކްގެ ފްރެންޑުންގެ ތެރެއިން އުފަން ދުވަސް އަންނަ ކޮންމެ މީހަކަށް ވަކިން ތަހުނިޔާ ވިދާޅުވެއެވެ. ހަމަ އެންމެ ފްރެންޑެއް ވެސް ދޫކޮށެއް ނުލައްވައެވެ. މިހާ ބިޒީ ޝެޑިއުލްގައި އުޅުއްވާ މިނިސްޓަރު އެކަން ކުރައްވާއިރު ކަމެއް ނެތިގެން އަބަދު ފޭސްބުކްގައި އުޅޭ މީހުންނަށް ވެސް އެއީ މިހާރު ކޮށްލަން ފަސޭހަ ކަމަކަށް ނުވެއެވެ.

"އަދި މިއަދު ފްރެންޑުންނަށް ވިޝް ނުފޮނުވި މި އުޅެނީ، އެކަމަކު މިއަދު ވެސް އަޅުގަނޑުގެ ފްރެންޑުންނަށް ވިޝް ކުރާނަން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފޭސްބުކްގައި ފްރެންޑުންގެ ގޮތުގައި އެ ތިއްބަވަނީ ރަށްޓެހިކަން ބާއްވަން ބޭނުންފުޅުވާތީ، އެހެންވީމަ އަޅުގަނޑުގެ ފްރެންޑެއްގެ ބާތްޑޭގައި ވިޝްކޮށްލަން ލިބޭތީ އެކަން ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ފްރެންޑުންނަށް ވަގުތު ހުސް ކުރައްވާ ފަދައިން އާއިލާއަށް ވެސް މިނިސްޓަރު ވަގުތު ދެއްވައެވެ. -- އަނބިކަނބަލަކާއި ތިން ބޭފުޅުން ޝާހިދުގެ ތިއްބަވައެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު އިނގިރޭސިވިލާތުގައި އުޅުއްވާއިރު މާލޭގައި އެއްބޭފުޅަކު އުޅުއްވައެވެ. ބާކީ މުޅީން ރަހުމަތްތެރިންނެވެ. --

ޝާހިދުގެ ރަސްމީ ސިފަ ކަނޑުވާލައި ސަމާސާ ސިފަ އަންނަނީ ރައްޓެހި ރަހުމަތްތެރިންނާ ޖެހުމުންނެވެ. ރައްޓެހިންނާ ބައްދަލުކޮށްލައި ސަމާސާކޮށްލާ އުޅުއްވުމަކީ ޝާހިދު ވަރަށް އިސްކަން ދެއްވާ ކަމެކެވެ. ސިޔާސީ ޕޯޑިއަމަކަށް އަރާވަޑައިގެންނެވި ނަމަވެސް އެ ސަމާސާ ރާގުގަނޑު ދުއްވާ ނުލައްވައެއް ވަޑައެއްނުގަންނަވައެވެ. އަތް އުކައި ހަޅޭއް ނުލެވިއެއް ކަމަކު، ރާއްޖޭގެ ސިޔާސީ މައިދާނުގައި މީހުންގެ ފޯރިއަރުވާލައި މީހުން ކައްކުވާލައި ޒާތުން ވާހަކަފުޅު ދެއްކެވުމަށް ޝާހިދު ވަރެއް ނެތޭ ބުނުމަކީ ހަދާ ދޮގެއް ނޫނެވެ. ވަރަށް ފުނުން ވަރަށް ސަމާސާކޮށް ދައްކަވާ ވާހަކަތަކުން މީހަކު ހީނހީ ބިމަށް ތިރިކޮށްފާނެއެވެ. އެއީ ޝާހިދުގެ އަދާޔާ ހިލާފު ހުނަރެކެވެ. އަދި އެއީ އާއިލީ ހުނަރެކޭ ބުނެގެން ވެސް މުޅިއަކުން ގޯހެއް ނުވާނެއެވެ.

ޝާހިދު ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހި އަދަބުގެ އާއިލާއަކަށެވެ. ޖީލުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީއަކީ މިނިސްޓަރުގެ ބޮޑުބޭބެއެވެ. ރިހި ދުލުގެ ވެރިޔާ އިބްރާހިމް ޝިހާބަކީ ޝާހިދުގެ ބައްޕައާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭގެ ފަހަށް ޝާހިދު ވަނީ ރާއްޖޭގައި ވާހަކަ ދެއްކުމުގެ ގައުމީ ފުރަތަމަ އަދި ތާރީހީ މުބާރާތުން އެއްވަނަ ހޯއްދަވާފައެވެ.

"އަބަދުވެސް ބަލަން ރާއްޖޭގެ އިބުރަތްތެރި ވާހަކައެއްގެ ތެރެއިން ރާއްޖޭގެ ސިޔާސީ މާހައުލު ގުޅުވައިގެން ވާހަކަ ދެއްކޭތޯ، ވަރަށް ގިނަ ބޭފުޅުން ވިދާޅުވޭ ވަރަށް ކަމުދެއޭ، އެހެންވެ ވަރަށް އުފާވޭ،" ޝާހިދު ވިދާޅުވިއެވެ.

ދިވެހި ބަހާއި ވާހަކަ ދެއްކުންތެރި ކަމުގައި ޝާހިދުގެ ފުރަތަމަ އެދުރަކީ މާމާފުޅެވެ. އޭނާގެ މާމާފުޅު ވިދާޅުވެއެވެ: "ޝާހިދަށް ދޫފުރޮޅި ބަސް ދަސްކޮށްދޭން ޖެހޭނީ ދިވެހި ބަސް ދަސްވީމަ" އެވެ. -- ދޫފުރޮޅި ބަހަކީ އިނގިރޭސި ބަހެވެ. --

އިނގިރޭސި ބަސް ދަސްކުރައްވަން ފުރަތަމަ ލިބިވަޑައިގެންނެވީ ގްރޭޑް އެކެއްގައެވެ. އޭރު އުމުރުފުޅުން 10 އަހަރެވެ. މާމާފުޅުގެ އެންގުމަށް ކޮންމެ ރޯދަ މަހަކު ސީއަރަތު އެއްކޮށް އަޑުހަރުކޮށް ވިދާޅުވެއެވެ. މިއީ ދޫފުރޮޅިއަށް ވަޑައިގަތުމުގެ ކުރިން ދިވެހި ބަހަށް އެމަނިކުފާނު ހިތްޖެހިވަޑައިގެން ފަރިތަވެވަޑައިގެންނެވި ސަބަބެވެ. މިހާރު ވެސް ޕޯޑިއަމަކަށް އަރާވަޑައިގެން ވާހަކަ ދެއްކެވުމަށްފަހު ގެއަށް ވަޑައިގެންނެވުމުން ބައްޕާފުޅު މޫސާ ޖަމީލްގެ ފަރާތްޕުޅުން ޝާހިދަށް ފީޑްބެކް ލިބި ވަޑައިގަންނަވައެވެ. ގޯސް ބަހެއް، ކުށް ބަހެއް، އަދި ނުގުޅޭ ލަފުޒެއް ވިދާޅު ވެވުނަސް "ބޮޅު އަޅުއްވައި" ދައްކަވައެވެ.

މިރޭ ވަރަށް ހާއްސަ ބަދަލުވުމަކަށް މިނިސްޓަރު ވަޑައިގަންނަވަން އެބަޖެހެއެވެ. އަދި މިރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންވައެވެ. އެ ސެޓަށް އަރާ ވަޑައިގަންނަވާ ހިސާބުން އަޅުގަނޑާ، ޝާހިދުގެ އެއް ދުވަސް ނިމޭނެއެވެ. މުޅި ދުވަހު ޝާހިދު ވަރަށް ގިނަ ވާހަކަވެސް ދައްކަވައިފިއެވެ. ހަމަ އެއްވެސް މީހަކަށް ނޭނގޭނެ ވަރަށް ގިނަ ސިއްރު ވާހަކަ އާއި ވަރަށް މަޖާ، ހީނހީނ އަވަދި ވެދާނެ ވާހަކަތައް ވެސް ވިދާޅުވެ ދެއްވިއެވެ. އޭގެ ގިނަ ވާހަކަތައް ހަމައެކަނި ބާއްވާނީ އަޅުގަނޑުގެ މި ނޯޓް ފޮތުގެ އަރިމަތީ ހަވާސާގައެވެ.

"ނާޒިމަށް އަޅުގަނޑުގެ އާދައިގެ އެއް ދުވަސް ތި ފެނުނީ މާލޭގައި...، ބޭރު ދަތުރެއްގައި ހިފަހައްޓާލެވޭނެ؟،" ނިންމަވާލައްވަމުން ޝާހިދު އެއްސެވިއެވެ. އަޅުގަނޑުގެ ކަހަނބު ކަމަށްޓަކައި "އާދެހޭ" ދަންނަވާކަށް ނުއެއް ކެރުނެވެ. ފިރުކޭން ވިޔަސް ވަރަށް ދާހިތްވެ ވެއެވެ. އޭރަށް ގައިމު ވެސް "ހިބަރުގެ ވަދަށް" ވާންވީމާ އަރާ ވަރުވެސް އެނގޭނެ ނޫން ހެއްޔެވެ؟