ނަސްރުގެ ދުވަސް

މައުމޫނާއެކު ނޮވެމްބަރު 3 ގެ ބައެއް ތަފުސީލަށް

ރައީސް މައުމޫން އަވަސްގެ ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމް ދެއްވި އިންޓަވިއު | އަވަސް ވިޑިއޯ

ނޮވެންބަރު 3، 1988 ގައި ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ގާނޫނީ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލައި ރާއްޖެ ހިފަން ދިން ހަމަލާއަށް މިއަދު 31 އަހަރު ފުރުނީ އެވެ. ހަނގުރާމައިގެ ތަމްރީނު ހަދާފައިވާ ފުރިހަމަ ލަސްކަރެއް ޒަމާނީ ހަތިޔާރާއެކު ރާއްޖެ އަރައި 19 ދިވެއްސަކު ޝާހީދުކޮށް އެތައް ބަޔަކު ޒަހަމްކުރި ހަމަލާއަށް ކިތަންމެ އަހަރެއް ވިޔަސް އެއީ ދިވެހިންގެ ހަނދާނުން ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އަދަދު ނުކުރެވޭނެ މާލީ އަދި މާއްދީ ގެއްލުން ލިބުނު އެ ހާދިސާގެ ސަބަބުން ދިވެހިންގެ ހިތުގައި އުފެދިފައިވާ އެ ރުޅިވެރި ކަމާއި ނަފުރަތު އަލިފާން ދުވަހަކު ވެސް ނިއްވައެއް ނުލެވޭނެ އެވެ.

ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ލިބުނު ފަތަހަ، މިއަދު ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު އެ ހަމަލައާ ގުޅޭ ގޮތުން ރައީސް މައުމޫން ވަނީ އަވަސް އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމަށް ޚާއްސަ އިންޓަވިއުއެއް ދެއްވާފަ އެވެ. މި ހާއްސަ އިންޓަވިއުގައި އެ ދުވަހުގެ ހާދިސާ އެމަނިކުފާނު ސިފަ ކުރައްވާ ގޮތާއި، ރާއްޖެ ސަލާމަތް ކުރަން ކުރެއްވި މަސައްކަތްޕުޅާއި އެޅުއްވެވި ފިޔަވަޅުތަކާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަފުޅު ދައްކަވަ އެވެ. އަދި ޝަރީއަތުގައި ބާޣީންގެ ތެރެއިން މަރުގެ ހުކުމް އިއްވި 16 މީހުންގެ ހުކުމް ލުއި ކޮށްދެއްވި ސަބަބުތައް ވެސް ފިލުވައި ދެއްވަ އެވެ.