އަހަރެން، މި އަހަނީ މިއީ ރާއްޖެއަށް ކިހިނެއް ގެނައި ތަރައްގީ އެއް؟
ދުނިޔޭގެ ނިސްބަތުން އެންމެ ބައިބޯ ވެރިރަށަކީ އަދި ފަހަރެއްގައި އެންމެ ބައިބޯ ސިޓީއަކީ ދިވެހިރާއްޖޭގެ މާލެ އެވެ. އެ ނޫން ކަމަށް ވަންޏާ ވަރަށް މާފެވެ. މާލެއަށް މިހެންވީ ފިތި ބާރު ވެގެން ވިޔަސް "އެންމެ މޮޅު ގޮތް ހޯދާން" ހުރިހާ އެންމެން ދަތުރު ހަދައިގެން އައިސް މާލެއަށް އަރައިގަތީމަ އެވެ. އެންމެން މާލެއާ ދިމާއަށް ދަތުރު ފަށާން ޖެހުނީ އެންމެ "ކާމިޔާބު މީހާ" އަށް ވާށެވެ. "އެންމެ މުއްސަނދި މީހާ" އަށް "އެންމެ މޮޅު" އަދި "އެންމެ އުފާވެރި ދިރިއުޅުން" ހޯދަން ދުށް ހުވަފެން ހަގީގަތަކަށް ހަދާށެވެ. އެއަށް "އެމެރިކަން ޑްރީމް" ގޮތަށް ދިވެހިން ދުށް "މާލޭ ޑްރީމް" އޭ ވެސް ކިއީ ދާނެ އެވެ.
މި ދިރިއުޅުން ލިބެނީ މާލެއަށް ހިޖުރަކޮށް "ރީތި" އެޕާޓްމަންޓެއްގައި "ބޮޑުމުސާރަ" ލިބޭ ވަޒީފާއަކަށް ގޮސް "މޮޅު ސްކޫލަ" ށް ކުދިން ކިޔަވަން ފޮނުވައިގެން ކަމަށް، އެންމެނަށް ގަބޫލު ކުރެވުނީ އެވެ. ނާސިރެއް މައުމޫނެއް ނަޝީދެއް ވަހީދެއް އަދި ޔާމީނަކާއި ސޯލިހެއް ކިޔާނެ ކަމެއް ނެތެވެ. އަދި ވޭތުވެދިޔަ ހުރިހާ ތަނެއްގައި ގައުމު ތަރައްގީ ކުރާން މި އެންމެ ބޭފުޅުން ފުށްގަނޑު މޮޑުނީ އެއްފާޑަކަށެވެ. ރަނގަޅަށް ކުރި އެއް ކަމެއް "ހަރާމެ" ވެ!
ހަތްދިހަ އާއި އައްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުން ފެށިގެން އަދި އެންމެ ފަހުން 2004 ގެ ސުނާމީއަށް ފަހުވެސް ޓްރެންޑް ހުރީ އަބަދުވެސް ހަމަ ރަށުން މާލެ ބަދަލުވުމަށެވެ. މާލެއަށް ތޮއްޖެހި، ބައިބޯވެ، މައްސަލަތައް ބޮޑުވަމުން ގޮސް އަތްލާން ނުކެރޭ ވަރަށް މާލެ ހާލުކޮށްލި އިރު މާލެއަކީ މީހުން ގިނަވެ ފެހިކަން ގެއްލިފައިވާ އަދި އެންމެން ސިފަ ކުރާ ގޮތަށް "ކޮންކްރީޓް ޖަންގައްޔެ" ކެވެ.
ހަށިފުރާ ނޭވާލާނެ ވިންދެއް ވެސް މި މާލެެއަކު ނެތެވެ. ކުދިން ކުޅެލަން ދުވެލަން ރަނގަޅު މާހައުލެއް ނެތެވެ. ދޮށީ އުމުރުގެ މީހުންނަށް މުޅި އުމުރު ބުރަ މަސައްކަތްކޮށް މާނޭވާ ލާ ހިންދަމާލައިގެން އުމުރުގެ ބާކީބައި ގަދަރުވެރިކޮށް އުޅޭނެ ތަނެއް ނެތެވެ. މި "ޖަންގަލީ" ގައި ދިރިއުޅެން މަޖުބޫރުވެފައި ވަނީ "ކުލީގެ އަޅެއް" ގެ ގޮތު އެވެ. ވަޒީފާއަށްޓަކަ އެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭށެވެ. ނުވަތަ ބޭސްފަރުވާއަށެވެ. މިއީ އެތައް ބަޔަކު މާލެއަށް ހިޖުރަަ ކުރަން މަޖުބޫރު ކުރުވާފައިވާ "މާލޭ ޑްރީމް" އެވެ. އެހެންކަމުން، މާލޭގޭ ބިމަކީ ގަނޑުރަން ފަދަ އެވެ. ކިތަންމެ ކުޑަ ތަންކޮޅަކަށް ވިޔަސް ރަނަށްވުރެ ޑިމާންޑް ބޮޑެވެ. އަކަފޫޓެއްހާ ތަންކޮޅެއްގެ ކުއްޔަކީ އެކަކު ވަޒީފާގައި ހަމެއް ކެނޑިގެން ލިބޭ މުސާރާ އެއްކޮށެވެ. ދެން އެހެން ބިލްތައް ދައްކަން ގަނަތެޅެންވީ އެވެ. އެކަމަކު "މާލޭ ޑްރީމް" މިއީ ވެސް ދިރިއުޅުމެކެވެ.
ކޮވިޑްގެ ބަލާއާފަތާއެކު މިހާތަނަށް އާދެވުނު އިރު މީހުނަށް ތަޖުރިބާތަކެއް ކުރެވިއްޖެ އެވެ. އާ ކަންކަން ދަސްވެ އާ އިހުސާސްތައް ކުރެވެން ފަށައިފި އެވެ. ބައެއް ކަހަލަ ޓްރެންޑް ވެސް ދިމާ އިދިދިކޮޅަށް އެބަ ބަދަލުވެ އެވެ. ކޮވިޑަކީ ދުނިޔެ އާއި ދުނިޔޭގައި ތިބި ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ބަދަލެއް ހިފައިގެން އައި ރާޅެކެވެ. ދިވެހިން ވެސް އެ ރާޅުގެ ހޮޅިދަށުގައި ވެފައި ވެއެވެ.
ކޮވިޑްރާޅުގެ ހޮޅިތެރޭގައި އަނބުރަމުންދާއިރު މިހާރު ހިތަށް އަރާނީ ކިތަންމެ ބޭނުމަސް "މާލޭ ޑްރީމް" ހަގީގަތަކަށް ހަދަން ދެން މިތާކު ތިބެވޭކަށް ނެތޭ އެވެ. ވަޒީފާގަނޑު ގެއްލުނީ އެވެ. ދުވާލުގެ ބޮޑުބައި ގުދާރު ބިނދެ، ގުލާނު ކޮށްގެން ހޯދާ ފައިސާކޮޅު ކުއްޔާ ހަވާލު ކޮށްގެން "މާލޭ ޑްރީމް" ގައި ކުލަޖައްސަން އުޅުމުގެ ބޭނުމެއް ނެތްކަން ވިސްނޭން ފަށައިފި އެވެ.
ވަރަށް ގިނަ ބަޔަކު ދެވޭން އޮތް ގޮތަކަށް އަވަހަށް ފުރާ ބޯޓަކުން މިހާރު ބަދަލުވަނީ ރަށަށެވެ. އަނެއް ބަޔަކަށް ސްކޫލް ބަންދުވެ "މޮޅު ސްކޫލު" ން އޮންލައިންކޮށް ކިޔަވާދޭން ފެށުމުން އަދި އިތުރަށް މިއީ ރަށަށް ބަދަލުވާން ލިބުނު ހިތްވަރަކަށް ވެގެން ރަށަށް ފުރައިފި އެވެ.
"މާލޭ ޑްރީމު" ން ހޭލެވުން
"މާލޭ ޑްރީމް" ގައި މިގޮތަށް އުޅެ އުޅެފައި ރަށަށް ބަދަލުވީ އާއިލާއަކަށް ބަލައިލަމާހެވެ.
ކޭކް އެޅުމުގެ ލެެޖެންޑެއް ކަމުގައިވާ ފާތިމަތު ޝީރީންގެ އެފެސް ކޭކް ހިންގާ އެފެސް އިންސްޓިޓިއުޓަކީ ކޭކް ވިޔަފާރީގައި ގިނަ ދުވަސް ހޭދަކޮށް އުފެއްދި ވަރުގަދަ ބްރޭންޑެކެވެ. ޝީރީން އަޅާ ކޭކުގެ ފޮނިކަމާއި މީރު ކަމުން އެ ވިޔަފާރި ކުރިއަރައި ދިޔައިރު ދާއިރާއަށް އެތައް ބަޔަކު ނެރެން އެތައް ތަމްރީނެއް ހިންގާފައިވެ އެވެ.
ޝީރީންގެ ދަރިފުޅު ހަނާން މުހަައްމަދަކީ މަންމަގެ ވިޔަފާރި މެނޭޖް ކުރަމުން މަންމަގެ ފިޔަވަޅުމަތިން މަޑުމަޑުން އަމިއްލަ ވިޔަފާރިއަށް ވަދެގެން އައިސް އަމިއްލަ ދިރިއުޅުމެއް ވެސް ފަށާފައިވާ ޒުވާނެކެވެ. ކޮވިޑްގެ ރާޅުގެ ތެރޭގައި ހަނާންގެ ދެމަފިރިން ވެސް "މާލޭ ޑްރީމް" ގެ ތެރެއިން ހޭލެވުނެވެ. ހޭލެވުމާއެކު ލިބޭހާ ފައިސާއެއް ވިއްޔާ ކުއްޔަށާއި ފެނާއި ނަރުދަމާ އާއި ކުނި، ކަރަންޓާއި ފޯނާއި އިންޓަނެޓަށް ދީފައިވާ "ކުޑަގޮޅި" ކުލީ ކޮޓަރީގައި ބަންދުވެ ތިބެން ޖެހުމުން ހިތަށް އުފާވެރިކަމެއް ނެތްކަން އެނގުނެވެ.
ހަނާންގެ ފިރިމީހާ ރިލްވާން ލަތީފުގެ ވެސް ކުޑަ ވިޔަފާރިއެއް އޮވެ އެވެ. "ޕައިރޭޓް ރިޕަބްލިކް" ގެ ނަމުގައި ހިންގަމުން އައި އެތަނުގައި ބަންދު ބޯޑެއް އަޅުވާލާފައި އެނބުރި އަމިއަލަ ވަޒަނަށް ހިޖުރަ ކުރީ އެވެ. މިވަގުތަށް ދެން "މާލޭ ޑްރީމް" ދޫކޮށްލީ އެވެ.
ހަނާންގެ މަންމަގެ ކޭކް ވިޔަފާރި އާއި ހަނާންގެ ޖޫސް ވިޔަފާރި ބޮޑުދައިތައާ ހަވާލު ކޮށްފައި ޒުވާން ދެމަފިރިންނާއި ދަރިފުޅު ރަށަށް ބަދަލުވީ އެވެ. މަންމައާއި ބައްޕަ ވެސް ގޮވައިގެނެވެ. ދަތުރަށް ފަހު ރަށު ކަރަންޓީނުން އަވަދިގެން ރަށުގެ ވައިފެނަށް ބޭރަށް ނުކުމެލައި ކުޑަދުވަސްކޮޅެއް ވެލުމާއެކު ދަރިފުޅުގެ މޫނުމަތިން ހިނިތުންވުން ފެނިއްޖެ އެވެ. "އައިލެންޑް ލައިފް" އިން ހެޔޮ ބަދަލުތައް ގެނެސްދީފި އެވެ. ދެމަފިރިންނަށް ވެސް އުފާވެރިކަން ގެނެސްދީފި އެވެ.
ވޯކް-ލައިފް ބެލެންސަށް ރަނގަޅު ފޯމިއުލާއެއް
އަނެއް ބަޔަކަށް "މާލޭ ޑްރީމް" އިން ހޭލެވުނީ ބޯ ހާސް ކަމެެއްގެ ތެރެއަށެވެ. ދިރިއުޅުމެއްގެ "އެންމެ ފޮނި މީރުކަން" ބޮޑު އަގުގައި ކުއްޔަށް ހިފައިގެން އުޅޭ ހަތަރު ފާރުގެ އެތެރެއަށް ވުރެ ބޭރަށް ނުކުންނަން ޖެހޭކަން ވިސްނުނެވެ. "ކުލީގެ އަޅަކަށް" ވެފައި "ކޮންކްރީޓުން ކަސްތޮޅެ" އެއް އެޅިގެން ތިބެން ޖެހޭއިރު އަގު ބޮޑުކޮށް ހިފާފައިގެން އުޅޭ ގެއަށް ދުވާލުގެ އަލިކަން ނުލިބޭ ކަން މާ ބޮޑަށް އިހްސާސްވި އެވެ.
ސާފު ފިނި ވަައިރޯޅިއެއް އިރުގެ ރީތި އަވިކޮޅެއް ވިލު މޫދު ލޮނުކޮޅެއް، ގޮނޑުދޮށުން ހުދު ވެލިކޮޅެއްގައި ބީހިލެވޭނެ ގޮތެއް ނެތެވެ. ކުދިން ގޮވައިގެން ހަތަރު ފާރުތެރޭގައި ތިބެން ބުރައަކަށްވި އިރު ލޮކްޑައުންގައި ހާސްކަމާއި ސްޓްރެސް އިންތިހާއަށް ދިޔައީ އެވެ. މި ސަބަބުތަކާ އެތައް އާއިލާއެއް ވަނީ "ރަށު ލައިފަށް" އެހެންނާ ރަށްފުށު ދިރިއުޅުމަށް އަލުން ހިތް ކިޔައި ދިރިއުޅުން ރަށަށް ބަަދަލު ކޮށްފަ އެވެ.
"ވޯކްފްރޮމްހޯމް" ގެ ބޭނުން ރަށުގައި ހުރެ
ބައެއް މީހުން "މާލޭ ޑްރީމް" މުޅިއަކުން އެކަށް ދޫކޮށްލީއެެއް ވެސް ނޫނެވެ. ކިރިޔާ ވެސް ދެވެން އޮތީމަ ދިޔައީ އެވެ. އެފަދަ މީހުން ކުދިން އޮންލައިންކޮށް ކިޔަވާލައިގެން މަންމަގެ "ވޯކް ފްރޮމް ހޯމް" އިން ލިބުނު ފުރުސަތާއެކު ދުވާލުގެ ދެން އޮތްބައި ހޭދަކޮށް ލަނީ ރަށުގެ ގޮނޑުދޮށުގައި މޫދު އުނދޯއްޔެއްގަ އެވެ. ހުދުވެލިގަނޑު މަތީގަ އާއި ހޭޅި ތުނޑީގަ އެވެ.
މިއީ "މޭލޭ ޑްރީމް" އިން ހޭލެވުނު ޒުވާން އެހެން މަންމައެކެވެ. މޮޅަށް ކިޔަވައިގެން ހުރި ޒުވާނެކެވެ. އައްޑޫ ފޭދޫއަށް އުފަން އައިޝަތު ފަރުހަތު އަލީގެ (ފަރާ) އޮތީ މުޅީން އެހެން ވާހަަކައެކެވެ. އޭނާގެ ތިން ކުދިންނާއި މަންމަ އާއެކު ރަށަށް ބަދަލުވީ އޮފީހުން އޭނައަށް ލިބުނު ވޯކް ފްލެކްސްބިލިޓީއާ އެކުއެވެ. ފަރާ ކަންކަން އޮންނަ ގޮތުން މީގެ ކުރިންވެސް ވަޒީފާއާ ގުޅިގެން ވަރަށް ގިނައިން އުޅެން ޖެހެނީ އަތޮޅުތަކަށް ދަތުރު ކުރުމުގަ އެވެ. މިފަހުން ރާއްޖޭގެ ހަދާފައިވާ ނޭޗާ ޕާކްތަކާއި އަދި ހިމާޔާތްކޮށްފައިވާ ތަންތަނާއި ގުޅޭގޮތުން ކުރަންޖެހޭ ބުރަ ބޮޑު މަސައްކަތްތައް ފަރާގެ ބޮލުގައި އެޅިފައި އޮވެ އެވެ.
އެންވާރަަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިހާރު ކުރިއަށް ގެންދާ ދިރާސާއެއް ކަމުގައިވާ ރާއްޖޭގެ ދޮންދީނީ އާބަދީ އާއި ގުޅޭގޮތުން އައްޑޫގައި ކުރިއަށްގެންދާ މަސައްކަތުގެ ފޯކަލް ޕޮއިންޓަކީ ފަރާ އެވެ. މަސައްކަތާއި ގުޅޭގޮތުން އެހެން ރަށް ރަށަށް ދަތުރު ކުރުވުމެގެ ފުރުސަތު އޮތުމުން އޭނާ މަސައްކަތަކަށް ބުރުލެއް ނާރައެވެ. -- ދޮންދީނި ރާއްޖޭން ފެންނަނީ އައްޑު އަތޮޅުންނާއި ހުވަދު އަތޮޅު ހައޮޑިގާލާއިންނެވެ.
"އެންވާރަމްންޓް ދާއިރާގައި މަސައްކަތް ކުރާއިރު އޮފީހުން ލިބުނު ފްލެކްސިބިލިޓީގެ ތެރޭގައި 'ވޯކް ފްރޮމް ހޯމް' ހިމެނޭ. ކުދިންނާއި މަންމައާ އެކު ރަށަށް ބަދަލުވީ. މަންމައަކީ ހައިރިސްކް މީހެއް. އޮންލައިންކޮށް ކުދިންނަށް ކިޔެވުމުގެ ފުރުސަތު އެބައޮތް ރަށުގައި ތިބެގެން،" ފަރާ ބުންޏެވެ. "ކޮވިޑާއެލު މާލޭ، ގޭބަންދުގައި ތިބި ތިންމަސް ދިޔައީ ވަރަށް ސްޓްރެސް ބޮޑުކޮށް. އެކަމަކު ރަށަށް ބަދަލުވުމުން މި ކުދިންނަށް ވަރަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އައިސްފި. އާ ކަންކަން އަދި ހުނަރު ދަސްކޮށްފި. އާ ފުރުސަތު ލިބިއްޖެ. ބައިސްކަލް ދުއްވާނެ، ފަތާނެ... މަސްބޭނުން އަދި ކުކުޅު ބެލެހެއްޓުމާއި ގަސް އިންދުމާއި މިހެން ގޮސް އެތަށް ކަމެއް. އަމިއްލަ ގޭގައި ގޯތިތެރޭގައި އެކުދިންނަށް މިކަން ކަން ކުރާނެ ޖާގަ އެބައޮތް. ކޮވިޑާއެކު ލިބުނު މި ފުރުސަތަކީ ކުދިންނަށްވެސް މަޑުޖެހިލާ ނޭވާލާން ލިބުނު ފުރުސަތެއް"
ހެދިބޮޑުވަމުން އަންނަ ކުއްޖައްކު ޑިޖިޓަލް އިސްކިރީނުގެ އަޅަކަށް ހެދުމުގެ ބަދަލުގައި ރަށު ލައިފްސްޓައިލް މާ ރަނގަޅެވެ. ދިރިއުޅުން އެގޮތަށް އަނބުރާލައި ބަދަލުކޮށް ނުލި ނަމަވެސް މިކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. ފަރާއަށް ވެސް މިހާރު ހިތްހަމަޖެހުން ލިބިއްޖެ އެވެ. ދެފައި އެއްތާ ނުޖަހާ އެހާ ބުރަކޮށް މަސައްކަތްކުރުމަށް ފަހު ކުދިންނާއެކު ކޮލިޓީ އަދި އުފާވެރި ވަގުތު ހޭދަ ކޮށްލެވޭތީ ފަރާވެސް މިހާރު ހާސްބައި ތަފާތު ވެފައި ފެނަށް ދިރިލައިފިހެން ހީވެއެވެ.
މާލެއަށް ވެސް މިގޮތް މާ ރަނގަޅު
މާލެއަށް ވެސް މިގޮތް މާ ރަނގަޅެވެ؛ މި ލިބުނީ ކުކުޑަ އެކަމަކު އެންމެ ބޮޑު ރަށަށް ލުޔެކެވެ. ރަށުގެ ތޮއްޖެހުމާއި ހާސްކަން ކޮންމެވެސް މިންވަރެއްގައި ކުޑަވެ ލުއިވެލައިފި އެވެ އެވެ. އަދި "އަތުނުޖެހިގެން" އުޅުނު ކުލިވެސް ހިސާބަކަށް "މައިތިރި" ވެލައި "މާ އުހުގައި އުޅުނު" ގިނަ އެތައް ބަޔަކު ވެސް ހަމަ ބިމަށް ފައިބައިފި އެވެ. މާލޭގެ އެޕާޓްމަންޓް ތަކުގެ އަގުވެސް ޕަސެންޓަކުން ތިރިއަށް ޖެހިލައިފި އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ވިޔަފާރިވެރިޔަކު ވިދާޅުވި ގޮތުގައި މިދިޔަ ހަ މަސް ދުވަހު އެޕާޓްމަންޓްތަކުގެ ކުލިތައް ބޮޑުތަނުން ކުޑަވެފައި ވެއެވެ.
"އަޅުގަނޑުގެ އަތުގައި ހުރި 30 އެޕާޓްމަންޓްގެ ތެރެއިން ބައެއް ތަންތަން ހުސްކޮށް ކުލި ނުދެއްކިގެން ރަށަށް ބަދަލުވީ ދިން 15 ޕަސެންޓް ޑިސްކައުންޓާ އެކުވެސް ކުލި ދެއްކޭނެ ގޮތެއް އެމީހުންނަށް ނުވެގެން. އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ކުލިން 25 ޕަސެންޓް ކުޑަކޮށްފިން. ކޮވިޑްގެ ކުރިން މާލޭގައި އެވެރޭޖްކޮށް ކުލި މި އުޅެނީ 8000 އާއި 17000 އާއި ދެމެދު،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "އެކަމު މިހާރު ވަރަށް ބޮޑަށް އަގު ދަށްވެއްޖެ. މިހާރު މިއުޅެނީ ހަހާހާއި އަދި 12،000 ދެމެދުގެ އަގެއް. އެންމެ ބޮޑު ކަމަކީ ހަމަ ޑިމާންޑް ދަށްވުން... ހިފާނެ ބަޔަކު ނެތީ ކިޔާ އަގަށް ހިފަން. އެވަރަށް އާމްދަނީއެއް މީހުންނަށް ނުލިބޭތީ. މީހުން ބުނޭ އަދި ފަހުން އުފުލޭނޭ. އެކަމް އަހަންނަށް ހީވަނީ ދެން މައްޗަކަށް ނުދާނެހެން،"
ކުއްޔަށް ތަނެއް ހޯދަން ބޭނުން ވެގެން އެންމެ އަވަހަށް ބަލާ ޕްލެޓްފޯމްތަކުގައި ހިފާނެ ބައެއް ނެތިގެން އެކި އެކި އެޕާޓްމަންޓްތައް މިދުވަސްކޮޅު ގިނަ އެވެ. އަދި ސޯޝަލް މީޑިއާ ފީޑުންވެސް އެޕާޓްމަންޓް ކުރިން ކުއްޔަށް ކީ އަގުތަކާއި އެތައް ގުނައެއް ދަށް އަގެއްގައި އެބަ އިޝްތިހާރު ކުރެ އެވެ.
އެހެންވީމާ ކޮވިޑްގެ ރާޅާއެކު އަހަރުމެންނަށް ވަރަށް ގިނަ ކަންކަން ދަސްވެސް ވެއްޖެއެއް ނޫން ހެއްޔެވެ؟ މިއީ ކޮވިޑް ނަގައިދިން ފިލާވަޅެކެވެ. "މާލޭ ޑްރީމް" ހޯދަން ރަށް ދޫކޮށްލާ މާލެއަށް އަރައި މިގަންނަން ޖެހޭ ސަކަރާތްގަނޑު މާ އުދަނގުލެވެ. މިއަށްވުރެ ރީތި ތާހިރު ދިރިއުޅުމެއް ރަށުގައި އުޅެވިދާނެ އެވެ. އެގޮތް ވެސް އެ ރަށް ވެސް އަދި ހަލާކު ނުކުވެ ރީތިކޮށް އެބަ އޮތެވެ. ބާޒާރު ކުރާނެ ފިހާރަތަކާއި ސައިތައްޓެއް ބޯލާނެ ކެފޭވެސް ރަށުގައި އެބަހުއްޓެވެ. ނެތްނަމަ މިފަދަ ތަނެއް ހަދަން ޖާގަ އެބައޮތެވެ. ބަނޑުފުރާލަން އަމިއްލައަށް މޭވާ ތަރުކާރީ އިންދާނެ ޖާގަ އެބައޮތެވެ. ކުރާނެ ކަމެއް ކުރާންވީ އެވެ. ރަށު ޓޫރިޒަމް ތެރެއަށް ވެސް ވަންނަންވީ އެވެ.
"މާލޭ ޑްރީމް" އިން ހޭލެވުނު މީހުނާ ހެދި ވަރަށް ބޮޑު ރަނގަޅެއް އެބަވެ އެވެ. އަޅާނުލެވި ދޫކޮށްލާފައިވާ އަމިއްލަ ވަޒަނަށް ބޭނުންވާ ލޯބި ހިފައިގެން ރަށަށް ދާން އިސް ނަގާނެ ބަޔަކުވީ އެވެ. ކޮވިޑްގެ ހާލާތާއެކު ރަށަށް ބަދަލުވާ މީހުނާއި ރަށުގެ ރައްޔިތުން ގުޅިގެން އަންނަނީ ކޮމިއުނިޓީ ޕްރޮޖެކްޓްސްގެ ގޮތުގައި ގޮނޑުދޮށްތަކާއި ހޮޅުއަށްޓާއި ހިތްފަސޭހަ މައިޒާންތައް އަލުން އަނބުރާ ބޭނުން ކުރެވޭ ގޮތަށް ސާފު ކުރަމުންނެވެ. ރަށު އެއްމެނާއި ރަށަށް އަރާ ފައިބާ އެންމެނަށް ހިތްފަހި މާހައުލެއް ހޯދައިދޭށެވެ.
އާއިލާތަކަށް ކުދިންނަށް މާމާ ކާފައަށް ލޯބިވެރިންނަށް އުފާވެރި މާހައުލެކެވެ. އުމުރުން ދުވަސްވީ މީހެއް ނަމަ ރިޓަޔާ ކުރަން ދެވަނަ އެއް ނެތެވެ. ގަސް ރުކުން މަލަފެވ ރީތި ހިތްހަމަޖެހޭ ޖައްވެކެވެ. އެއްމެންނަށް ހިތް އުފާކޮށްދޭނެ ލޯބި ވަޒަނެކެވެ. މާލެޑްރީމް ބަދަލުގައި "ދިވެހިރާއްޖެ ޑްރީމް" އަކަށް މީހާ ބަދަލުވާންވީ އެވެ.
އަދިވެސް އަހަރެން މި އަހަނީ ތަރައްގީ ވެސް މިގޮތަށް ގެނައިނަމަތާ!