މާ ލޭގެ ބިމަށް ނުކަތާ ވަރަށް މިތަނުގައި މީހުން ދިރިއުޅެމުން އެބަދެ އެވެ. އެހެންވެ މިފަދަ ތަނަކުން ފެންނާނެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއް މާލެ އިން ފެންނަމުން އެބަދެ އެވެ. ކުރުކޮށް ސިފަކުރާނަމަ މާލެ އަކީ ހަމައެއް ލަމައެއް ނެތް ކުށުގެ ހާއްޔެއް ކަމަށް ބުނެވިދާނެ އެވެ.
މާލޭގެ މަގުމަތީގައި އުޅަނދު ދުއްވުމާއި ޕާކް ކުރުމުގައި މާބޮޑު ތަރުތީބެއް ނެތެވެ. ވިޔަފާރިވެރިން އެމީހަކު ބޭނުން ތަނެއްގައި ބޭނުން އެއްޗެއް ބަހައްޓައިގެން ވިއްކަނީ އެވެ. މާލޭގެ ހަނި މަގުތައް ބަންދުކުރަންވީމާ ކުރަނީ އެވެ. މިކަންކަން ބަލާ އިސްލާހު ކުރާނެ މީހަކު ނެތެވެ. ކަމެއް ރަނގަޅު ކޮށްލަން ބުނާނެ މީހަކު ނެތެވެ. ފުލުހުން އޮތީ ނަމެއްގަ އެވެ. ދައްޗާއި އުދަނގުލުގައި ނަމަވެސް މާލެ ސިޓީ ކައުންސިލުން ކަމެއް ކުރެވޭތޯ އުޅޭތަން ފެނެ އެވެ.
މާލޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް މާލޭގެ މޭޔަރު ކަމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މާލޭ ހަމައަކަށް އަޅުވަން ބޮޑު އިސްކަމެއް ދެއްވި އެވެ. މި ޕްލޭންގައި ހިމެނި ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ "މަގުފާރަވެރިން" މަގުތަކަށް ނެރުމެވެ.
މަގުފާރަވެރިންގެ މައިގަނޑު މަސައްކަތަކީ މާލޭގެ މަގުތަކުން ފެންނަ، ހަމައާއި އުސޫލުން ބޭރު ކަންކަން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމެވެ. މީގެތެރޭގައި ގަވައިދާ ހިލާފަށް ޕާކް ކުރާނަމަ އެކަން އިސްލާހުކުރުމަށް އެ މީހުން އަންގާނެ އެވެ. މަގުމައްޗާއި ދުވާރުމަތީގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ އެފަދަ ތަކެތި ނަގަން އެ މީހުން ބުނާނެ އެވެ. ހުއްދަ ނުނަގާ މަގު ބަންދުކޮށްގެން އެއްވެސް ކަމެއް ކުރާނަމަ އެ މީހުން އެކަމެއް ހުއްޓުވާނެ އެވެ. މަގުތަކާއި ބަނދަރު ހިމެނޭ ފަޅުތެރެއަށް ކުނި އަޅާނަމަ އެ ބަޔަކު ހޯދާނެ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މަގުފާރަވެރިން މަގުމައްޗަށް ނެރެނީ ފަހަރެއްގައިވެސް ބަޔަކަށް ފިޔަވަޅު އަޅައި އަދަބު ދޭން ނޫން ކަމަށެވެ. ބޭނުންވަނީ މާލެ ސިޓީ ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން މާލެ އަކީ އަމާން، ހިތްފަސޭހަ އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެމީހުން ނެރެވުނީމާ ކަންކަން ބެލޭވަރު ކަންކަން ހައްލުކުރެވޭ ވަރު އިތުރުވާނެ. މަގުމަތީގައި ގޯސްކޮށް ހުންނަ ކަންކަން ރަނގަޅުކުރަން ވަރަށް ގިނަ ފިޔަވަޅުތައް އެޅިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލެ ބެލެހެއްޓުމަށް މަގުފާރަވެރިން ނެރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެކި ވަގުތުތައް ބަހާލައިގެން މަގުފާރަވެރިންގެ ސްކޮޑްގައި ހިމެނޭ މީހުން މެންދަމު 12 އިން ހެނދުނު 8 އާ ދެމެދު ފިޔަވާ ހުރިހާ ވަގުތެއްގައި މާލޭގެ މަގުތައް އަދި އާންމު ތަންތަން ބަލަހައްޓަމުން ދާނެ އެވެ.
މިވަގުތު މި މީހުންނަށް މަގުފާރަވެރިންގެ ގޮތުގައި މުހާތަބު ކުރި ނަމަވެސް މި މީހުން ރަސްމީ މަސައްކަތަށް ނިކުންނާނީ "ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް"ގެ ނަމުގަ އެވެ. ނަމަށް ބަދަލު ގެނައުމަށް ނިންމީ މާލޭގެ އާންމު ރައްޔިތުންނާ ގުޅިގެން މި މީހުންގެ މަސައްކަތްތައް ކުރަންޖެހޭ ގޮތަށް ހުރިހާ ކަމެއްވެސް ރޭވިފައިވާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ފުލުހުން މިފަހަކަށް އައިސް މާބޮޑަކަށް ކަންކަމަކު [އަޅުގަނޑުމެންނާ] މުއާމަލާތެއް ނުކުރައްވާ. އެހެންނަމަވެސް އަޅުގަނޑުމެން ސަޕޯޓް ދެން ހުރިހާ ކަމަކުވެސް. އެހެންވެ އަޅުގަނޑުމެން މިމަސައްކަތް ފެށީ ކައުންސިލްގެ އަމިއްލަ ޓީމެއް މަގުމައްޗަށް ނެރެން،" މަގުފާރަވެރިން މަގުމައްޗަށް ނެރެންޖެހުނު އެއް ސަބަބު ފާހަގަކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ ފުލުހުންގެ ވާހަކައެވެ.
މާލޭގެ މަގުތައް ހަމައަކަށް އެޅުވުމަށް މީގެޒަމާންތަކެއް ކުރިން "ޓްރެފިކް ވޯޑުން" އަދި "ސުޕަވައިޒަރުން"ގެ ނަމުގައިވެސް މާލޭގައި ބަޔަކު މަސައްކަތް ކުރި އެވެ. މާލެ މުނިސިޕަލްޓީން މާލެ ބެލެހެއްޓިއިރު ޓްރެފިކް ވޯޑުންނާއި ސުޕަވައިޒަރުން ވަނީ ހަމައާއި އުސޫލުން ބޭރުން ކަންކަން ކުރާ މީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅައިގެން މާލެ ހަމައަކަށް އަޅުވާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މަގުމައްޗަށް ނެރޭ މަގުފާރަވެރިންނާ އެކު މާލެ ހަމައަކަށް އެޅިގެން ދިއުމަށް އާންމުން އުއްމީދު ކުރެ އެވެ. މާލެ އޮތީ ހަމައާއި އުސޫލުގެ ތެރެއަށް ފައްތާ، އަމާން، ހިތްފަސޭހަ އަދި ސާފުތާހިރު ތަނަކަށް ހަދަންޖެހިފަ އެވެ. އެކަން ނުވާނަމަ މާލެ ސިޓީ ކައުންސިލާއި ފުލުހުންގެ ބޭނުމެއް ނެތެވެ.