މީގެ އެތައް އަހަރު ތަކެއް ކުރިން، މާލޭގައި ގާ އަތުރާފައި ނުހުންނަ އިރު ފެނަށް އެރިގެން ސްކޫލަށް ދިޔަ ވާހަކަ މެދު އުމުރުގެ މީހުން ކިޔަ އެވެ. އެ މީހުން ބުނާ ގޮތުން ނަމަ ވާރޭ ކޮޅެއް ވެހިލާ އިރަަށް ރަށެކޭ އެއްގޮތަށް މާލެ ވެސް އޮންނާނީ ހަމަ ފެނު އަަޑީގަ އެވެ. ފެން ބޮޑުވެ، ކަކުލާ ހަމަ އަށް ފެން އަރާނެ އެވެ. ހިނގާ ބިނގާ ވެވޭކަށް ނޯވެ އެވެ. ތަނަކަށް ދެވޭނީ ވަރަށް ހާލުންނެވެ. އަރައިގެން ހުންނަ ފެން ފައިވާންގަަނޑު އަތަށް ނަގައި ހަރުވާޅު އޮޅާލާ ދެން ފެނަށް އެރިގެންދާން ޖެހެ އެވެ. އެއީ އެ ދުވަހެވެ. މިއަދު ތަފާތީ މާލޭ މަގުތަކުގައި އަތުރާފައި ހުރި ގާ އެކަންޏެވެ. ތަފާތަކީ ގާތައް ހުރުމުން ޗަކަ ނެތް ކަމެވެ. އެހެން އެއްވެސް ތަފާތެއް ނެތެވެ.
ވާރޭ ވެހޭ ދުވަހު މުޅި މާލެ އެކި ފާޑު ފާޑުގެ ޕޫލު ތަކަށް ވެ އެވެ. އަމީނީ ކޯރާއި ބޮޑު ތަކުރުފާނު ޕޫލާއި ރިންގު ރޯޑަށް ފަތާލާށެވެ. އާއްމުންނަށް މިކަން ޖޯކަކަށްވީ ވެސް މި ވާހަކަ ދައްކާ ދައްކާ ގޮސް ބަދަލުވާ ކޮންމެ ސަރުކާރަކާއެކީ މައްސަލަ ހައްލު ކުރާނަަމޭ ބުނެ ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ހޮޅި ވާހަކަ އަކަށް ވާތީ އެވެ. އެއް ސަރުކާރު ނިމި އަނެއް ސަރުކާރަށް މަރުހަބާ ކިޔާއިރު މައި ޕްރޮޖެކްޓުތަކުގެ އެންމެ ކުރީގައި މާލޭ ފެން ބޮޑުވުން ހައްލުކުރުން ހިމަނަ އެވެ.
އާ ސަރުކާރެއް އައިސް މާލެ ސިޓީގެ މޭޔަރު ކަމަށް ޝިފާ މުހައްމަދު ހަމަޖެއްސެވުމުން މި މަސައްކަތް ފެއްޓި އެވެ. މީގެ ދެ އަހަރު ކުރިން ހަމަ މި ދުވަހު، މާލޭގެ މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މަޝްރޫއެއް ހިންގަން އިއުލާން ކުރި އެވެ. މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި އެވެ. ޖެހިގެން އައި އަހަރު އެ މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް ނެތި ގޮސް، މި އަހަރުގެ ކުރީ ކޮޅު މަސައްކަތް ރަސްމީކޮށް ފަށައިފި ކަމަށް އިއުލާނު ކުރި އެވެ.
ގާތްގަނޑަކަށް 426 މިލިއަން ރުފިޔާ އަށް 'މާލެ ސްޓްރީޓް ސްކޭޕިން' ގެ ނަމުގައި ފެށި މަސައްކަތް ހަވާލު ކުރީ އާރްޑީސީ އާއެވެ. އެ މަސައްކަތުގެ މަޝްރޫއުގެ ފުރަތަމަ ފޭސް ކުރިއަށް ދަނީ މާފަންނު ކަނބާއައިސާރަނި މަގާ ހަމައިންނެވެ. ފުރަތަމަ ފޭސްގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތައްޔާރު ކުރާނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އައި ހުރަސްތަކާއެކު މި މަސައްކަތަށް ވެސް ހިޔަނި އެޅުނެވެ. ފުރަތަމަ ފޭހުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އާރްޑީސީން ލަފާ ކުރަނީ މި އަހަރު ޑިސެމްބަރު ފަހުކޮޅަށެވެ. މޫސާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޕައިލެޓް ފޭސްގައި ހިމެނޭ މައިގަނޑު ހަތް މަގު ނިންމާލެވޭނެ އެވެ. އަދި ސެޓްލްމަންޓް ޓޭންކްތަކާއި ކާބްސްޓޯންއާއި ކޭބަލް ޖަންކްޝަން ހެދުމާއި ބްލޮކްސް ބޭނުންކޮށްގެން ޕެޑެސްޓްރިއަން ވޯކްވޭ ހެދުމާއި ވޯޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރުމާއި ކެރިއޭޖް ވޭ ހެދުމާއި ރޯޑް މާކިންސް އަދި މަގުބައްތި ހަރުކުރެ އެވެ.
މި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލަށް ގުޅުމުން، ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު އަދި އެމްޑީޕީ އެކްޓިިވިިސްޓެއްގެ ގޮތުގައި ފާހަގަވާ ޝަތުފާ ބުނީ ޕްރޮޖެކްޓު ނިމުމުން މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ.
މި ހަފްތާގައި ވެހުުނު ވާރެއާ އެކީ ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާވެސް ސިޓީ ކައުންސިލަށް އަމާޒު ވި އެވެ. ކުރީ ސަރުކާރުގައި މުއިއްޒު ވުމޭ ބުނި ގޮތަށް ޝިފާ ވެއްޖޭ ޖެހި އެވެ. އާއްމުންގެ މީހަކު ޓްވިޓާގައި ޖެހި ހިޔާލަކަށް ޝިފާ ޖަވާބު ދެމުން ދެއްކެވީ މީގެ ކުރިން ވެސް އަދި އަަބަދު ވެސް ވިދާޅުވާ ވާހަކަ އެވެ. ފެންބޮޑުވާ މައްސަލަ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހައްލު ނުކުރީ ކީއްވެތޯ އާއްމުން ހިތަށް އަރާ ކަމަށެވެ. ގިނަ ބަޔަކު ވަނީ ޝިފާގެ ޓްވީޓު ރީޓްވީޓުކޮށް އެކަމަށް ރައްދު ދީފަ އެވެ.
އެކަކު ޖެހި އެވެ. "ކުރީ ސަރުކާރަށް ހައްލު ނުވިތޯ އާއްމުން މިހާރު ނޫޅެ އެވެ. އެއީ މިހާރު އޭނާގެ ޒިންމާ އެއް ނޫނެވެ. ސަރުކާރަށް ދެ އަހަރުވީ އިރު މި މައްސަލައަށް ހައްލެއް ނުހޯދުނުތާ ތި ކިޔަނީ ކުރީ ސަރުކާރޭ އެވެ"
އެހެން މީހަކު ހިޔާލު ފާޅު ކުރި ގޮތުގައި، ކުރީ ސަރުކާރުން ހެދި ރންގު ރޯޑުން ޓްރެފިކް އަށް ލުޔެއް ލިބުނެވެ. މި ސަރުކާރުން މަގުތައް ބެލެހެއްޓުމުގެ އެއްވެސް ކަމެއް ނުކުރެ އެވެ.
ގިނަ ބަޔަކު އަދިވެސް ދަނީ މި މައްސަލައިގައި ފާޑުކިޔަމުންނެވެ. މާލޭގައި ފެންބޮޑުވުމާއެކު ދިމާވާ އުނދަގޫތައް އެހެން އަހަރުތަކާ އަޅާ ބަލާއިރު މި ދުވަސްވަރު މަދުވާނެ އެވެ. އަދިވެސް ދަށް ގްރޭޑުތަކަށް ކިޔަވައި ނުދޭތީ ސްކޫލުން ގެއަށް ބޫޓު އަތަށް ލައިގެން ދާ މަންޒަރު ނުފެނެ އެވެ. އަދި ބައެއް އޮފީސްތައް އާއްމު ހާލަތަށް ނުގެންނާތީވެސް ކުރިއާ ތަފާތެވެ. އެކަމަކު، މޫސުމީ މި މައްސަލައަށް ހައްލެއް ހޯދޭނެ ދުވަހެއްގެ އިންތިޒާރުގައި ތަރައްގީ އަށް ހޭނިފައި ތިބި ބަޔަކު މާލޭގައި އެބަ ތިއްބެވެ.